ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ، އެމްއެންޔޫގައި ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ރަނގަޅު ނަތީޖާ ހޯދާފައިވާ 13 ދަރިވަރަކަށް ސްކޮލަރޝިޕް ޙަވާލުކޮށްފިއެވެ.
މަތީ ތަޢުލީމު ޙާޞިލުކުރުމުގައި ދަރިވަރުންނަށް ދިމާވާ މާލީ ގޮންޖެހުންތަކަށް ލުޔެއް ހޯދައިދިނުމުގެ މަޤްޞަދުގައި އެމްއެންޔޫގެ ބަޖެޓުން ކޮންމެ އަހަރަކު 1.5 މިލިއަން ރުފިޔާ ސްކޮލަރޝިޕްތަކަށް ޚާއްޞަކުރެވެއެވެ.
ޤައުމީ ޔުނިވަރސިޓީން މައިގަނޑު ތިން ބާވަތެއްގެ ސްކޮލަރޝިޕް ދެމުން އަންނައިރު، އޭގެ ތެރޭގައި ހިމެނެނީ ކޯހުގެ މުއްދަތުގައި ދައްކަންޖެހޭ ކޯސް ފީ އިސްތިސްނާކޮށްދޭ ޓިއުޝަން ފީ ހިލޭ ސްކޮލަރޝިޕާއި، ކޯސް ފީގެ އިތުރުން ދަރިވަރުންނަށް މަހުން މަހަށް މާލީ އިނާޔަތެއް ފޯރުކޮށްދޭ ފުލް ސްކޮލަރޝިޕްގެ އިތުރުން، 1988 ނޮވެމްބަރު 3 ގެ ޝަހީދުންގެ ޒިކުރާ އާކުރުމުގެ ގޮތުން 1999 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ ޝަހީދުންގެ އެވޯޑެވެ. ޝަހީދުންގެ އެވޯޑަކީ ފުރަތަމަ ސެމެސްޓަރުގައި އެންމެ ރަނގަޅު ނަތީޖާ ހޯދާ ދަރިވަރުންނަށް ދެވޭ ޚާއްޞަ އެވޯޑެކެވެ.
މިއަދުގެ ރަސްމިއްޔާތުގައި ޙަވާލުކުރެވުނު ސްކޮލަރޝިޕްތަކުގެ ތެރޭގައި 4 ދަރިވަރަކަށް އަންޑަރގްރެޖުއޭޓް ފުލް ސްކޮލަރޝިޕާއި، 2 ދަރިވަރަކަށް އަންޑަރގްރެޖުއޭޓް ޓިއުޝަން ފީ ސްކޮލަރޝިޕާއި، 5 ދަރިވަރަކަށް ޕޯސްޓްގްރެޖުއޭޓް ޓިއުޝަން ފީ ސްކޮލަރޝިޕް އަދި 2 ދަރިވަރުންނަށް ޝަހީދުންގެ އެވޯޑު ދީފައިވެއެވެ. މިއާއެކު، އަލަށް ސްކޮލަރޝިޕް ލިބުނު ދަރިވަރުންނާއެކު ޖުމްލަ 46 ދަރިވަރަކު މިވަގުތުވެސް އަންނަނީ އެމްއެންޔޫގެ ސްކޮލަރޝިޕްތަކުގައި ކިޔަވަމުންނެވެ.
ސްކޮލަރޝިޕް ލިބުނު ދަރިވަރުންނަށް ލިޔުން ޙަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްއެންޔޫގެ ރެޖިސްޓްރަރ މުޙައްމަދު ލާމިރު ވަނީ މި ލިބުނު ފުރުޞަތުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފާ، ކޯސް ފުރިހަމަކޮށް ނަމޫނާ ދަރިވަރުންތަކެއްގެ ގޮތުގައި ޤައުމު ބިނާކުރުމުގައި ބައިވެރިވުމަށް ނަސޭހަތްތެރިވެފައެވެ.
"އަޅުގަނޑު މިއަދު ތިޔަ ދަރިވަރުންނަށް ދޭ ނަސޭހަތަކީ މި ލިބުނު ފުރުޞަތުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފާ، ސްކޮލަރޝިޕުގެ އެއްބަސްވުމުގައިވާ ގޮތަށް އެއްވެސް މާއްދާއަކުން ފެއިލްނުވެ، ކޯހުގެ މުއްދަތުގައި ކޯސް ނިންމާ، ނަމޫނާ ދަރިވަރުންތަކެއްގެ ގޮތުގައި މި ޔުނިވަރސިޓީން ނުކުމެ، ޤައުމު ބިނާކުރުމުގައި ބައިވެރިވުން. އަޅުގަނޑުގެ ދުޢާއަކީ ތިޔަ އެންމެހާ ދަރިވަރުންނާއި އަދި މުޅި ޔުނިވަރސިޓީއަށް މާތްވެގެންވާ އިލާހު މިވަރުކުރެއްވުން. އަދިވެސް އެއްފަހަރު ތިޔަ އެންމެހާ ދަރިވަރުންނަށް، މުޅި ޔުނިވަރސިޓީއާއި އަޅުގަނޑުގެ އަމިއްލަ ނަމުގައި ނުހަނު ލޯބިން ތަހުނިޔާ ދަންނަވަން." މުޙައްމަދު ލާމިރު ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ، އެމްއެންޔޫއަކީ 1973 ވަނަ އަހަރު އުފެދިގެން އައިސް، 2011 ވަނަ އަހަރު ޔުނިވަރސިޓީގެ ދަރަޖަ ދެވުނު ރާއްޖޭގެ އެންމެ ދުވަސްވީ އަދި އެންމެ ބޮޑު މަތީ ތަޢުލީމީ މުއައްސަސާއެވެ. ޤައުމަށް ބޭނުންވާ އެކި ދާއިރާތަކުން ފަންނީ އަދި ޤާބިލު މީހުން ބިނާކުރުމުގައި އިސްދައުރެއް އަދާކުރަމުންދާ އެމްއެންޔޫގައި މިއަދު އަންނަނީ އެކި ފެކަލްޓީތަކާއި ސެންޓަރުތައް މެދުވެރިކޮށް ފުޅާ ދާއިރާއެއްގައި ތަފާތު ކޯސްތައް ހިންގަމުންނެވެ.