ކުޅިވަރު

އަންޗެލޯޓީ، މިފަހަރު ބްރެޒިލް ޓީމު ޒުވާން ކޮށްލައިފި


ވޯލްޑް ކަޕުގެ ނާކާމިޔާބީ އަށް ފަހު ބްރެޒިލްގެ ގައުމީ ފުޓްބޯޅަ ޓީމު ވަރަށް ބޮޑަށް ޒުވާން ކޮށްލައިފި އެވެ.

ކޯޗު ކާލޯ އަންޗެލޯޓީ އިއުލާނުކުރި ޓީމުގައި މި ފަހހަރު ހިމެނެނީ މީގެ ތިން މަސް ކުރިން ވޯލްޑް ކަޕަށް ގެންދިޔަ މަދު ކުޅުންތެރިއެކެވެ. މި މަހުގެ 25 ވަނަ ދުވަހު އޮސްޓްރޭލިޔާއާ ދެކޮޅަށް އަދި އޭގެ ފަހުން އިންޑިޔާއާ ދެކޮޅަށް ކުޅެން އެކުލަވާލި ޓީމުގައި ގިނައިން ތިބީ ޒުވާން ކުޅުންތެރިންނެވެ.

ޓީމަށް ނުނަގައި ދޫކޮށްލީ މިޑްފީލްޑަރު ކަސެމީރޯ އާއި ފަބީނިއޯ އާއި ލިވަޕޫލްގެ އަލިސަން ބެކާ ފަދަ ކުޅުންތެރިންނެވެ. ބަދަލުގައި ޓީމުގައި ހިމަނާފައިވަނީ އެތްލެޓިކޯ ޑިފެންޑަރު އަރްތޫރު ޑިއާސް އާއި ޕީއެސްވީފެ މައުރޯ ޖޫނިއާ އާއި ޗެލްސީގެ ފޯވަޑް ޔާއޯ ޕެޑްރޯ އާއި ފްލެމިންގޯގެ ސެމިއުލް ލިނޯ އާއި ރެއާލް މެޑްރިޑްގެ އެންޑްރިކް އާއި ކްރިންތިއަންސްގެ ކީޕަރު ހޫގޯ ސޮއުޒާ ފަދަ ކުޅުންތެރިންނެވެ.

"މިހާރު އުމުރުން 34 ނުވަތަ 35 އަހަރުގެ ކުޅުންތެރިންނަކީ ކުރިމަގެއް ނޫން. އެ މީހުން ބޮޑު މުބާރާތެއްގައި ގައުމީ ޓީމަށް ކުޅެވޭ ފެންވަރުގައި ތިބިނަމަ ގައުމީ ޓީމުން ޖާގަ އޮންނާނެ. އަހަރުމެން މިކަން ކުރަންވާނީ ވަރަށް ސީރިއަސްކޮށް، ކޮމިޓްމަންޓާއެކު އަދި ޒުވާން ކުޅުންތެރިން ބިނާ ކުރުމުގައި. އޭގެ މާނައަކީ އުމުރުން ދުވަސްވުމަކީ ގައުމީ ޓީމަށް ނުނަގަންވީ ކަމެއް ނޫނޭ. ބޮޑު މުބާރާތަކަށް ދާއިރު އެ މީހުން ވެސް ފެންވަރު ސާބިތުކޮށްދޭނަމަ ޓީމުގައި ތިބޭނެ،" އަންޗެލޯޓީ ބުންޏެވެ.

އޭނާ ބުނީ ރެއާލް މެޑްރިޑްގެ ފޯވަޑް ވިނީޝިއުސް އާއި ބާސެލޯނާގެ ރަފީނިއާ އާއި ޕީއެސްޖީގެ ކެޕްޓަން މާކުއިނޯސް އާއި އާސެނަލްގެ ބުރޫނޯ ގުއިމަރޭޒް ފަދަ ކުޅުންތެރިން ޓީމަށް ނެގީ އެއީ 2030ގެ ވޯލްޑް ކަޕަށް ތައްޔާރުކުރާ ޓީމު އެ މީހުންގެ ވަށާލަން ބޭނުންވާތީ ކަމަށެވެ.