ޚަބަރު

އަލްކަރާޒް އާއި ސަބަލެންކާ ތިންވަނަ ބުރަށް


އެމެރިކާގައި މިހާރު ކުރިއަށްދާ ޔޫއެސް އޯޕަން ޓެނިސް މުބާރާތުގެ ތިންވަނަ ބުރުގެ ޖާގައެއް ކާލޯސް އަލްކަރާޒް އާއި އެރީނާ ސަބަލެންކާ ހޯދައިފިއެވެ.

އެންމެ ފަހުގެ ޗެމްޕިއަން އަދި މި މުބާރާތުގެ ފިރިހެން އިވެންޓުގައި ދެވަނަ އަށް ސީޑު ކޮށްފައިވާ ސްޕެއިން އަށް އުފަން އަލްކަރާޒް ތިންވަނަ ބުރުގެ ޖާގައެއް ހޯދާފައިވަނީ ޕޯޗުގަލްގެ ޖެއިމޭ ފޭރިޔާ ފަހަތުން އަރާ ބަލިކުރުމަށްފަހުގައެވެ.

އަނިޔާގެ ސަބަބުން ފަސް މަސް ދުވަސް ކުޅުމާއި ދުރުގައި ހުރުމަށްފަހު އަލުން ކުޅުމުގެ ތެރެއަށް އައި އަލްކަރާޒް އާއި ދެކޮޅަށް ފޭރިޔާ ކުޅުނު މި މެޗުގެ ފުރަތަމަ ސެޓު ހަތަރެއް ހައެއްގެ ނަތީޖާއަކުން ފޭރިޔާ ވަނީ ކާމިޔާބުކޮށްފައެވެ.

ނަމަވެސް ޖެހިގެން އައި ތިން ސެޓުގައި މޮޅު ކުޅުމެއް ދެއްކުމަށްފަހު އަލްކަރާޒް ވަނީ ހައެއް ސުމެއް, ހައެއް ތިނެއް އަދި ހައެއް ދޭއްގެ ނަތީޖާއަކުން ސެޓުތައް ކާމިޔާބުކޮށް މި މެޗުން މޮޅުވެފައެވެ.

މި މުބާރާތުގައި 11 ވަނަ އަށް ސީޑުކޮށްފައިވާ އެމެރިކާގެ ފްރެންސެސް ޓިއަފޯ ވަނީ ޖަޕާނުގެ ރެއި ސަކަމޯޓޯ އާއި ދެކޮޅަށް ކުޅުނު މެޗު ހައެއް ތިނެއް އަދި ހަތެއް ހައެއްގެ ނަތީޖާއަކުން ކާމިޔާބުކޮށް ތިންވަނަ ބުރުގެ ޖާގައެއް ހޯދާފައެވެ.

ޔޫއެސް އޯޕަން ޓެނިސް މުބާރާތުގެ ފިރިހެން އިވެންޓުގެ ޗެމްޕިއަންކަން އެމެރިކާގެ ކުޅުންތެރިއަކަށް ހޯދިފައިނުވާތާ ވަނީ 23 އަހަރު ވެފައެވެ.

ބެލަރޫސް އަށް އުފަން އެރީނާ ސަބަލެންކާ މި މުބާރާތުގެ އަންހެން އިވެންޓުގެ ތިންވަނަ ބުރުގެ ޖާގައެއް ހޯދާފައިވަނީ ރަޝިޔާގެ ކޮލިފަޔާ, ޕޮލީނާ ލަޓްޗެންކޯ އާޢި ދެކޮޅަށް ކުޅުނު މެޗު ވަރަށް ފަސޭހަ ކަމާއެކު ހައެއް އެކެއް އަދި ހައެއް އެކެއްގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެ.

ސަބަލެންކާ މި ފަހަރުގެ މުބާރާތާއި ކުރިމަތިލާފައިވަނީ ތިންވަނަ ފަހަރަށް ޔޫއެސް އޯޕަން މުބާރާތް ކާމިޔާބު ކުރުމަށެވެ.