އ.ދ ގެ ކާނާއާއި ދަނޑުވެރިކަމާއި ބެހޭ ޖަމްޢިއްޔާ، އެފްއޭއޯ އިން އިޓަލީގެ ރޯމްގައި ބޭއްވި މަސްވެރިކަމުގެ ސަމިޓެއްގައި ރާއްޖެއިން ބައިވެރިވެއްޖެއެވެ.
އެފްއޭއޯގެ ސްމޯލް-ސްކޭލް ފިޝަރީޒް ސަމިޓުގައި ރާއްޖެ ތަމްސީލްކުރަނީ ގދ. މަޑަވެލި "ކަމަނާ" ދޯނީގެ ސަމްރަތު ޙަސަންއެވެ.
މި މަހުގެ 4 އިން 6 އަށް ކުރިއަށްދިޔަ މި ސަމިޓަކީ މަސްވެރިންނާއި ސަރުކާރުތަކުގެ އިތުރުން ޖަމިއްޔާތަކާއި ރިސާޗް އިދާރާތައް ބައިވެރިވެ، ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަމުގެ އުސޫލުތައް ތަންފީޒުކުރުމާމެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށް ބޭއްވި ސަމިޓެކެވެ.
Samrath Hassan, from Gdh. Madaveli, Kamana Dhoani attended the FAO Summit on Small-Scale Fisheries in Rome, Italy, on behalf of the Maldives. As a Small Island Developing State, our people & economy depend on healthy oceans and we remain committed for the sustainable fisheries… pic.twitter.com/7DAn7oH1M3
— Min of Fisheries, Agriculture and Ocean Resources (@MFAORmv) September 7, 2026
މި ސަމިޓުގައި ސަމްރާތު ހަސަން ވަނީ ދިވެހިރާއްޖޭގެ މަސްވެރިކަމުގައި މަސްވެރިން އަދާކުރާ މުހިންމު ދައުރާ ބެހޭ މަޢުލޫމާތު ބައިވެރިންނާ ހިއްސާކޮށްފައެވެ. މީގެސަބަބުން ދިވެހިރާއްޖޭގެ ދޮށީގެ މަސްވެރިކަމާއި އަތުނަނުގެ މަސްވެރިކަމާ ބެހޭ މަޢުލޫމާތު ބައިނަލްއަޤްވާމީ ފެންވަރުގައި އިޝްތިހާރުވެ، ބޮޑު ސަމާލުކަމެއް ލިބިގެން ގޮސްފައިވާކަމަށް މަސްވެރިކަމާވެހޭ ވުޒާރާއިން ވިދާޅުވެއެވެ.
ޚިޔާލު ބަދަލުކުރުމާއި ތަޖުރިބާ ހިއްސާކުރުމަށް ހުޅުވާލެވުނު މި މުހިންމު ފުރުސަތުގެ މައިގަނޑު ބޭނުމަކީ ދުނިޔޭގެ ފެންވަރުގައާއި، ސަރަހައްދީ އަދި ޤައުމީ ފެންވަރުގައި ގުޅިގެން ކުރެވިދާނެ މަސައްކަތްތަކުގެ މައްޗަށް ވިސްނުން ބަހައްޓައި، ކުދި މަސްވެރިކަމުގެ މުސްތަޤްބަލު ބައްޓަންކުރުމެވެ. ކުދި ޖަޒީރާ ޤައުމެއްގެ ހައިސިއްޔަތުން ދިވެހިރާއްޖޭގެ އިޤްތިޞާދާއި ރައްޔިތުންގެ ދިރިއުޅުން ސީދާ ކަނޑުފަޅުގެ މުއްސަނދިކަމަށް ބަރޯސާވެފައިވާއިރު، ކުދި މަސްވެރިންގެ ދިރިއުޅުން ތަރައްޤީކޮށް ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން ބެލެހެއްޓުމަށް ރާއްޖެއިން ދޭ އިސްކަން މި ބައްދަލުވުމުގެ ތެރެއިން ވަނީ އަނެއްކާވެސް ހާމަކޮށްދީފައެވެ.