އަންހެން ވޮލީބޯޅަ ސީޒަނުގައި ކުރިއަށް އޮތް ދެ މުބާރާތައް ކުލަބް ވެމްކޯއިން ނުކުންނާނީ، އެސޯސިއޭޝަން ކަޕުގައި ހޯދި ކާމިޔާބީ ތަކުރާރުކުރަން ކަމަށް އެ ޓީމުގެ ކޯޗު އަހުމަދު އަދީލް (ބޭބެ) ބުނެފިއެވެ.
މިދިޔަ ފަސް އަހަރަށް ބަލާއިރު، ވެމްކޯއަކީ ރާއްޖޭގެ އަންހެން ވޮލީގެ އެންމެ ކާމިޔާބު ޓީމެވެ. އެގޮތުން ހަ ފަހަރު އެސޯސިއޭޝަން ކަޕް ވެމްކޯއިން ކާމިޔާބުކުރިއިރު، ގައުމީ ވޮލީބޯޅަ ލީގު ތިން ފަހަރު ވަނީ ކާމިޔާބުކޮށްފައެވެ. އަދި ގައުމީ ވޮލީބޯޅަ މުބާރާތް ހަތަރު ފަހަރު އެ ޓީމުން ވަނީ ކާމިޔާބު ކޮށްފައެވެ.
މިދިޔަ ސީޒަން ވެމްކޯއިން ނިންމާލީ ތިން މުބާރާތުގެ ތެރެއިން ދެ މުބާރާތް ކާމިޔާބުކޮށްގެންނެވެ. އެއީ އެސޯސިއޭޝަން ކަޕާއި ގައުމީ މުބާރާތެވެ. މިދިޔަ ސީޒަނުގައި ވެމްކޯއަށް ގެއްލުނީ ގައުމީ ވޮލީބޯޅަ ލީގެވެ.
"ޕީއެސްއެމް ނިއުސް"އާ ވާހަކަ ދައްކަމުން ކޯޗު އަދީލް ބުނީ ވެމްކޯއިން މިއަހަރުގެ ކުރިއަށް އޮތް ދެ މުބާރާތައްވެސް ނުކުންނާނީ ދުރާލާ ތައްޔާރުވެގެން ކަމަށެވެ.
"އަޅުގަނޑުމެން ސީޒަނުގައި ދެން އަންނަ ހުރިހާ މުބާރާތައްވެސް ނުކުންނާނީ އެންމެ ވަރުގަދަކޮށް ހަމަ. ދެން މީގައި ވަރަށް ބޮޑަށް ބެލެވޭނެ އަޅުގަނޑުމެންނަށް މިލިބޭ ބޭރު ޕްލޭޔަރުން. އަޅުގަނޑުމެންނާ މި ފަހަރު ގުޅުނު ދެ ޕްލޭޔަރުންނަކީ ހަމަ ރާއްޖޭގައި ވަރަށް މޮޅަށް މި ފަހަރު ހަމަ ކުޅުން ދެ ޕްލޭޔަރުން. އަޅުގަނޑުގެ އުންމީދަކީ އަންނަ ދެ މުބާރާތުގައި ވެސް މި ކުޅުންތެރިން ތިބުން." އަދީލް ފާހަގަކުރިއެވެ.
ވެމްކޯއިން ހަ ފަހަރަށް އެސޯސިއޭޝަން ކަޕް ކާމިޔާބުކުރުމުގެ ސިއްރަކީ ގުޅިގެން ކުރި މަސައްކަތް ކަމަށް އަދީލް ފާހަގަކުރިއެވެ. ޚާއްސަކޮށް ޓީމުގައި ތިބި ސީނިއާ ދެ ކުޅުންތެރިންކަމަށްވާ ފާތިމަތު ޖޫޒާން ޒަރީރާއި، ކެޕްޓަން ޢާއިޝަތު މާޖިދާގެ ލީޑާޝިޕަށް އަދީލް ވަނީ ތައުރީފުކޮށްފައެވެ.