އައިޖީއެމްއެޗްގެ މެޑިކަލް އިންޓަރންޝިޕްގެ 13ވަނަ ބުރަށް ހުޅުވާލައިފިއެވެ.
މިއީ ޑޮކްޓަރީ ކޯސް ފުރިހަމަކުރުމަށްފަހު، ރަސްމީކޮށް ވަޒީފާއާއި ގުޅުމުގެ ކުރިން ހަދަންޖެހޭ 1 އަހަރު ދުވަހުގެ އިންޓަރންޝިޕް ޕްރޮގްރާމެކެވެ. އައިޖީއެމްއެޗްއިން ކޮށްފައިވާ އިއުލާނެއްގައި ވިދާޅުވީ، އިންޓަރންޝިޕްގެ މި ބުރުގައި 24 ފުރުޞަތު ހުޅުވާލުމަށް ނިންމާފައިވާކަމަށެވެ.
މެޑިކަލް އިންޓަރންޝިޕްގައި ބައިވެރިވުމުގެ ފުރުޞަތު ސެޕްޓެންބަރު މަހުގެ 24ވަނަ ދުވަހު، މެންދުރު 12:00ގެ ނިޔަލަށް ވަނީ ހުޅުވާލަފައެވެ.
- މެޑިކަލް ކޮލެޖް/ޔުނިވަރސިޓީ އިން ދޫކޮށްފައިވާ އެމް.ބީ.ބީ.އެސް ފުރިހަމަ ކުރިކަމުގެ ސެޓްފިކެޓް އޮތުން
- މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގެ "ސެޓްފިކެޓް އޮފް ޕްރޮވިޝަނަލް މެޑިކަލް ރެޖިސްޓްރޭޝަން" ސެޓްފިކެޓް އޮތުން
- ވޭތުވެދިޔަ 5 އަހަރު ތެރޭގައި އެއްވެސް ޕޮލިސް ރިކޯޑެއް ނެތުން
ފޯމާއެކު ހުށައަޅަންޖެހޭ ތަކެތީގެ ތެރޭގައި މެޑިކަލް ކޮލެޖު ނުވަތަ ޔުނިވަރސީޓީއިން ދޫކޮށްފަވާ އެމްބީބީއެސް ފުރިހަމަކުރިކަމުގެ ސެޓްފިކެޓް، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން އެކްރެޑިޓްކޮށް އޭގެ އެޓެސްޓް ލިޔުން ހުށައަޅަންޖެހޭނެއެވެ. އަދި މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްއިން ދޫކޮށްފައިވާ ލިޔުމުގެ އެޓެސްޓްވެސް ހުށައަޅަންޖެހޭނެއެވެ. މީގެއިތުރުންވެސް އަސާސީ އެހެނިހެން ލިޔެކިޔުންތައް ހިމެނެއެވެ.
ބައިވެރިވުމަށް އެދޭ ފޯމު www.igmh.gov.mv އިން ޑައުންލޯޑްކުރެވޭނެއެވެ. އަދި ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 ން 12:00 ދަރުމަވަންތަ ހޮސްޕިޓަލްގެ އެންއެޗްއޭ އޮފީހުން އެޕްލިކޭޝަން ފޯމް ލިބެން ހުންނާނެއެވެ. ފޯމު ބަލައިގަންނާނީ ރަސްމީ ބަންދު ނޫން ދުވަސްތަކުގައި 09:00އިން 12:00އަށް، ދަރުމަވަންތަ ހޮސްޕިޓަލްގެ އެންއެޗްއޭ އޮފީހުންނެވެ.
އިންޓަރންޝިޕް ޕްރޮގްރާމަށް ޝަރުޠު ފުރިހަމަވާ 24 އަށްވުރެ ގިނަ ފަރާތުން ކުރިމަތިލައިފިނަމަ ޕްރޮގްރާމަށް ބައިވެރިން ހޮވުމުގައި އިސްކަން ދެވޭނީ އެމްބީބީއެސް ފުރިހަމަ ކޮށްފައިވާ ތާރީހަށް ބަލައި، ކޯސް ފުރިހަމަ ކުރިފަހުން ގިނަ ދުވަސް ވެފައިވާ ފަރާތްތަކަށެވެ.
ރާއްޖޭގައި ސަރުކާރުގެ 3 ހޮސްޕިޓަލަކުން އިންޓަރންޝިޕްގެ ފުރުޞަތު ވަނީ ފަހިކޮށްދީފައެވެ. އެއީ ދަރުމަވަންތަ ހޮސްޕިޓަލް، ހުޅުމާލެ ހޮސްޕިޓަލް އަދި އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްއިންނެވެ.