ޔޫއެސް އޯޕަން ޓެނިސް މުބާރާތުގެ އަންހެން ސިންގަލްސް އިވެންޓްގެ ސެމީ ފައިނަލުން މިމުބާރާތުގައި ދެވަނައަށް ސީޑު ކުރެވިފައިވާ ކަޒަކިސްތާންގެ އެލޭނާ ރިބާކިނާ ޖާގަހޯދުމާއެކު އޭނާއަށް ދުނިޔޭގެ އެއްވަނަ ކުޅުންތެރިޔާގެ މަގާމަށް އަރާނެކަންވެސް ކަށަވަރުވެއްޖެއެވެ.
މަޢުލޫމާތުލިބޭގޮތުގައި މިއަންނަ ހޯމަދުވަހު ދުނިޔޭގެ ރެންކިންގ އިޢުލާން ކުރެވޭއިރު އަންހެން ރޭންކިންގގެ އެއްވަނައިގާ ހުންނާނީ ރިބާކިނާއެވެ. ދުނިޔޭގެ ރޭންކިންގެ އެއްވަނަ މަގާމަށް ބަދަލުމިއައީ 99 ހަފްތާއަށްފަހުއެވެ. މި މަގާމުގައި މިހާތަނަށް ހުރީ މިމުބާރާތުގައި އެއްވަނައަށް ސީޑު ކުރެވިފައިވާ ބެލަރޫސްގެ އަރީނާ ސަބަލެންކާއެވެ. މިއާއެކު ރިބާކިނާ ވެގެން ދާނީ ދުނިޔޭގެ އެއްވަނަ ޓެނިސް މުޅުންތެރިޔާގެ މަގާމަށް އަރާ ކަޒަކިސްތާންގެ ފުރަތަމަ ކުޅުންތެރިޔާ އަށެވެ.
ޔޫއެސް އޯޕަންގެ ސެމީ ފައިނަލުން ރިބާކިނާ ޖާގަހޯދީ ކްއާޓަރ ފައިނަލްގައި ޗައިނާގެ ޒެންގ ގިންވެން އާއި ބައްދަލު ކުރި މެޗު ދެ ސެޓު އެއް ސެޓުން ކާމިޔާބު ކޮށްގެންނެވެ. މިމެޗުގެ ފުރަތަމަ ސެޓު ގިންވެން ތިނެއް ހަޔަކުން ކާމިޔާބު ކުރި ނަމަވެސް ޖެހިގެން އައި ދެސެޓު ރިބާކިނާ ވަނީ ހައެއް އެކެއް އަދި ހައެއް ހަތަރަކުން ކާމިޔާބު ކޮށްފައެވެ.
މިސީޒަންގެ ފުރަތަމަ ގްރޭން ސްލޭމް މުބާރާތް ކަމަށްވާ އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގެ ފައިނަލްގައި ސަބަލެންކާ ބަލިކޮށް ސީޒަން ކާމިޔާބީ އަކާއެކު ފެށި ރިބާކިނާ ވަނީ އެމުބާރާތުގެއިތުރުން މުޅި ސީޒަންގައިވެސް ވަރަށް ރަނގަޅު ކުޅުމެއް ދައްކާ ސަބަލެންކާގެ އެއްވަނަ މަގާމާއި ވަރަށް ގާތުން ވާދަކުރަމުންނެވެ. އަދި ހަމައެއާއެކު ސީޒަންގެ މެދު ތެރެއިން ސަބަލެންކާގެ ކުޅުން ދައްވެގެން ދިއުންވެސް މިބަދަލު އައުމުގައި މުހިންމު ދައުރެއް އަދާކުރިއެވެ. މިފަހަރުގެ މުބާރާތުގެ ފައިނަލްގައި މިދެ ކުޅުންތެރިންގެ ކުރިމަތިލުމެއް ފެނިގެންދިއުމުގެ ފުރުސަތު އަދި އެބައޮތެވެ. އެއީ ސަބަލެންކާވެސް މިމުބާރާތުގެ ސެމީ ފައިނަލްގެ ޖާގައެއް ކަށަަވަރު ކޮށްފައި އޮތުމުންނެވެ.
ކުއާޓަރ ފައިނަލް މެޗަށް ފަހު ވާހަކަ ދައްކަމުން ރިބާކިނާ ބުނީ ދުނިޔޭގެ އެއްވަނަ ރޭންކިންގ އަކީ މިވަގުތަށް އޭނާއަށް ހަމައެކަނި ނަމްބަރެއް ކަމަށާއި އޭނާއަށް މިވަގުތު މުހިންމީ ޔޫއެސް އޯޕަން ކާމިޔާބު ކުރުން ކަމަށެވެ. އަދި އޭނާ ބުނީ މިއީ ވަރަށް ބޮޑު ޝަރަފެއް ކަމަށާއި ނަމަވެސް ޓެނިހުގައި ރޭންކިންގ ވަރަށް އަވަހަށް ބަދަލު އައުމުގެ ފުރުސަތު އޮންނަ ކަމަށެވެ.
މިމުބާރާތުގެ ސެމީ ފައިނަލްގައި ރިބާކިނާ ބައްދަލުކުރާނީ ހަތަރު ވަނައަށް ސީޑު ކުރެވިފައިވާ އެމެރިކާގެ ކޯކޯ ގައުފް އާއެވެ. ގައުފް ސެމީ ފައިނަލްގެ ޖާގައެއް ކަށަވަރު ކުރީ ރަޝިއާގެ މީރާ އަންޑްރީވާ އާއި ބައްދަލުކުރި މެޗު ފަހަތުން އަރާ ދެސެޓު އެއް ސެޓުން ކާމިޔާބު ކޮށްގެންނެވެ.
މިމެޗުގެ ފުރަތަމަ ސެޓު ދެއެއް ހަޔަކުން ކާމިޔާބު ކޮށްފައިވަނީ އަންޑްރީވާ އެވެ. އަދި ދެވަނަ ސެޓު ޓައި ބްރޭކަކަށް ގޮސް ގައުފް އަށް ދެ މެޗު ޕޮއިންޓް ސަލާމަތް ކުރަން ޖެހުނެވެ. ނަމަވެސް އެންމެ ފަހުން އޭނާ މި ޓައި ބްރޭކް ކާމިޔާބު ކޮށްފައިވަނީ ނުވައެއް ހަތަކުންނެވެ. އަދި ފަހު ސެޓު ހައެއް ދެ އަކުން ކާމިޔާބުކޮށް ގައުފް ވަނީ ސެމީ ފައިނަލްގެ ޖާގަ ކަށަވަރު ކޮށްފައެވެ.
މިމުބާރާތުގެ އަނެއް ސެމީ ފައިނަލްގައި ވާދަކުރާނީ ސަބަލެންކާ އާއި ތިންވަނައަށް ސީޑު ކުރެވިފައިވާ އެމެރިކާގެ ޖެސިކާ ޕެގޫލާ އާއެވެ. އެހެން ކަމުން މިމުބާރާރުގެ ފައިނަލްގައި އެމެރިކާގެ ދެ ކުޅުންތެރިން ފެނިގެން ދިއުމުގެ ފުރުސަތުވެސް އެބައޮތެވެ.