ފާއިތުވި އޮގަސްޓު މަހުގެ ކޮންމެ ދުވަހަކު ރަޝިއާއިން ޔޫކްރެއިންއަށް ދިން ހަމަލާތަކުގައި ރަޝީޔާގެ އައު، ޖެޓު އިންޖީނު އަޅާފައިވާ ޑްރޯންތައް ވަނީ ބޭނުންކޮށްފައެވެ. މިއީ އަލަށް ބޭނުންކުރަން ފަށާފައިވާ ރަޝިއާގެ އެންމެ ފަހުގެ ޑްރޯންތައް ބޭނުންކޮށްގެން ޤަވާއިދުން އަދި ތަކުރާރުކޮށް ހަމަލާ ދޭ ކަމަށް ޔޫކްރެއިންއިން ރެކޯޑުކޮށްފައިވާ ފުރަތަމަ ފަހަރެވެ.
ޓާބޯ ޖެޓު އިންޖީނު ހަރުކޮށްފައިވާ މި ޑްރޯންތަކަށް ގަޑިއަކު 300 މޭލަށްވުރެ ބާރަށް ދަތުރުކުރެވޭތީ ޑްރޯންތައް ހުއްޓުވުމަށް ޔޫކްރެއިންގެ ވައިގެ ދިފާޢީ ނިޒާމުތަކަށް ދަނީ ބޮޑެތި ގޮންޖެހުންތައް ކުރިމަތިވަމުންނެވެ. ޔޫކްރެއިންއިން ބުނީ ހަލުވި ޑްރޯންތައް ބޭނުންކޮށްގެން ދެމުންދާ ހަމަލާތައް ދުވަހުން ދުވަހަށް އިތުރުވަމުންދާ ކަމަށެެވެ. އެ ގޮތުން ޖޫން މަހުގެ ތެރޭގައި އެ ފަދަ 350 ހަމަލާ ދީފައިވާއިރު، ޖުލައި މަހުގެ ތެރޭގައި އެ ޑްރޯންތައް ބޭނުންކޮށްގެން ދިން ހަމަލާތަކުގެ ޢަދަދު ވަނީ 1،600އަށް އިތުރުވެފައެވެ. އެއަށްފަހު އޮގަސްޓު މަހުގެ ތެރޭގައި އެ ޢަދަދު ވަނީ 2،800އަށް އިތުރުވެފައެވެ.
ރަޝިއާއިން މި ހަލުވި ޑްރޯންތައް ބޭނުންކުރާ މިންވަރު އިތުރުކުރުމާ ގުޅިގެން ޔޫކްރެއިން އިން މިހާރު ދަނީ އެ ޑްރޯންތައް ހުއްޓުވުގެ ޤާބިލުކަން ހުންނަވަރުގެ އައު އިންޓަސެޕްޓަރުތައް ތަރައްޤީކުރުމަށް މަސައްކަތް ކުރަމުންނެެވެ. އެނގިފައިވާ ގޮތުގައި ޔޫކްރެއިންގެ ހަތަރު ކުންފުންޏަކުން ވަނީ އެ ފަދަ މިސައިލްތައް ތަރައްޤީކޮށް އެ ތަކެތިި ތަހުލީލު ކުރަމުންނެވެ. ޔޫކްރެއިންގެ ސަރުކާރުގެ އަމާޒަކީ އެ ފަދަ އެތައް ހާސް އިންޓަސެޕްޓަރުތައް ވީ އެންމެ އަވަހަކަށް އުފައްދައި ބޭނުންކުރަން ފެށުމެވެ.
ރަޝިއާއިން ވެސް ދަނީ ޑްރޯންތައް ލޯންޗުކުރުމަށް ބޭނުންކުރާ މަރުކަޒުތައް އިތުރުކުރުމަށް މަސައްކަތް ކުރަމުންނެވެ. ސެޓެލައިޓު ފޮޓޮއިން ފެންނަ ގޮތުގައި ޔޫކްރެއިންއާއި ރަޝިއާއާ ދެމެދު އޮންނަ ސަރަޙައްދީ ރޮނގާ ގާތްގަނޑަކަށް 175 ކިލޯމީޓަރު ދުރުގައި އޮންނަ ސިމްބުލޯވާގައި ރަޝިއާއިން ދަނީ މި ފަދަ މަރުކަޒެއް ތަރައްޤީކޮށް ބޭނުންކުރަމުންނެވެ. ރަޝިއާއިން ދެމުންދާ ފަހުގެ ގިނަ ހަމަލާތައް ދީފައި ވަނީ މި މަރުކަޒު ބޭނުންކޮށްގެންނެވެ.
ރަޝިއާއިން ބޭނުން ކުރަމުންދާ ޖެޓު އިންޖީނު އަޅާފައިވާ ޑްރޯންތައް އެ ޤައުމުން ބޭނުން ކުރަނީ އެތައް ސަތޭކަ ޑްރޯންތަކާއި މިސައިލްތަކާއި ޑީކޯއީތައް ބޭނުންކޮށްގެން ދެމުންދާ ވަރުގަދަ ހަމަލާތައް އިތުރަށް ވަރުގަދަ ކުރުމަށެެވެ. ރަޝިއާއިން މި ގޮތަށް ދީފައިވާ ހަމަލާއެއްގައި ސެޕްޓެމްބަރު މަހުގެ 1ވަނަ ދުވަހު 12 މީހުން މަރުވެ 20އަށް ވުރެ ގިނަ މީހުންނަށް ޒަޚަމްވެފައިވެއެވެ.
ޔޫކްރެއިންއިން މީގެ ކުރިން ދިޔައީ ރަޝިޔާއިން ދެމުންދާ ޑްރޯން ހަމަލާތަކުގެ 94 އިންސައްތަ ހުއްޓުވަމުންނެވެ. ނަމަވެސް ބެލިސްޓިކް މިސައިލްއާ އެކުއެކީގައި ރަޝިއާއިން އައު ޑްރޯންތައް ބޭނުންކޮށްގެން ހަމަލާތައް ދޭން ފެށުމުން، އެ ހަމަލާތައް ކާމިޔާބުކަމާއެކު ހުއްޓުވޭ މިންވަރު ދަށަށް ގޮސްފައިވާ ކަމަށް ޔޫކްރެއިންއިން ބުނެއެވެ.
ކްރޫޒް މިސައިލްއަށްވުރެ ޖެޓު ޑްރޯންތަކުގެ ޤާބިލުކަން ކުޑަވި ނަމަވެސް، އެނަލިސްޓުން ވިދާޅުވާ ގޮތުގައި އައު ޑްރޯންތަކުގެ ހަލުވިކަމާއި ޚަރަދުކުޑަވުމުގެ ސަބަބުން އެ ޑްރޯންތަކަކީ ރަޝިއާއަށް ވަރަށް ބޭނުންތެރި ޑްރޯންތަކެކެވެ.