މި ސީޒަނަށް ޓީސީ ސްޕޯޓްސް ކުލަބުން ނުކުންނައިރު، އެ ޓީމަށް ކުރަން ޖެހިފައި އޮތް މަސައްކަތަކީ އައު ޓީމެއް އެކުލަވާލުމުގެ މަސައްކަތް ކަމަށް ޓީސީގެ ކޯޗު މުހައްމަދު އާތިފް (އާތީ) ބުނެފިއެވެ.
މިދިޔަ ސީޒަނުގެ ވަކި ހިސާބަކުން ޓީސީއާ އާތިފް ހަވާލުވިއިރު، އޭރު ޓީސީން ނެރެމުން އައި ދަށް ނަތީޖާތައް އާތިފްގެ އިރުޝާދުގެ ދަށުން ވަނީ ރަނގަޅުކޮށްފައެވެ. އަދި މިދިޔަ ސީޒަނުގައި އާތިފާއެކު ޓީސީން ވަނީ އެފްއޭ ކަޕުގެ ފައިނަލުގައި ވެސް ވާދަކޮށްފައެވެ.
އާތިފް ބުނީ މިދިޔަ އަހަރުގެ ސީޒަނުގެ އޮޓޮމެޓިކް ރެލިގޭޝަނުން ސަލާމަތްވުންވެސް އެއީ ޓީސީއަށް ކާމިޔާބީއެއް ކަމަށެވެ.
އާތިފް ބުނީ އެ ކާމިޔާބީ ދަމަހައްޓަން ބަލާއިރު، މިދިޔަ ސީޒަނުގައި ވާދަކުރި ޓީމާ އަޅައިބަލާއިރު، މިހާރު އޮތީ މުޅިން އެހެން ޓީމެއް ކަމަށެވެ. އެގޮތުން މުޅި ޓީމަށް ބޮޑު ބަދަލުތަކެއް އައިސްފައިވާ ކަމަށާއި، މިހާރު މަސައްކަތް ކުރަން ޖެހިފައި އޮތީ އަލުން ޓީމެއް ބިނާކުރާހެން ކަމަށް އާތިފް ބުންޏެވެ.
އާތިފް ބުނީ ސީޒަނާ ކުރިމަތިލާއިރު، އޭނާގެ ޓާގެޓަކީ ގަދަ ހަތަރަކަށް މަސައްކަތް ކުރުން ކަމަށެވެ. ޓީމު ގދަ ހަތަރަކަށް އެރުމަށް މަސައްކަތް ކުރާއިރު، މާލީ ހާލަތައް ވެސް ބަލަން ޖެހޭކަން އާތިފް ވަނީ ފާހަގަކޮށްފައެވެ.
އާތިފް ބުނީ މި މުބާރާތައް އެހެން ބައެއް ކުލަބްތަކުން ނުކުންނަނީ ރަނގަޅު ޕްރީ ސީޒަނަކާއި، ޓްރެއިނިންގް ކޭމްޕްތަކަކަށް ފަހުގައި ކަމަށެވެ. އެކަމަކު އެ ހާލަތު ޓީސީގައި ނެތްކަން އާތިފް ފާހަގަކުރިއެވެ.