ޚަބަރު

ވިއުގަ ފުޅާކޮށް، މިސަރުކާރުން މިހާތަނަށް 99 ކަނދުފަތި އަޅައިފި


  • މީގެ ތެރޭގައި ހިމެނެނީ 47 ދޮށީ ކަނދުފައްޗާއި 52 ވަދު ކަނދުފަތި

  • އެންމެ އިސްކަމެއް ދެނީ ކަނޑައިގެންގޮސްފައިހުރި ކަނދުފަތިތައް ހެދުމަށް

މި ސަރުކާރުން މިހާތަނަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 99 ކަނދުފަތި އަޅާފައިވާ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި މިވަގުތު ބޭނުންކުރަމުން ދަނީ ދެ ބާވަތެއްގެ ކަނދުފައްޗެވެ. އެއީ ކަޅުބިލަމަހުގެ މަސްވެރިކަމަށް ޚާއްސަކޮށްގެން އަޅާފައިވާ ދޮށީގެ ކަނދުފައްޗާއި، ސްޕޯޓްސް ފިޝިން އަދި ފަރު މަސްވެރިކަމަށް ޚާއްސަކޮށް އަޅާފައިވާ ވަދު ކަނދުފައްޗެވެ. މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ ސަރުކާރުން މިހާތަނަށް ގާއިމްކޮށްފައިވާ 99 ކަނދުފަތީގެ ތެރޭގައި ހިމެނެނީ 47 ދޮށީ ކަނދުފައްޗާއި 52 ވަދު ކަނދުފައްޗެވެ. މިއީ މީގެ ކުރީގެ އެއްވެސް ސަރުކާރަކުން ރާއްޖޭގައި ކަނދުފަތި ނާޅާ މިންވަރެއް ކަމަށް ކަމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން ފާހަގަކުރައްވައެވެ.

މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ، ކަނޑައިގެން ގޮސްފައިވާ ކަނދުފަތިތައް އަލުން އެޅުމުގެ މަސައްކަތަށް މި މަހުގެ ތެރޭގައި އެންމެ އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދަވާނެ ކަމަށެވެ. ކަނދުފައްޗަކީ މަސްވެރިންގެ އާންމު ދިރިއުޅުމާ ގުޅިފައިވާ އެއްޗަކަށްވުމާއެކު، ކަނދުފަތި ކަނޑައިގެން ދިއުމުން ދިމާވާ ދަތިތަކަށް އަވަސް ހައްލެއް ހޯދައިދިނުމަކީ ސަރުކާރުގެ އަމާޒެކެވެ.

"އަޅުގަނޑުމެން އެންމެ އިސްކަމެއްދޭނީ ކަނޑައިގެން ގޮސް ހުރި މަސްކަނދުތައް ރީ-އިންސްޓޯލް ކުރުމަށްޓަކައި. އެހެންވީމަ އަޅުގަނޑުމެންނަށް އެބް ޔަގީން ކުރެވޭ ސެޕްޓެންބަރު މަސްތެރޭގައި އަޅުގަނޑުމެންނަށް މީގެ މެޖޯރިޓީ ކަނޑައިގެންގޮސްފައި ހުރި ކަނދުފަތިތައް އަލުން ގާއިމުކުރެވޭނެކަމަށް." މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވިއެވެ.

ކަނދުފައްޗަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ އޮއިވަރާއި މޫސުމަށް އަންނަ ބަދަލުތަކާއެކު އަވަހަށް ކަނޑައިގެން ދިއުމެވެ. އެހެންކަމުން، މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން، ފުޑް އެންޑް އެގްރިކަލްޗަރ އޮގަނައިޒޭޝަން (އެފްއޭއޯ) އާ ގުޅިގެން ކަނދުފަތީގެ ޑިޒައިނަށް ބޮޑެތި ބަދަލުތަކެއް ވަނީ ގެނެސްފައެވެ. ރާއްޖޭގައި މިހާރު ބޭނުންކުރަމުންދަނީ 40 އަހަރުވީ ބާ އީޖާދެއްގެ ކަނދުފަތިތަކެއް ކަމުން، އައު ފަރުމާއާއެކު ކަނދުފަތިތައް އަވަސްއަވަހަށް ކަނޑައިގެން ދިއުމުގެ މައްސަލައަށް ބޮޑު ހައްލެއް ލިބިގެންދާނެއެވެ.

ސަރުކާރުން ދަނީ ވަދު ކަނދުފަތީގެ ވިއުގައެއް މުޅި ރާއްޖޭގައި ގާއިމްކުރުމުގެ މަސައްކަތްވެސް ކުރަމުންނެވެ. މި މަސައްކަތް އަންނަ އަހަރުގެ ފެބުރުވަރީ މަހުގެ ނިޔަލަށް މުޅިން ނިންމާލެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ކަނދުފަތި އެޅުމުގައި މިސަރުކާރުން ރެކޯޑެއް ހަދާފައިވާކަމަށް މީގެ ކުރިންވެސް ވަޒީރު ޝިޔާމް ވިދާޅުވެފައިވެއެވެ. އެގޮތުން، މިދިޔަ އަހަރު އެކަނިވެސް 44 ވަދު ކަނދުފައްޗެއް އަޅާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

ކަނދުފައްޗަކީ މަސްވެރިން ވަރަށް ބޮޑަށް ބަރޯސާވާ އާލާތަކަށްވާއިރު، ކަނދުފައްޗެއް ކަނޑައިގެން ދިއުމުން އޭގެ އުނދަގޫ މަސްވެރިންނަށް ވަރަށް ބޮޑަށް ކުރެއެވެ. އެހެންކަމުން ކަނޑައިގެންދާ ކަނދުފަތިތައް މަރާމާތުކުރުމުގެ މަސައްކަތް ވުޒާރާއިން ދަނީ ޚާއްސަ އިސްކަމެއް ދެއްވައިގެން ކުރައްވަމުންނެވެ.