އިނގިރޭސި ޕްރެމިއާ ލީގުގެ ލިވަޕޫލްގެ ސްޕޯޓިން ޑައިރެކްޓަރުކަން ދޫކޮށްލިތާ ދެތިން ދުވަސް ފަހުން ރިޗަޑް ހިއުސް ސައޫދީ އަރަބިއާގެ އަލްލިހާލްގެ އެ މަގާމާ ހަވާލު ވެއްޖެ އެވެ.
ސައޫދީގެ އެންމެ ވަރުގަދަ އެއް ކުލަބުން ބުނީ އެ ކުލަބުގެ ބޯޑުން ހިއުސްގެ އެއްބަސްވުން ފައިނަލް ކޮށްފައިވާ ކަމަށާއި މިދިޔަ އާދީއްތަ ދުވަހުން ފެށިގެން އޭނާ މަސައްކަތް ކުރަން ފަށާނެ ކަމަށެވެ.
އެކުލަބުން ބުނީ ހިއުސް ގެނައީ ޓެކްނިކަލް މަސައްކަތްތަކުގެ ފެންވަރު މަތިކުރުމަށާއި ކުރިމަގަށް ކުރާ ރެކްރޫޓްމަންޓް މަސައްކަތްތައް ވަރުގަދަ ކުރުމަށާއި ސްކައުޓިން އާއި ފުޓްބޯޅައާ ގުޅުންހުރި ހުރިހާ މަސައްކަތެއްގެ ފެންވަރު މަތިކުރަން ކަމަށެވެ.
ބޯނެމައުތުން ހިއުސް ލިވަޕޫލާ ގުޅުނީ 2024 ވަނަ އަހަރު އެވެ. ޔާގެން ކްލޮޕަށް ފަހު އޭނާ ގެނައި ކޯޗު އާނޭ ސްލޮޓް ފުރަތަމަ ސީޒަނުގައި ޕްރެމިއާ ލީގު ކާމިޔާބު ކޮށްދިން ނަމަވެސް މިދިޔަ ސީޒަނުގައި ނެރުނު ދަށް ނަތީޖާގެ ސަބަބުން ކުލަބުގެ ތެރޭގައި ނުތަނަވަސްކަން އުފެދުނެވެ. ހާއްސަކޮށް އެ ކުލަބަށް 500 މިލިއަންގެ އަގަށްވާވަރަށް ގެނައި އަގުބޮޑު ކުޅުންތެރިންނަށް މޮޅަށް ނުކުޅެވުން ވެސް ހިމެނެ އެވެ.
ލިވަޕޫލުން ބުނީ ހިއުސް ކުލަބު ދޫކޮށްލީ އާ ސޮފުހާއެއް ފަށަން ބޭނުންވުމުން ކަމަށެވެ. އޭނާ ލިވަޕޫލް ދޫކޮށްލީ އެ ކުލަބުގެ ސީއީއޯކަން މައިކަލް އެޑްވަޑް ދޫކޮށްލިތާ ދެ މަސް ފަހުންނެވެ.
21 ފަހަރު ސައޫދީ ލީގު ކާމިޔާބު ކޮށްފައިވާ އަލްހިލާލުން ވަނި މި ސީޒަނަށް އާސެނަލް އަށް ކުޅުނު ބްރެޒިލްގެ ގަބްރިއަލް މާޓިނެއްލީ އާއި އެސްޓަން ވިލާގެ އޮލޭ ވަޓްކިންސްގެ ސޮއި ހޯދައިފަ އެވެ. އަލް ހިލާލް ހިންގަމުންދަނީ ސައޫދީ ޕަބްލިކް އިންވެސްޓްމަންޓް ފަންޑާއި ޕްރިންސް އަލްވަލީދު ބިން ތަލާލް ގުޅިގެންނެވެ.