ޚަބަރު

5 ރަށެއްގެ ތަރައްޤީގެ މަޝްރޫޢުތައް އެމްޓީސީސީއަށް


  • ހަވާލުކޮށްފައިވަނީ ގާފަރު، މަޑަވެލި، ދަރަނބޫދޫ، ފުނަދޫ އަދި މާފުށީގެ މަޝްރޫޢުތައް

ރާއްޖޭގެ 5 ރަށެއްގައި އުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދިޔުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

މިރަށްތަކުގައި އުމްރާނީ ތަރައްޤީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ، މިއަދު ބިނާރާ ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާބެހޭ ވުޒާރާގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މި އެއްބަސްވުމުގައި ބިނާރާބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ، ސްޓޭޓް މިނިސްޓަރ އިސްމާޢީލް ޙަމީދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޖަމްޝީދެވެ.

މިއަދު ސޮއިކުރި އެއްބަސްވުންތަކުގެ ތެރޭގައި 5 ރަށެއްގެ ބަނދަރާއި ގޮނޑުދޮށް ހިމާޔާތްކުރުމުގެ މަޝްރޫއުތައް ހިމެނެއެވެ.

އެމްޓީސީސީއާ ހަވާލުކުރި މަޝްރޫޢުތައް:

• ށ. ފުނަދޫ ބިން ހިއްކުމާއި ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހި
• ގދ. މަޑަވެލި ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢު
• ފ. ދަރަނބޫދޫ ގޮނޑުދޮށް ޙިމާޔަތް ކުރުމުގެ މަޝްރޫޢު
• ކ. ގާފަރު ބަނދަރު މަރާމާތުކުރުމުގެ މަޝްރޫޢު
• ކ. މާފުށި ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހި

އެމްޓީސީސީއަށް ހަވާލުކޮށްފައިވާ ށ. ފުނަދޫ ބިން ހިއްކުމާއި ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތުގެ ދަށުން 26.55 ހެކްޓަރުގެ ބިން ހިއްކުމާއި، 3284 މީޓަރު ޖިއޯ ބޭގް ރިވެޓްމަންޓް ޖެހުމުގެ އިތުރުން 50 މީޓަރު ޖިއޯ ބޭގް ގްރޮއިން ޖެހުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ގދ. މަޑަވެލި ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގެ ދަށުން ބަނދަރު އަދި ނެރު ފުންކުރުމާއި، ދޯނި އެހެލާ ސަރަޙައްދު ތަރައްޤީ ކުރުމާއި، ބޭރުތޮށީގެ 253 މީޓަރުގެ ސަރަހައްދެއްގައި ބޮޑު ހިލަ ޖެހުމަށް ވަނީ ހަމަޖެހިފައެވެ. އަދި 367 މީޓަރުގެ ކުރީގެ އެއްގަމުތޮށި މަރާމާތުކޮށް، 383 މީޓަރުގެ އައު އެއްގަމު ތޮއްޓެއް ޖެހުމަށް ހަމަޖެހިފައިވާ ކަމަށްވެސް ބިނާރާބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

ފ. ދަރަނބޫދޫ ގޮނޑުދޮށް ޙިމާޔަތް ކުރުމުގެ މަޝްރޫޢު އެމްޓީސީސީއަށް ހަވާލުކޮށްފައިވަނީ، 360 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މި މަޝްރޫޢުގެ ދަށުން ގްރޮއިން ޖެހުމާއި، ބޮޑުހިލައިގެ ލޯކްރެސްޓް ބްރޭކް ވޯޓަރ ޖެހުމަށް ވަނީ ހަމަޖެހިފައެވެ.

އެމްޓީސީސީއާ ހަވާލުކުރި ކ. ގާފަރު ބަނދަރު މަރާމާތުކުރުމުގެ މަޝްރޫޢުގެ ދަށުން ބަނދަރާއި ނެރު ފުންކޮށް، 420 މީޓަރުގެ ބޮޑުހިލައިގެ ބޭރުތޮށި ޖެހުމާއި، 17 މީޓަރު ބޮޑުހިލަ ސަބްމާރޖްޑް ބޭރުތޮށި ޖެހުން އަދި މިހާރުގެ 468 މީޓަރުގެ އެއްގަމުތޮށި މަރާމާތުކުރުމަށް ވަނީ ހަމަޖެހިފައެވެ.

ކ. މާފުށި ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ ދަށުން 25 ހެކްޓަރުގެ ބިން ހިއްކުމާއި، 724 މީޓަރުގެ ބޮޑުހިލަ ރިވެޓްމަންޓް ޖެހުމާއި، 162 މީޓަރުގެ ބޮޑުހިލައިގެ ބްރޭކްވޯޓަރ ޖެހުމުގެ އިތުރުން 356 މީޓަރުގެ ބޮޑުހިލައިގެ ގްރޮއިން ޖެހުމަށްވެސް ވަނީ ހަމަޖެހިފައެވެ.

5 ރަށެއްގެ އުމްރާނީ ތަރައްޤީއާ ގުޅޭ މަޝްރޫޢުތަކުގެ މަސައްކަތްތައް މިއަދު އެމްޓީސީސީއާ ހަވާލުކޮށްފައިވާއިރު، އިއްޔެވަނީ 4 ރަށެއްގައި ކުރިޔަށްގެންދާ މަޝްރޫޢުތައް އެކުންފުންޏާ ހަވާލުކޮށްފައެވެ. އެއީ، ބ. ކިހާދޫއާއި ހއ. މުރައިދޫ ގޮނޑުދޮށް ހިމާޔަތް ކުރުމާއި، ދ.ބަނޑިދޫ ބަނދަރު ފުން ކުރުމާއި، ޖެޓީ ތަރައްޤީ ކުރުމުގެ އިތުރުން ހއ. ކެލާ ބަނދަރު އަޕްގްރޭޑް ކުރުމާއި މަސްވެރިކަމުގެ ވަސީލަތް ބިނާކުރަން ބިން ހިއްކުމުގެ މަޝްރޫޢުއެވެ.