ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ ދެކުނު އިރުމަތީ އޭޝިއާ ސަރަޙައްދުގެ 79 ވަނަ ރީޖަނަލް ކޮމެޓީ ބައްދަލުވުން ޓިމޯ ލެސްޓޭގެ ވެރިރަށް ޑިލީގައި މިއަދު ފަށައިފިއެވެ. މި މަހުގެ 07 އިން 10 އަށް ކުރިއަށްދާ މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ވަފުދުގެ އެންމެ އިސްކޮށް ހުންނަވަނީ ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު، ޤީލާ ޢަލީއެވެ.
ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ ރީޖަނަލް ކޮމެޓީގެ ބައްދަލުވުމަކީ މި ސަރަޙައްދުގެ 10 ޤައުމުގެ ޞިއްޙަތާ ބެހޭ ވަޒީރުންނާއި ޞިއްޙީ ދާއިރާގެ އިސްވެރިންނާއި ފަންނީ ފަރާތްތައް ހިމެނޭގޮތަށް، މި ސަރަޙައްދުގެ ރައްޔިތުންގެ ޞިއްޙަތާގުޅޭ މުހިންމު ކަންކަން ކަނޑައަޅައި، މި ސަރަޙައްދުގެ ޞިއްޙަތާގުޅޭ ކަންކަން ކުރިއެރުވުމަށް މަޝްވަރާކޮށް، ނިންމުންތައް ނިންމާ އެންމެ މުހިންމު 'ގަވަރނަންސް' ބައްދަލުވުމެވެ.
މި އަހަރުގެ ރީޖަނަލް ކޮމިޓީގައި، ޞިއްޙީ ޚިދުމަތްތެރިންގެ ޤާބިލުކަން އިތުރުކުރުމާއި ޚާއްސަ ފަރުވާތަކުގެ ޚިދުމަތްތައް ހަމަހަމަކަމާއެކު ދިނުމުގެ މަގު ތަނަވަސްކޮށްދިނުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ސަރަޙައްދުގެ ޞިއްޙީ ދާއިރާގެ އިސްވެރިންގެ ޚާއްސަ ވަށްމޭޒު ބައްދަލުވުމެއް މިމަހު 08 ވަނަ ދުވަހު ކުރިއަށްދާނެއެވެ. އަދި ކުރިއަށް އޮތްތަނުގައި މިކަމަށް މަސައްކަތްކުރުމަށް "ޑިލީ ޑެކްލަރޭޝަން އޮން ހިއުމަން ރިސޯސަސް ފޯ ހެލްތު: އިކުއިޓީ އިން ސްޕެޝަލައިޒްޑް ކެއަރ"ގެ ނަމުގައި ޤަރާރެއް ފާސްކުރާނެއެވެ.
މި ބައްދަލުވުމުގައި މި ސަރަޙައްދަށް ޙާއްޞަ ޞިއްޙީ މައްސަލަތަކާއި ގުޅޭގޮތުން ޤައުމުތަކުން މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން ޔުނިވަރސަލް ހެލްތު ކަވަރޭޖު، ޞިއްޙަތާ ގުޅުންހުރި ދެމެހެއްޓެނި ތަރައްޤީއާ ގުޅޭ ލަނޑުދަނޑިތަކާއި، ޓީ.ބީ، މެޑިކަލް ޑިވައިސްއާއި، އިންވިޓްރޯ ޑައިގްނޮސްޓިކްސް، ޑިޖިޓަލް ހެލްތާއި އާޓިފިޝަލް އިންޓެލިޖެންސް އަދި ޕްރައިމަރީ ހެލްތު ކެއަރއާ ގުޅޭގޮތުން މަޝްވަރާތައް ކުރާނެއެވެ.
އަދި ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާއިން ކުރިޔަށް ރާވާފައިވާ ވޯލްޑް ހެލްތު އެސެމްބްލީއާއި ޕްރޮގްރާމް ބަޖެޓް އަދި އެޑްމިނިސްޓްރޭޓިވް ކޮމިޓީއާއި އެގްޒެކެޓިވް ބޯޑު ބައްދަލުވުމާގުޅޭ ކަންކަމާމެދުވެސް މި ބައްދަލުވުމުގައި މަޝްވަރާކޮށް، މިސަރަޙައްދުގެ ޤައުމުތަކުން މި ބައްދަލުވުންތަކުގައި ހުށަހަޅާނެ ދާއިރާތައް ކަނޑައަޅާނެއެވެ.
މީގެ އިތުރުން މި ބައްދަލުވުމުގެ ޚާއްސަ ސެޝަންގެ ތެރޭގައި ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގެ ރީޖަނަލް ޑިރެކްޓަރެއް ކަނޑައެޅުމާ ގުޅޭގޮތުން މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގެ ރީޖަނަލް ޑިރެކްޓަރުގެ މަޤާމަށް ދިވެހިރާއްޖެއިން ކެނޑިޑޭޓެއް ހުށަހެޅުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި އަހަރުގެ ބައްދަލުވުމުގެ ހަވާސާގައި ދިވެހިރާއްޖޭގެ ޞިއްޙީ ދާއިރާ ކުރިއެރުވުމަށް ދޭދޭ ޤައުމުތަކާއެކު ބައްދަލުވުންތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުންތަކުގައި ޞިއްޙީދާއިރާގެ އިންސާނީ ވަސީލަތްތައް ތަރައްޤީ ކުރުމާއި، އާއްމު ޞިއްޙަތު ރައްކާތެރިކުރުމުގެ މަސައްކަތަށް އަދި ޞިއްޙީ ދާއިރާ ކުރިއެރުވުމަށް ބޭނުންވާ އެހީތެރިކަން ހޯދުމަށް މަޝްވަރާ ކުރުމަށް ވަނީ ހަމަޖެހިފައެވެ.