އިސްތިއުމާރުކޮށްފައިވާ ހުޅަނގު އައްސޭރީގައި ޣައިރުޤާނޫނީ ޔަހޫދީ ވަޒަންވެރިންނަށް ޚާއްޞަކޮށްގެން 1،670 އައު ހައުސިންގ ޔުނިޓް ބިނާކުރުމަށް ޔަހޫދީ ސަރުކާރުން ރާވަމުންދާކަން ހާމަވެއްޖެއެވެ.
އިސްތިއުމާރުކޮށްފައިވާ ފަލަސްޠީނުގެ ހުޅަނގު އައްސޭރީގައި ޣައިރުޤާނޫނީ ޔަހޫދީ ވަޒަންވެރިންނަށް އަމާޒުކޮށްގެން 1،670 އައު ހައުސިންގ ޔުނިޓް ބިނާކުރުމުގެ މަޝްރޫޢުތަކެއް ކުރިއަށްގެންދިއުމަށް ޔަހޫދީ ސަރުކާރުން ނިންމަމުންދާކަމަށް ފަލަސްޠީނުގެ ކޮލޮނައިޒޭޝަން އެންޑް ވޯލް ރެސިސްޓެންސް ކޮމިޝަނުން ހާމަކޮށްފިއެވެ. ޔަހޫދީންގެ މި ނިންމުން ނިންމާފައި މިވަނީ، ޣައިރުޤާނޫނީ އާބާދީތަކުން އުފައްދާ މުދާ އެތެރެކުރުން މަނާކޮށް، އާބާދީތައް ފުޅާކުރުން ވަގުތުން ހުއްޓާލުމަށް ހުޅަނގުގެ 12 ޤައުމަކުން ޔަހޫދީންނަށް ގޮވާލާފައިވާ ދަނޑިވަޅެއްގައެވެ.
އެ ކޮމިޝަނުން ހާމަކުރި ތަފާސްހިސާބުތަކަށް ބަލާއިރު 2022 ވަނަ އަހަރުގެ ފަހުކޮޅު ބެންޖަމިން ނަތަންޔާހޫގެ ހަރުކަށި ސަރުކާރު ވެރިކަމާ ޙަވާލުވި ފަހުން ޣައިރުޤާނޫނީ 104 އާބާދީއެއް ބިނާކުރުމަށް ހުއްދަދީ، ދަނޑުވެރިކަމަށް ޚާއްޞަ 160 އައުޓްޕޯސްޓް (ވަޒަންވެރިންގެ ޖަގަހަ) ވަނީ ޤާއިމުކޮށްފައެވެ. އެންމެ ފަހުގެ ފާސްކުރުމުގެ މަރުޙަލާގައިވާ މި މަޝްރޫޢުގެ ދަށުން، ބައިތުލަޙަމްގެ ދެކުނު-އިރުމަތީގައިވާ "މާލޭ އަމޯސް" އާބާދީގައި 365 ހައުސިންގ ޔުނިޓް، އަދި ރާމަاللهގެ ހުޅަނގު-އުތުރުގައިވާ "ތަލްމޮން" އާބާދީގައި 200 ހައުސިންގ ޔުނިޓް ބިނާކުރުން ހިމެނެއެވެ.
މީގެ އިތުރުން، މުޅިން އަލަށް ޣައިރުޤާނޫނީ 3 އާބާދީއެއް ބިނާކުރުންވެސް މި މަޝްރޫއުގައި ހިމެނެއެވެ. އެއީ ރާމަالله އާއި ނާބުލުސް ގުޅޭ ސަރަޙައްދުގައިވާ "ޢަމީޙާއި" އާއި، އަރީޙާ (ޖެރިކޯ) ގައިވާ "ޢައިން ޔިތާވް" އަދި ޖެނީން ސަރަޙައްދުގައިވާ "މާއޯޒް ތްޒްވީ" އެވެ. މި ތިން ސަރަޙައްދުގައިވާ 113 ހެކްޓަރުގެ ބިމުގައި 749 ހައުސިންގ ޔުނިޓް ބިނާކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން ސަލްފީތުގެ "ޕެދުއޭލް" އާބާދީއަށް 95 ޔުނިޓް، "ޢަލެއި ޒަހާވް" އަށް 259 ޔުނިޓް އަދި އިރުމަތީ ޤުދުސްގެ ހުޅަނގު-އުތުރުގައިވާ "ގިވަތު ޒީވް" އާބާދީއަށް 2 ޔުނިޓް އިތުރުކުރުމަށްވެސް ވަނީ ނިންމާފައެވެ.
ފަލަސްޠީނުގެ ކޮލޮނައިޒޭޝަން އެންޑް ވޯލް ރެސިސްޓެންސް ކޮމިޝަނުން ފާހަގަކުރި ގޮތުގައި، މި ރޭވުންތަކުން ސާފުކޮށް ހާމަވަނީ ޔަހޫދީން ހަމައެކަނި މިހާރު ހުރި އާބާދީތައް ފުޅާކުރަނީ ނޫން ކަމެވެ؛ އަދި، ހުޅަނގު އައްސޭރީގެ އެކި ކަންކޮޅުތަކުގައި ދާއިމީ އައު އާބާދީތައް ޤާއިމުކޮށް، ފަލަސްޠީނުގެ ބިންތައް ފޭރިގަތުމަށް ނިޒާމީގޮތެއްގައި ރާވައިގެން މަސައްކަތްކުރަމުންދާ ކަމެވެ.
1967ވަނަ އަހަރުން ފެށިގެން ޔަހޫދީން ޣައިރުޤާނޫނީ ގޮތުގައި ހިފާފައިވާ ހުޅަނގު އައްސޭރިއަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކުގެ ދަށުން ފަލަސްޠީނުގެ މިނިވަން ދައުލަތުގެ ބައެކެވެ. އިސްތިއުމާރީ ބާރުތަކުން އެމީހުންގެ އާބާދީ ހިފާފައިވާ ބިންތަކަށް ބަދަލުކުރުމަކީ ބައިނަލްއަޤްވާމީ މުޢާހަދާތަކާއި ޖެނީވާ ކޮންވެންޝަނާ ކަނޑައެޅިގެން ޚިލާފު ކަމެކެވެ. އެހެންނަމަވެސް، ޔަހޫދީން ދަނީ ބައިނަލްއަޤްވާމީ ޤާނޫނުތަކަށް އެއްވެސް ފަރުވާލެއް ނުބަހައްޓައި، ހުޅަނގު އައްސޭރީގައި ޣައިރުޤާނޫނީ އާބާދީތައް ފުޅާކުރުމުގެ ޢުދުވާނީ މަސައްކަތްތައް ހަލުވި ދުވެއްޔެއްގައި ކުރިއަށް ގެންދަމުންނެވެ.