ރާއްޖެއަށް މެދުނުކެނޑި ފެންވަރު ރަނގަޅު ބޭހުގެ ބާވަތްތައް ފޯރުކޮށްދިނުމުގެ ނިޒާމު ހަރުދަނާ ކުރުމަށް ސްޓޭޓް ފާމާއިން ހިރާނިސް ފާމަސޫޓިކަލްސް ޕްރައިވެޓް ލިމިޓެޑާއެކު ޑިސްޓްރިބިއުޓަރޝިޕް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ސްޓޭޓްފާމާއިން ވިދާޅުވީ، މިއަދު ސޮއިކުރި އެއްބަސްވުމަކީ ސްޓޭޓް ފާމާގެ ބައިނަލްއަޤުވާމީ ސަޕްލަޔަރުންގެ ވިއުގަ އިތުރަށް ވަރުގަދަކޮށް ފުޅާކުރުމަށް އެޅި ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ. މި އެއްބަސްވުމުގެ ދަށުން، އިތުބާރު ހުރި ސަޕްލައި ޗެނަލްތަކެއް ޤާއިމުކުރުމަށް މަގުފަހިވާނެ ކަމަށާއި، މި އެއްބަސްވުމުގެ ސަބަބުން ކުންފުނިން ކުރަމުންދާ މަސައްކަތްތަކަށް ކުރިއެރުންތަކެއް ލިބޭނެ ކަމަށްވެސް ސްޓޭޓްފާމާއިން ވިދާޅުވިއެވެ.
މި އެއްބަސްވުމުގެ މައިގަނޑު މަޤުސަދަކީ ރާއްޖޭގެ ހުރިހާ ހިސާބެއްގައި ދިރިއުޅޭ ރައްޔިތުންނަށް ފެންވަރު ރަނގަޅު އަދި ރައްކާތެރި ބޭހުގެ ބާވަތްތައް ފަސޭހަކަމާއެކު ލިބޭނެ މަގު ތަނަވަސްކޮށްދިނުންކަމަށް އެ ކުންފުނިން ވިދާޅުވިއެވެ. އަދި ބޭސްލިބުމުގެ ނިޒާމަށް އެއްވެސް ދަތިކަމެއް ނައިސް، ދެމެހެއްޓެނިވި ގޮތެއްގައި ބޭސް ފޯރުކޮށްދިނުމުގެ އިންތިޒާމުތައް ވަރުގަދަ ކުރުމަކީވެސް މި އެއްބަސްވުމުގެ މަޤުސަދެއްކަމަށް އެ ކުންފުނިން ވިދާޅުވިއެވެ.
ހިރާނިސް ފާމަސޫޓިކަލްސް (ޕްރައިވެޓް) ލިމިޓެޑަކީ، ބައިނަލްއަޤުވާމީ މާކެޓުގައި ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދަމުން އަންނަ ޕާކިސްތާނުގެ މަޝްހޫރު ބޭސް އުފައްދާ ކުންފުންޏެކެވެ. ވިޔަފާރީގެ ތަފާސްހިސާބުތަކުން އެނގޭ ގޮތުން ދިވެހިރާއްޖެ، ފިލިޕީންސް އަދި އަފްޣާނިސްތާން ހިމެނޭހެން އޭޝިއާގެ ގިނަ ޤައުމުތަކަކަށާއި ދުނިޔޭގެ އެހެނިހެން މާކެޓުތަކަށްވެސް މި ކުންފުނީގެ އުފެއްދުންތައް ފޯރުކޮށްދެއެވެ.