ޕޯލަންޑްގައި މިހާރު ކުރިއަށްދާ އަންޑަރ 20 އަންހެނުންގެ ފީފާ ވޯލްޑް ކަޕްގެ ގްރޫޕް އެފްގައި ސްޕެއިން އާއި ނައިޖީރިއާ ބައްދަލުކުރި މެޗު ސްޕެއިން އިން ކާމިޔާބު ކޮށް އެޓީމުގެ ފެށުން ރަނގަޅު ކޮށްފިއެވެ.
ޕޯލަންޑްގެ ސޮސްނޯވިއެކްގައި ކުޅުނު މިމެޗު ސްޕެއިންގެ ޒުވާން އަންހެން ޓީމު ކާމިޔާބު ކޮށްފައިވަނީ 2 ލަނޑު ސުން ލަނޑުންނެވެ. ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗު ސްޕެއިން އިން ފަށާފައިވަނީ ވަރަށް ފޯރީގައެވެ. މިގޮތުން މެޗުގެ 13 ވަނަ މިނެޓުގައި ސްޕެއިން އިން ވަނީ މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ފޯވަޑް މަރީސާ ގާސިއާއެވެ. އަދި މިމެޗުގައި ސްޕެއިންގެ ދެވަނަ ލަނޑު މެޗުގެ 73 ވަނަ މިނެޓުގައި ޖަހައިދިނީ ބަދަލު ކުޅުންތެރިޔާ އަލްބާ ސެރާޓޯއެވެ. އޭނާ މިލަނޑު ޖަހަައިފާވަނީ ކުޅެން އެރިތާ 7 ވަނަ މިނެޓުގައެވެ.
މިގްރޫޕްގައި ހިމެނޭ އަނެއް ދެޓީމު ކަމަށްވާ ޗައިނާ އާއި ނިއު ކެލެޑޯއިއާ ބައްދަލުކުރި މެޗު 5 ލަނޑު ސުން ލަނޑުގެ ބޮޑު ތަފާތަކުން ކާމިޔާބު ކޮށްފައިވަނީ ޗައިނާއެވެ. ޗައިނާއިން މިމެޗުގައި ކާމިޔާބު ކުރި 5 ލަނޑުވެސް ޖަހާފައިވަނީ ދެވަނަ ހާފުގައެވެ. މިގޮތުން އެޓީމުގެ ފުރަތަމަ ލަނޑު ދެވަނަ ހާފުގެ ކުޅުން ފެށިތާ އެއްް މިނެޓް ފަހުން ޒިއާއޮ ޔަފެއި ކާމިޔާބު ކޮށްދިން އިރު ދެވަނަ ލަނޑު މެޗުގެ 71 ވަނަ މިނެޓްގައި ކާމިޔާބު ކޮށްދިނީ ހުއާންގ ޖިއާޒިންއެވެ. އަދި 74 ވަނަ މިނެޓުގައި ތިން ވަނަ ލަނޑު ޒޫ ޒިންޔީ ކާމިޔާބު ކޮށްދިން އިރު ފަހު ދެ ލަނޑު މެޗުގެ 80 އަދި 83 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ހުއާންގ ޖިއާޒިންއެވެ.
މިމުބާރާތުގައި ކުޅުނު އެހެން ބައެއް މެޗުތަކަށް ބަލާލާއިރު ގްރޫޕް އީގައި އުތުރު ކޮރެއާ އާއި ޕޯޗުގަލް ބައްދަލުކުރި މެޗު 2 ލަނޑު ސުން ލަނޑުން އުތުރު ކޮރެއާ ކާމިޔާބު ކޮށްފައިވާއިރު މިގްރޫޕްގައި ކޮލޮމްބިއާ އާއި ކޮސްޓަރީކާ ބައްދަލުކުރި މެޗު 3 ލަނޑު އެއް ލަނޑުން ކާމިޔާބު ކޮށްފައިވަނީ ކޮލޮމްބިއާއެވެ. އަދި މިމުބާރާތުގައި މިހާތަނަށް ފެނިގެންދިޔަ އެންމެ ހައިރާން ކުރުވަނިވި ނަތީޖާއަކަށް ވެގެންދިޔައީ އިޓަލީވިލާތުން ތިން ފަހަރަށް މިމުބާރާތް ކާމިޔާބު ކޮށްފައިވާ އެމެރިކާ 2 ލަނޑު އެއް ލަނޑުން ބަލިކުރުމެވެ. މިމެޗު އިޓަލީވިލާތުން ކާމިޔާބު ކޮށްފައިވަނީ އެމެރިކާއިން ފުރަތަމަ ހާފުގައި ލަނޑެއް ޖަހާ ލީޑު ނަގާފައިވަނިކޮށް ފަހަތުން އަރާ ކާމިޔާބު ކުރި ދެ ލަނޑުންނެވެ.