ޚަބަރު

ބައިނަލްއަޤްވާމީ ބީޗް ވޮލީ މުބާރާތެއްގެ ފުރަތަމަ އަންހެން ރެފްރީއަކަށް އާއިދާ


  • އާއިދާއަކީ އިންޓަރނޭޝަނަލް ކެނޑިޑޭޓް ކޯހެއް ހެދި ރާއްޖޭގެ ފުރަތަމަ އަންހެން ރެފްރީ

  • އާއިދާއަކީ ވީއޭއެމްގެ ނައިބު ރައީސް

ބައިނަލްއަޤްވާމީ ބީޗް ވޮލީ މުބާރާތެއްގައި ރެފްރީކަން ކުރި ރާއްޖޭގެ ފުރަތަމަ އަންހެން ރެފްރީގެ ޝަރަފު، އާއިދާ ޢަބްދުލްޙަކީމް ހޯދައިފިއެވެ.

އާއިދާ މި ޝަރަފު ހޯދާފައިވަނީ ކާވާ ބީޗް ވޮލީބޯލް ޓުއާ – ބޫޓާން އޯޕަން 2026 ގައި ފަސްޓް ރެފްރީއެއްގެ ގޮތުން ހަރަކާތްތެރިވެގެންނެވެ. އާއިދާ މި ޝަރަފު ހޯދުމާ ގުޅިގެން، ވީއޭއެމްއިން އޭނާއަށް މަރުހަބާ ކިޔާ ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އާއިދާގެ މި ކާމިޔާބީއަކީ ރާއްޖޭގެ ކަނބަލުންނަށް ލިބިގެންދިޔަ ހިތްވަރެއް ކަމަށެވެ. އަދި މިއީ ރާއްޖޭގެ ވޮލީބޯޅަ އާއިލާއަށް ލިބުނު ފަޚުރެއްކަމަށާއި ވީއޭއެމްއިން އަބަދުވެސް އޭނާއަށް އިތުރު ކާމިޔާބީތަކަށް އެދޭކަމަށެވެ.

ވޮލީބޯޅައިގައި ދިގު ތާރީޚެއް އޮތް އާއިދާއަކީ ރާއްޖޭގެ ވޮލީބޯޅަ ކުރިއެރުވުމުގައާ ކުޅިވަރުގެ އިދާރީ ހިންގުމުގައި ފާހަގަކޮށްލެވޭފަދަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަނބަލެކެވެ.

2015 ވަނަ އަހަރު އިންޑޯ ވޮލީބޯޅަ ރެފްރީ ކޯސް ފުރިހަމަކޮށް ރެފްރީކަމުގެ ތެރެއަށް ވަދެފައިވާ އާއިދާވަނީ އޭޝިއަން ބީޗް ވޮލީބޯލް އިންޓަރނޭޝަނަލް ކެންޑިޑޭޓް ކޯހެއް ފުރިހަމަކޮށް ރާއްޖެއިން، ބައިނަލްއަޤްވާމީ ފެންވަރުގެ މިފަދަ ކޯހެއް ފުރިހަމަކުރި، ފުރަތަމަ އަންހެން ބީޗް ވޮލީބޯޅަ ރެފްރީގެ ޝަރަފުވެސް ހޯދާފައެވެ. މި ޝަރަފު އޭނާ ހޯދާފައިވަނީ އޭޝިއަން ވޮލީބޯލް ކޮންފެޑެރޭޝަން (އޭވީސީ) އިން އިންތިޒާމުކޮށްގެން ކަޒަކިސްތާނުގެ އަލްމާޓީގައި މިއަހަރުގެ މެއި 25 އިން 31 އަށް ކުރިއަށްގެންދިޔަ އޭޝިއަން ބީޗް ވޮލީބޯލް އިންޓަރނޭޝަނަލް ކެންޑިޑޭޓް ކޯސް ކާމިޔާބުކަމާއެކު ފުރިހަމަކޮށްގެންނެވެ.

މީގެ އިތުރުން އާއިދާއަކީ ވޮލީބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ނައިބު ރައީސްކަންވެސް ކުރަމުން އަންނަ ފަރާތަކަށްވާއިރު، ވޮލީގައި އޭނާ ހޯދަމުން އަންނަ މި ކުރިއެރުންތަކަކީ ރާއްޖޭގެ ވޮލީ ކުރިއަރަމުން އަންނަ ހެއްކެކެވެ. އަދި މިއީ މުޅި ރާއްޖެއަށްވެސް ލިބިގެންދާ ޝަރަފަކާއި ފަޚުރެކެވެ.