ޚަބަރު

ރާއްޖޭން ބޭރުގައި އޭޓީއެމްތަކުން ފައިސާ ނަގާއިރު ނަގާ ކްރޮސް ބޯޑަރ ފީ ކަނޑާލައިފި


  • މަހަކު 1200 ޑޮލަރުގެ ލިމިޓް އިތުރު ހަރަދަކާ ނުލައި ބޭނުންކުރުމުގެ ފުރުސަތު ލިބިގެންދާނެ

  • މިއީ ބޭރުގައި ކިޔަވާ ދަރިވަރުންނަށާއި އެ ދަރިވަރުންގެ އާއިލާތަކަށް ލިބިގެންދާނެ ލުޔެއް

ރާއްޖޭން ބޭރުގައި ޑެބިޓް ކާޑު ބޭނުންކޮށްގެން އޭޓީއެމްތަކުން ފައިސާ ނަގާއިރު މީގެ ކުރިން ނަގަމުން އައި "ކްރޮސް ބޯޑަރ" ފީ ނެގުން މިރެއިން ފެށިގެން ހުއްޓާލުމަށް ބޭންކް އޮފް މޯލްޑިވްސް ބީއެމްއެލްއިން ނިންމައިފިއެވެ.

ބީއެމްއެލްއިން ވިދާޅުވީ، މިގޮތަށް ނިންމުމާ ގުޅިގެން، ރާއްޖެއިން ބޭރުގައި ކިޔަވަމުންދާ ދަރިވަރުންގެ ދިރިއުޅުމުގެ ޚަރަދުތަކާއި ތަޢުލީމީ ބޭނުންތަކަށް ކަނޑައަޅާފައިވާ މަހަކު 1200 ޑޮލަރުގެ ލިމިޓް، އެއްވެސް އިތުރު ހަރަދަކާ ނުލައި ބޭނުންކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. އަދި މިއީ ބޭރުގައި ކިޔަވާ ދަރިވަރުންނަށާއި އެ ދަރިވަރުންގެ އާއިލާތަކަށް ލިބިގެންދާނެ ލުޔެއް ކަމަށްވެސް ބީއެމްއެލުން ވިދާޅުވިއެވެ.

އޮޕްޝަނަލް އިޝުއަރ ފީ ނުވަތަ ކްރޮސް ބޯޑަރ ފީއަކީ ކާޑު ދޫކޮށްފައިވާ ބޭންކުން، ބޭރު ފައިސާގެ މުޢާމަލާތްތަކުން ނުވަތަ ރާއްޖެއިން ބޭރުގައި ކުރެވޭ މުއާމަލާތްތަކުން ނަގާ ފީއެކެވެ. ކާޑު ނުވަތަ ކާޑު ލިންކުކުރެވިފައިވާ އެކައުންޓުގެ އަސްލު ފައިސާ ނޫން އެހެން ފައިސާއަކުން ވިޔަފާރިއެއް ކުރުމުން ނުވަތަ ފައިސާ ނެގުމުން، އެ މުއާމަލާތެއް ބައިނަލްއަގުވާމީ ޕޭމަންޓް ނެޓްވޯކްތައް ކަމަށްވާ ވިސާ ނުވަތަ މާސްޓަރކާޑު މެދުވެރިކޮށް ޕްރޮސެސް ކުރަންޖެހެއެވެ.

މިފަދަ މުޢާމަލާތްތަކަށް ހިނގާ ޚަރަދުތައް ފޫބެއްދުމަށް ބޭންކުން މުއާމަލާތުގެ ޖުމްލަ އަދަދުން ވަކި އިންސައްތައެއް އޮޕްޝަނަލް އިޝުއަރ ފީގެ ގޮތުގައި ނަގައެވެ. ކްރޮސް ބޯޑަރ ފީއަކީ ބައިނަލްއަޤްވާމީ ފެންވަރުގައި ހުރިހާ ބޭންކުތަކަކުންވެސް މިފަދަ މުޢާމަލާތްތަކަށް ނަގަމުން އަންނަ ފީއެކެވެ. އަދި ބޭންކް އޮފް މޯލްޑިވްސްއިން ކާޑުގެ ޚިދުމަތް ތަޢާރަފުކުރީއްސުރެ މިއަދާ ހަމައަށްވެސް، މިބާވަތުގެ މުޢާމަލާތްތަކުން މި ފީ ދިޔައީ ނަގަމުންނެވެ.