ފިޖީގެ ކްލައުޑްބްރޭކްގައި ކުރިއަށްދިޔަ ފިޖީ ޕްރޯ ރާޅާ އެޅުމުގެ މުބާރާތް ކެނެޑާގެ ޒުވާން ރާޅާ އެޅުންތެރިޔާ އެރިން ބްރޫކްސް އާއި އެމެރިކާގެ ކޯލް ހައުޝްމަންޑް ކާމިޔާބު ކޮށްފިއެވެ.
މިމުބާރާތުގެ އަންހެނުންގެ ބައިގައި ވަރަށް ފޯމުގައި މިދުވަސްކޮޅު ހުރި އުމުރުން 19 އަހަރުގެ ބްރޫކްސް ކާމިޔާބު ކުރީ ސެމީ ފައިނަލްގައި ދުނިޔޭގެ ޗެމްޕިއަންކަން 5 ފަހަރަށް ހޯދާފައިވާ ކެރީސާ މޯ ބަލިކޮށް އަދި ފައިނަލްގައި އޭނާ އާއި ވާދަކުރަން ހަމަޖެހިފައިވި އޮސްޓްރޭލިއާގެ އީސަބެލާ ނިކޯލްސް އަށް އަނިޔާ ވުމުގެ ސަބަބުން ފައިނަލްގައި ވާދަކުރެވޭގޮތް ނުވުމުންނެވެ. މިމުބާރާތުގެ ސެމީ ފައިނަލްގައި ބްރޫކްސް ވަނީ 11.84 އަދި 9.97 ޕޮއިންޓް ހޯދާފައެވެ. މިކާމިޔާބީ އާއެކު ބްރޫކްސް މިވަނީ ވޯލްޑް ޓުއަރގެ ދެ މުބާރާތް ޖެހިޖެހިގެން ކާމިޔާބު ކޮށްފައެވެ. އޭނާވަނީ އޮގަސްޓް މަހުގެ މެދުތެރޭ ބޭއްވި ޓަހީޓީ ޕްރޯ މުބާރާތް ވެސް ކާމިޔާބު ކޮށްފައެވެ.
މިމުބާރާތް ކާމިޔާބު ކުރުމަށްފަހު ވާހަކަ ދައްކަމުން ބްރޫކްސް ބުނީ އީސަބެލާއަކީ އޭނާގެ ދައްތައެއް ކަހަލަ އަންހެނެއް ކަމަށާއި އޭނާއަށް އަނިޔާވި ވާހަކަ އަޑުއިވުމުން ވަރަށް ދެރަވި ކަމަށެވެ. އަދި ވޭތުވެދިޔަ ދެ މުބާރާތް މިދިޔައީ ގަބޫލް ކުރަން ދަތި ގޮތަކަށް ކަމަށްވެސް އޭނާ ފާހަގަ ކުރިއެވެ. ބްރޫކްސް ބުނީ އޭނާއަށް މިސީޒަނަކީ ހައިރާން ކުރުވަނިވި ސީޒަނެއް ކަމަށާއި އޭނާ އަމިއްލައަށްވެސް ގަބޫލް ކުރަން ދަތިކަމަށެވެ. އަދި މިހާރު މިހިރި ހިސާބަށް އާދެވުނީތީ އުފާކުރާ ކަމަށްވެސް ޒުވާން އަންހެން ރާޅާ އެޅުންތެރިޔާ ބުންޏެވެ. މިދެ ކާމިޔާބީ އާއެކު ބްރޫކްސް މިހާރު ވަނީ އަންހެނުންގެ ރޭންކިންގގެ 8 ވަނައަށް ކުރިއަށް ޖެހިލާފައެވެ. މިރޭންކިންގގެ އެއްވަނައިގާ އުޅެނީ ހަވާއީއަށް ނިސްބަތްވާ މޯއެވެ.
މިމުބާރާތުގެ ފިރިހެނުންގެ ބައިން ހައުޝްމަންޑް ކާމިޔާބު ހޯދީ ފައިނަލްގައި ބްރެޒިލްގެ ގެބްރިއަލް މެޑީނާގެ މައްޗަށް ކުރި ހޯދައިގެންނެވެ. މިފައިނަލް ފެށުނުތަނާ މެޑީނާ ފުރިހަމަ 10 ޕޮއިންޓެއް ހޯދުމާއެކު ހައުޝްމަންޑް ހާސްކަމުގެ ތެރެއަށް ވެއްޓިގެންދިޔަ ނަމަވެސް ތިން ފަހަރަށް ދުނިޔޭގެ ޗެމްޕިއަންކަން ހާސިލްކޮށްފައިވާ މެޑީނާއަށް އެހުނަރު މުޅި ފައިނަލްގައި ދެމެހެއްޓޭގޮތެއް ނުވިއެވެ. އަދި ނަތީޖާ އަކަށް ވީ ހައުޝްމަންޑް 16.87 އަދި 15.17 ޕޮއިންޓް ހޯދާ ފައިނަލް ކާމިޔާބު ކުރުމެވެ. މިއީ ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި ހައުޝްމަންޑް ކާމިޔާބު ކުރި އެލީޓު ޓުއަރގެ ތިންވަނަ މުބާރާތެވެ. މިސީޒަންގެ 6 މުބާރާތެއްގެ ފުރަތަމަ މުބާރާތުން ކަޓާފައިވާ ހައުޝްމަންޑްވަނީ މިފަހަރުގެ މުބާރާތުގައި އޭނާގެ ހުނަރު ރަނގަޅަށް ދައްކާލައިފައެވެ.
ރާޅާ އެޅުމުގެ ވޯލްޑް ޓުއަރގައި ދެން އޮންނާނީ އެމެރިކާގެ ސަދަން ކެލިފޯނިއާގައި ސެޕްޓެމްބަރު މަހުގެ 11 އިން 20 އަށް އޮންނަ ޓްރެސްޓްލެސް ޕްރޯ މުބާރާތެވެ.