ޚަބަރު

ތ. މަޑިފުށީ އައުޓްޑޯ ޖިމްގެ މަސައްކަތް ނިމިއްޖެ


  • މަޑިފުށީގައި ޖިމް ޤާއިމްކޮށްފައިވަނީ ރަށުގެ ފުޓުބޯޅަ ދަނޑުގެ ދެކުނުކޮޅުން

  • "1500 އެއްހާ މީހުންގެ އާބާދީއެއް އޮންނަ މަޑިފުއްޓަށް މިއީ މުހިންމު ވަސީލަތެއް"

ތ. މަޑިފުށީގައި ސަރުކާރުން ޤާއިމުކުރާ އައުޓްޑޯ ޖިމްގެ މަސައްކަތް ނިންމާލައިފިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢު ނިމިފައިވާކަން އެކުންފުނިން ހާމަކޮށްފަވާއިރު، މިއީ ރަށުގެ ރައްޔިތުންނަށްޓަކައި ސަރުކާރުން ޤާއިމްކޮށްދެއްވި މުހިންމު ވަސީލަތެއްކަމަށް ތ. މަޑިފުށީ ކައުންސިލްގެ ރައީސް ހަސަން އަބްދުﷲ ވަނީ ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން ވިދާޅުވެފައެވެ.

ރަށުގެ ފުޓުބޯޅަ ދަނޑާއި ދެކުނުކޮޅާ ދިމާލުގައި ޤާއިމްކޮށްފައިވާ މި ޕްރޮޖެކްޓްގެ މަސައްކަތް އެމްޓީސީސީއިން ނިންމާފައިވަނީ އަށެއްކަމަސްދުވަހުގެ ތެރޭގައިކަމަށާ މިއީ ރަށުގެ ކުދިބޮޑު އެންމެންނަށް މަންފާކުރާނެ މުހިންމު ޕްރޮޖެކްޓެއްކަމަށް ގަބޫލުކުރައްވާކަމަށް ހަސަން ވިދާޅުވިއެވެ.

ގާތްގަނޑަކަށް 1500 އެއްހާ މީހުންގެ އާބާދީ އޮންނަ މަޑިފުއްޓަކީ ކުޅިވަރުގެ ރަށެއްކަމަށްވާއިރު، އަލަށް މި ޤާއިމްކުރާ އައުޓްޑޯ ޖިމްގެ ސަބަބުން ރަށުގެ ކުޅުންތެރިންގެ ފިޓްނެސް ދެމެހެއްޓުމަށާއި ސިއްހަތު ރަނގަޅު ދުޅަހެޔޮ އާބަދީއެއް ރަށުގައި އުފެދިގެންދާނެކަމަށް ކައުންސިލްގެ ރައީސް ފާހަގަކުރެއްވިއެވެ.

"މިއީ ވަރަށް މުހިންމު ޕްރޮޖެކްޓެއް. މިތަން ޤާއިމުކުރެވެނީ ރަށުގެ ކުޅިވަރުގެ މުހިންމު ސަރަހައްދެއްގައި. އެހެކަމުން ރަށުގެ ކުޅުންތެރިންނަށް ލިބޭނެ ވަރަށް މުހިންމު ވަސީލަތެއް މިއީ. ރަށުގެ ރައްޔިތުންގެ ދުޅަހެޔޮކަމަށް މިކަމުން ފައިދާތަކެއް ކުރާނެ" ހަސަން ވިދާޅުވިއެވެ.

އެމްޓީސީސީއިން މިހާރުވެސް ދަނީ ތ. އަތޮޅުގައި އިތުރު ދެ މަޝްރޫޢެއްގެ މަސައްކަތް ކުރަމުންނެވެ. އަދި ތ. އަތޮޅުގެ އިތުރު ދެ މަޝްރޫޢެއްގެ މަސައްކަތް ސަރުކާރުންވަނީ އެމްޓީސީސީއާ ހަވާލުކުކޮށްފައެވެ.