އަސްކޮއި ގްރޫޕް މެދުވެރިކޮށް ޢުމްރާއަށް ދިއުމަށް ފައިސާ ދެއްކި ބަޔަކަށް 155،700 ރުފިޔާ ދިނުމަށް އެ ކުންފުނީގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.
ކޯޓުން މި ހުކުމް ކޮށްފައިވަނީ އަސްކޮއި ގްރޫޕުން ބައެއްގެ އަތުން ފައިސާ ނެގުމަށްފަހު ޢުމްރާއަށް ގެންގޮސްފައިނުވާތީ އެ ކުންފުންޏާ ދެކޮޅަށް ކުރި ދައުވާއާ ގުޅިގެންނެވެ. މި ދައުވާ ކޮށްފައިވަނީ 6 މީހެއްގެ ފަރާތުންނެވެ.
ސިވިލް ކޯޓުން ބުދަ ދުވަހު ކުރި ހުކުމުގައި ބުނެފައިވާގޮތުގައި މި މައްސަލައިގައި ހިމެނޭ 6 މީހުންގެ ފަރާތުން އަސްކޮއި ޓްރެވަލް ސާވިސަސް ޕްރައިވެޓް ލިމިޓެޑާއި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޢަބްދުﷲ ރަޝީދާ ދެކޮޅަށް މައްސަލަ ހުށަހެޅީ ޢުމްރާއަށް ދިޔުމަށް އެ މީހުން ދެއްކި 155،700 ރުފިޔާ އާއި މައްސަލަ ޝަރީއަތަށް ހުށަހެޅުމަށް ހިނގި 42،000 ރުފިޔާ ހޯދުމަށެވެ.
ކޯޓުގެ ހުކުމުގައި ބުނެފައިވާ ގޮތުގައި އެ މީހުން އެދިފައިވާ 155،700 ރުފިޔާ ދިނުމަށް އަސްކޮއި ގްރޫޕާއި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ވަނީ އެއްބަސްވެފައެވެ. އެ ފައިސާ 7 ދުވަހުގެ ތެރޭގައި ދައްކާ ޚަލާސްކުރުމަށް ވަނީ އަމުރުކޮށްފައެވެ.
ޢުމްރާއަށް ދިއުމަށް ދެއްކި ފައިސާ އަނބުރާ ދިނުމަށް އަމުރުކުރި ނަމަވެސް ޝަރީއަތުގެ ޚަރަދު ހޯދަން ހުށަހެޅި ފައިސާ ދައްކަން ނުޖެހޭ ކަމަށް ކޯޓުން ވަނީ ނިންމާފައެވެ. އެގޮތަށް ނިންމާފައިވަނީ އެ ޚަރަދަކީ ދައުވާ ލިބޭ ފަރާތުގެ ކިބައިން ނަގައިދެވޭނެ ފައިސާކަން ހުށަހަޅާފައިވާ ލިޔުންތަކުން ޝަރީއަތުގައި ސާބިތު ނުވާތީއެވެ.
އަސްކޮއި ގްރޫޕުން މީހުން ގެންދިޔުމަށް ފައިސާ ނެގުމަށް ފަހު، ޢުމްރާއަށް ގެންދަން ދެކޮޅު ހެދި މައްސަލައިގައި މިދިޔަ އަހަރު އެ ގްރޫޕުގެ ހުއްދަ ހިފަހައްޓައި، އެ ގްރޫޕުގެ އެއްވެސް ހިއްސާދާރެއް ހިމެނޭ ކުންފުންޏަކަށް ޢުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދަ ނުދޭން އިސްލާމީ ކަންތައްތަކާއި އަޢުޤާފާބެހޭ ވުޒާރާއިން ނިންމިއެވެ. އަދި ޢުމްރާ ދަތުރަށް ދުރާލާ ފައިސާ ދައްކާފައިވާ މީހުންގެ ރިފަންޑު އެފަރާތްތަކަށް އަނބުރާ ހަވާލުކުރުމަށްވެސް އެ ވުޒާރާއިން އެންގިއެވެ.
އަސްކޮއި ގްރޫޕުން އިސްލާމީ ކަންތައްތަކާއި އައުޤާފާބެހޭ ވުޒާރާއާ ދެމެދު ވެފައިވާ އެއްބަސްވުމާއި ޚިލާފުވެފައިވާތީ މީގެ ކުރިންވެސް އެ ގްރޫޕާމެދު އެ ވުޒާރާއިން ވަނީ ފިޔަވަޅުއަޅާފައެވެ. އެގޮތުން 130،000 ރުފިޔާއިން އެ ގްރޫޕް ޖޫރިމަނާކުރިއެވެ.
މިއަހަރުގެ ކުރީކޮޅުގައިވެސް ސިވިލް ކޯޓުން ވަނީ އަސްކޮއި ގްރޫޕާ ދެކޮޅަށް ހުށަހެޅި މައްސަލައެއްގައި އެ މައްސަލައިގައި ދައުވާކުރި އާއިލާއަށް 185،000 ރުފިޔާ ދިނުމަށް ހުކުމް ކޮށްފައެވެ.