ބައިނަލްއަޤުވާމީ ޤާނޫނުތަކާއި ޚިލާފަށް ފަލަސްޠީނުގެ ރައްޔިތުން ޣައްޒާއިން، ނެރުމަށް އިސްރާއީލު ސަރުކާރުން ބާރުއަޅަމުންދާ ދިޔުން، ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފިއެވެ.
ގަދަކަމުން ފަލަސްޠީނުގެ ރައްޔިތުން ޣައްޒާއިން ނެރުމަށްޓަކައި ޔަހޫދީ އިސްރާއީލުގެ ސަރުކާރުގެ ވަޒީރުން ރޭވުންތެރިކަމާއެކު ކުރަމުންދާ ނޭއްގާނީ މަސައްކަތްވެސް ދިވެހި ސަރުކާރުންވަނީ ކުށްވެރިކުރައްވާފައެވެ.
އިސްރާއީލުގެ ވަޒީރުންގެ މިޢަމަލުތައް ކުށްވެރިކޮށް ދިވެހި ސަރުކާރުން ނެރުނު ބަޔާނުގައި ވިދާޅުވީ، އިސްރާއީލުގެ ވެރިންގެ އެފަދަ ވާހަކަތަކަކީ ބައިނަލްއަޤުވާމީ މުޢާހަދާތަކާއި ޤާނޫނުތަކާއި ޚިލާފުވުންކަމަށާއި އަދި މެދުއިރުމަތީގައި ހަމަޖެހުން ޤާއިމުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ހުރަސްއެޅޭނެ ކަމެއްކަމަށެވެ. ހަމައެއާއެކު ފަލަސްޠީނުގައި އިސްރާއީލުން އަތްގަދަކޮށްފައިވާ ސަރަޙައްދަކުންވެސް އަދި އެނޫންވެސް ފަލަސްޠީނުގެ އެއްވެސް ބިމަކުން ފަލަސްޠީނުގެ ރައްޔިތުން ގަދަކަމުން ބޭރުކުރުމަށް ހިންގާ އެއްވެސް ޢަމަލެއް ރާއްޖެއިން ބަލައިނުގަންނާނެކަމަށް ރާއްޖޭގެ ބަޔާނުގައިވަނީ ވިދާޅުވެފައެވެ.
Government of Maldives condemns statements by Israeli Ministers calling for the forced displacement of Palestinians
— Ministry of Foreign Affairs 🇲🇻 (@MoFAmv) September 7, 2026
📃Statement | https://t.co/HCWzsUXlbG pic.twitter.com/GkyRIas6SH
ޣައްޒާއަކީ ހިފާފައިވާ ފަލަސްޠީނުގެ އިރުމަތީ ޤުދުސާއި ހުޅަނގު އައްސޭރީގައި ހިމެނޭ މުހިއްމު ބައެއްކަމަށާއި، އެއްވެސް ފަރާތަކަށް ނިގުޅައިނުގަނެވޭނެ ޙައްގެއްގެގޮތުގައި އަމިއްލަ ވަޒަނުގައި ތިބުމުގެ ޙައްގު ފަލަސްޠީނުގެ ރައްޔިތުންނަށް ލިބިގެންވާކަމަށް ސަރުކާރުގެ ބަޔާނުގައިވަނީ ވިދާޅުވެފައެވެ.
ފަލަސްޠީނުގެ ބިންތަކުން އެޤައުމުގެ ރައްޔިތުން ގަދަކަމުން ނެރުމަށް އިސްރާއީލުން ހިންގަމުންދާ ޖަރީމާތައް ހުއްޓުވުމަށް، ބައިނަލްއަޤުވާމީ މުޖުތަމަޢަށް، ވަކިން ޚާއްސަކޮށް އދ.ގެ ސެކިއުރިޓީ ކައުންސިލަށް ރާއްޖެއިންވަނީ ގޮވާލާފައެވެ. އަދި އިންސާފު ޤާއިމުކޮށް، ބައިނަލްއަޤުވާމީ ޤާނޫނުތައް ތަންފީޒުކުރުމަށާއި، ފަލަސްޠީނު ރައްޔިތުންގެ ޙައްގުތައް ކަށަވަރުކުރުމަށް ރާއްޖެއިންވަނީ ގޮވާލާފައެވެ.
ރާއްޖޭގެ ބަޔާން ނިންމާލާފައިވަނީ ފަލަސްޠީނުގެ ރައްޔިތުންނާއެކު ދެގޮތެއް ނުވެ ދިވެހީން ތިބިކަމުގެ ޔަގީންކަން ދެއްވަމުންނެވެ. އަދި 1967 ވަނަ އަހަރުގެ ކުރީގެ ސަރަޙައްދުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅައި، މިނިވަން އަދި މުސްތަޤިއްލު ފަލަސްޠީނު ދައުލަތެއް ޤާއިމްކުރުމަށް ރާއްޖެއިން ގޮވާލާ ގޮވާލުން މިބަޔާނުގައިވަނީ ތަކުރާރުކުރައްވާފައެވެ.