ސްޕޭނަށް ވޯލްޑް ކަޕް ކާމިޔާބު ކޮށްދިން ޓީމުގައި ހިމެނުނު މާކަސް ލޮރަންޓޭ ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފިއެވެ.
އުމުރުން 31 އަހަރުގެ އެތްލެޓިކޯ މެޑްރިޑްގެ ޑިފެންޑަރު ބުނީ އޭނާގެ މި ނިންމުމަކީ ވަރަށް ވިސްނުންތެރިކަމާއެކު ނިންމި ނިންމުމެއް ކަމަށެވެ.
"އަހަރެން ރަނގަޅަށް ކުޅޭނަމަ އަދިވެސް އަހަރެންނަށް ފުރުސަތު އޮންނާނެ. އެހެންވީމާ ގިނަ ބަޔަކަށް އަހަރެންގެ މި ނިންމުން ގަބޫލެއް ނުކުރެވޭނެ. އެކަމަކު މިއީ ވަރަށް ބޮޑަށް ވިސްނުމަށްފަހު އަހަރެން ނެގި ޑިސިޝަނެއް،" ލޮރަންޓޭ ބުންޏެވެ.
އޭނާ ބުނީ ވޯލްޑް ކަޕް ކާމިޔާބު ކުރި ފަހުން މިވީ ދޮޅު މަހެއްހާ ދުވަހުގެ ތެރޭގައި އަމިއްލަ ދިރިއުޅުމުގެ ވެސް ވަރަށް ގިނަ ކަންކަން ބަދަލުވެއްޖެ ކަމަށާއި މިއީ ޖާޒީ ބާލަން އެންމެ ރަނގަޅު ވަގުތު ކަމަށެވެ.
"އަހަރެން އަބަދުވެސް ހޯދުނު ކާމިޔާބީތަކުގެ މަތިން ހަނދާންކޮށް އެކަމާ އުފާ ކުރާނަން. މިއީ އަހަރެންގެ ހިތުގެ އަޑިން ނިންމި ނިންމުމެއް. އަހަރެންނަށް ވިސްނުނު ގޮތުގައި ގައުމީ ޖާޒީ ބާލަން މިއަށްވުރެ ރަނގަޅު ވަގުތެއް ނެތް،" ރެއާލް މެޑްރިޑްގެ ކުރީގެ ކުޅުންތެރިޔާ ބުންޏެވެ.
އޭނާ އަކީ ސްޕޭނަށް ދެ ވަނަ ފަހަރަށް ވޯލްޑް ކަޕް ހޯދައިދިން ޓީމުން ކުޅުން ހުއްޓާލި ފުރަތަމަ ކުޅުންތެރިޔާއެވެ.