އަނިޔާއަށްފަހު އެނބުރި އައިސް މޮޅު ކުޅުމެއް ދައްކަމުންދާ ސްޕެއިންގެ ކާލޯސް އަލްކަރާޒް ޔޫއެސް އޯޕަންގެ ފިރިހެން ސިންގަލްސް އިވެންޓްގެ ކުއާޓަރ ފައިނަލުން ޖާގަހޯދައިފިއެވެ.
މިމުބާރާތުގެ ކުއާޓަރ ފައިނަލުން މިމުބާރާތުގައި ދެ ވަނައަށް ސީޑު ކުރެވިފައިވާ އަލްކަރާޒް ޖާގަހޯދީ ހަތަރު ވަނަ ބުރުގައި ވިހި ވަނައަށް ސީޑު ކުރެވިފައިވާ އެމެރިކާގެ ޓޮމީ ޕޯލް އާއި ބައްދަލުކުރި މެޗު ސީދާ ތިން ސެޓުން ކާމިޔާބު ކޮށްގެނެވެ. މިމެޗުގެ ފުރަތަމަ ސެޓު ހައެއް ހަތަރަކުން އަލްކަރާޒް ކާމިޔާބު ކުރިއިރު ފަހު ދެސެޓު އޭނާ ކާމިޔާބު ކޮށްފައިވަނީ ހައެއް ތިނެއް އަދި ހައެއް ހަތަރަކުންނެވެ.
މިއީ އުމުރުން 23 އަހަރުގެ އަލްކަރާޒްގެ އަތަށް ލިބިގެންދިޔަ އަނިޔާ އަކާއި ގުޅިގެން ހަތަރު މަހެއްހާ ދުވަހު ކުޅުމާއި ދުރުގައި ހުރުމަށްފަހު އެނބުރި އައިސް ކުޅުނު ވާދަވެރި ހަތަރު ވަނަ މެޗެވެ. އަދި ކުއާޓަރ ފައިނަލަށް ކުރި މިދަތުރުގައި މިހާތަނަށް ގެއްލިފައިވަނީ އެންމެ ސެޓެކެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން އަލްކަރާޒް ބުނީ އޭނާއަށް އަނިޔާ ވުމުގެ ކުރީގެ ފެންވަރަށް ދެވިއްޖެކަމަށް ގަބޫލް ކުރާ ކަމަށެވެ. އަދި ޔޫއެސް އޯޕަންގައި ކުޅުނު ފުރަތަމަ އަހަރު ފިޔަވާ އެހެން ކޮންމެ އަހަރަކު ކުއާޓަރ ފައިނަލާއި ހަމައަށް ދަތުރު ކުރުމުން ހާމަކޮށްދެނީ މިމުބާރާތުގެ މުހިންމު ކަމާއި މިމުބާރާތުގައި ކޮންމެ ފަހަރަކު އޭނާއަށް މޮޅަށް ކުޅެވޭ ކަން ކަމަށްވެސް އަލްކަރާޒް ފާހަގަ ކުރިއެވެ.
މިމުބާރާތުގެ ކުއާޓަރ ފައިނަލްގައި އަލްކަރާޒް ވާދަކުރާނީ އަށް ވަނައަށް ސީޑު ކުރެވިފައިވާ އެމެރިކާގެ ބެން ޝެލްޓަން އާއެވެ. މިމުބާރާތުގެ ކުާޓަރ ފައިނަލުން ޝެލްޓަން ޖާގަހޯދީ ހަތަރު ވަނަ ބުރުގައި ގްރީސްގެ ސްޓެފަނޯސް ސިޓްސިޕާސް އާއި ބައްދަލުކުރި މެޗު ސީދާ ތިން ސެޓުން ކާމިޔާބު ކޮށްގެންނެވެ. އެއީ ހައެއް ދެއެއް، ހައެއް ތިނެއް އަދި ހައެއް ހަތަރަކުން ތިން ސެޓު ކާމިޔާބު ކޮށްގެންނެވެ.
މިމުބާރާތުގައި ކުޅުނު އެހެން ބައެއް މެޗު ތަކަށް ބަލާލާއިރު ހަތް ވަނައަށް ސީޑު ކުރެވިފައިވާ ރަޝިއާގެ ޑަނީލް މެޑްވެޑޭވް އާއި އެގާރަ ވަނައަށް ސީޑު ކުރެވިފައިވާ އެމެރިކާގެ ފްރަންސެސް ޓިއަފޯ ބައްދަލުކުރި މެޗު ސީދާ ތިން ސެޓުން ކާމިޔާބު ކޮށް ޓިއަފޯވެސް ވަނީ ކުއާޓަރ ފައިނަލްގެ ޖާގައެއް ކަށަވަރު ކޮށްފައެވެ.
މިމެޗުގެ ފުރަތަމަ ސެޓު ޓައި ބްރޭކަކަށް ގޮސް ހަތެއް އެކަކުން ޓިއަފޯ ކާމިޔާބު ކުރިއިރު ދެވަނަ ސެޓު ހައެއް ހަތަރަކުން ކާމިޔާބު ކޮށްފައިވަނީ ޓިއަފޯއެވެ. އަދި ފަހު ސެޓު އަނެއްކާވެސް ޓައި ބްރޭކަކަށް ގޮސް އަށެއް ހަޔަކުން ކާމިޔާބު ކުރީ ޓިއަފޯއެވެ. މިކާމިޔާބީ އާއެކު މިމުބާރާތުގެ ކުއާޓަރ ފައިނަލްގައި ޓިއަފޯ ބައްދަލުކުރާނީ އެމެރިކާގެ އެލެކްސް މިޝެލްސަން އާއި އެވެ.
މިޝެލްސަން ކުއާޓަރ ފައިނަލްގެ ޖާގައެއް ކަށަވަރު ކުރީ ހަތަރު ވަނަ ބުރުގައި އާޖެންޓީނާގެ ޓޯމަސް މާޓިން އެޓްޗެވެރީ އާއި ބައްދަލުކުރި މެޗު ސީދާ ތިން ސެޓުން ކާމިޔާބު ކޮށްގެންނެވެ.