ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން އަހަރުގެ އެކި ދުވަސްތަކަށް ބަހާލައިގެން ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަމަށް ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރުގެ ނައިބު އާމިނަތު އިބްރާހީމް ވިދާޅުވީ، ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ މުނާސަބާ ފާހަގަކުރުމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއާއި ގުޅިގެން މުހިންމު މަސައްކަތްތަކެއް ކުރަމުން އަންނަކަމަށެވެ.
މި ދުވަސް ފާހަގަކުރުމުގެ ބޭނުމަކީ، ރާއްޖޭގެ އިސްލާމީ ތަރިކަ ދެމެހެއްޓެނިވި ގޮތެއްގައި ހިމާޔަތްކުރުމާއެކު އިސްލާމީ ފަންނުވެރިކަމާއި ޢިލްމީ ދިރާސާތައް ކުރިއަރުވައި، ބައިނަލްއަޤްވާމީ އިސްލާމީ އުއްމަތާއެކު އޮންނަ ގުޅުންތައް ބަދަހިކޮށް އަންނަންއޮތް ޖީލުތަކުގެ މެދުގައި އިސްލާމީ އަޤީދާއާއި ދީނީ ވަހުދަތު ހަރުދަނާކުރުމެވެ.
މިއަހަރުގެ މި ދުވަސް ފާހަގަކުރުމުގެ ގޮތުން މުޅި އަހަރަށް ދެމިގެންދާގޮތަށް ހަރަކާތްތައް ރާވާލާފައިވާކަމަށް ވިދާޅުވިއެވެ. އޭގެތެރޭގައި މާލެ ސަރަޙައްދަށް ޚާއްސަ ހަރަކާތްތަކާއި، އަތޮޅުތެރެއަށް ޚާއްސަ ހަރަކާތްތައް ރާވާލާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރުގެ ނައިބު އާމިނަތު އިބްރާހީމް ވިދާޅުވީ، ދުވަހާއި ގުޅިގެން މުޅި އަހަރަށް ބަހާލެވިގެން ގާތްގަނަޑަކަށް 15ވަރަކަށް ހަރަކާތް ރޭވިފައިވާކަމަށެވެ. އަދި މި ހަރަކާތްތަކަކީ ހުރިހާ އުމުރުފުރާގެ ފަރާތްތަކަށްވެސް ބައިވެރިވެވޭގޮތަށް ކުރިއަށްގެންދާ ޕްރޮގްރާމްތަކެއްކަމަށް ވިދާޅުވިއެވެ.
"މުޅި އަހަރަށް ބަހާލެވިގެން 15ވަރަކަށް ހަރަކާތް ރޭވިފަ އެބައޮތް. މިއީ ހުރިހާ އުމުރުފުރައެއްގެ ހުރިހާ ފަންތިއެއްގެ ހުރިހާ ގިންތިއެއްގެ މހުންނަށް ބައިވެރިވެވޭގޮތަށް ތައްޔާރުކުރެވިފައިހުރި ޕްރޮގްރާމްތަކެއް". އާމިނަތު އިބްރާހީމް ވިދާޅުވިއެވެ.
ރާއްޖެ އިސްލާމްވިތާ 900 އަހަރު ފާހަގަކުރުމަށް ރާވާލައިފާވާ ހަރަކާތްތަކުގެ ތެރޭގައި، ރާއްޖެ އިސްލާމްވި ތާރީޚީ މުނާސަބާ ރަމްޒުކޮށްދޭ ދާއިމީ ހަނދާނެއްގެ ގޮތުގައި މާލެ ސަރަޙައްދުގައި 900 އަހަރުގެ މޮނިއުމަންޓެއް ހެދުމުގެ މަސައްކަތް ފެށުން ހިމެނެއެވެ.
އަދި ހުރިހާ އުމުރުފުރާއެއްގެ ބޭފުޅުންނަށްވެސް ބައިވެރިވެވޭގޮތަށް ބައިނަލްއަޤްވާމީ އިސްލާމީ ޓްރޭޑް ފެއަރއަކާއި، ގައުމީ ޤުރުއާން ކިޔެވުމުގެ ފެސްޓިވަލެއްގެ އިތުރުން ގައުމީ، އިސްލާމީ، ޢިލްމީ ސުވާލު މުބާރާތެއް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން، އިސްލާމީ ސޮލިޑިޓަރީ ގޭމްސްގެ ނަމުގައި ކުޅިވަރު ހަރަކާތަކާއި، އިސްލާމީ ކެލިގްރަފީ ފެސްޓިވަލަކާއި، ފިލްމީ ވަސީލަތްތައް މެދުވެރިކޮށް އިސްލާމީ ތާރީޚާއި ސަޤާފަތް އާންމުންނަށް ފޯރުކޮށްދިނުމަށް އިސްލާމީ ފިލްމް ފެސޓިވަލެއްގެ އިތުރުން ޒުވާނުންނަށް ދީނީ ތަރުބިއްޔަތާއި އިސްލާމީ ރިވެތި އަޚްލާޤު އުނގަންނައިދިނުމަށް ޒުވާނުންގެ އިސްލާމީ ތަރިކަ ކޭމްޕެއް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަމަށް ވިދާޅުވިއެވެ.
ތަރިކައާ ބެހޭ ވަޒީރުގެ ނައިބު އާމިނަތު އިބްރާހީމް ވިދާޅުވީ، ދުވަހާއި ގުޅިގެން ގަދީމީ އަތުލިޔުންތަކާއި ތާރީޚީ ތަރިކަ ދިރުވައި އާލާކުރުމަށް ރާއްޖޭގެ އިސްލާމީ ތާރީޚުގެ މިއުޒިއަމް ގެލެރީއެއްގެ މަސައްކަތާއި، އަތޮޅުފެންވަރުގައި ދީނީ މަހާސިންތާއެއް ބޭއްވުމުގެ އިތުރުން އިމާރާތްކުރުމުގައި ދިވެހި އިސްލާމީ ފަރުމާތައް ބޭނުންކުރުމުގެ މުބާރާތެއް ކުރިއަށްގެންދިއުމަށް ރާވަފައިވާކަމަށެވެ.
އަދި ރާއްޖޭގެ މިސްކިތްތަކުގެ ފޮޓޯފޮތް، ދިވެހި އިސްލާމީ ބިނާތައް މި ނަމުގައި ހިރިގަލުގެ މިސްކިތްތަކުގެ އާކިޓެކްޗަރ ޝާއިއުކުރެވިގެންދާނެކަމަށް ވިދާޅުވިއެވެ.
ފަންނާއި ސަޤާފަތާއި ތަރިކައާބެހޭ ވުޒާރާއިން ވިދާޅުވީ، އަހަރުގެ އެކި ދުވަސްތަކަށް ބަހާލައިގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި ހަރަކާތްތައް ވެގެންދާނީ ރާއްޖެއާއި ރާއްޖެއިން ބޭރުގެ ޝައުޤުވެރިކަންވެސް ހޯދޭ ކަމެއްކަމަށްށެވެ.