މި ސީޒަނުގައި ބާސެލޯނާގެ އަމާޒަކީ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުން ކަމަށް ކުލަބުގެ ރައީސް ޖޯން ލަޕޯޓާ ވިދާޅުވެއްޖެ އެވެ.
ބާސެލޯނާގެ އެކްސްކޯ ބައްދަލުވުމުގެ ހަވާސާގައި ވާހަކަ ދައްކަވަމުން ލަޕޯޓާ ވިދާޅުވީ އޭނާގެ ރައީސް ކަމުގައި ފާއިތުވެދިޔަ ފަސް އަހަރަށްވުރެ ހުރިހާ ގޮތަކުން ވެސް މި ސީޒަނަށް ޓީމު ވަރުގަދަ ކުރީ ޔޫރަޕުގެ އެންމެ ޝަރަފުވެރި ތަށްޓަށް އަމާޒު ކޮށްގެން ކަމަށެވެ.
"އަހަރުމެން ހުރިހާ ތަށްޓަކަށް ވެސް ވާދަ ކުރާނަން. ސްޕެނިޝް ލީގާއި ސްޕެނިޝް ސުޕަކަޕް އަދި ކޮޕާ ޑެލްރޭގެ އިތުރުން އެންމެ އިސް ޓާގެޓަކީ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުން. މިހާރު އޮތް ޓީމަކީ އެ ޓާގެޓަށް ވާސިލް ވެވޭނެ ޓީމެއް،" ލަޕޯޓާ ވިދާޅުވި އެވެ.
ޓީމަށް ޖެނުއަރީ ޓްރާންސްފާ މާކެޓުގައި ފޯވަޑެއް ގެންނާނެތޯ ނޫސްވެރިން ސުވާލު ކުރުމުން ލަޕޯޓާ ވިދާޅުވީ ބާސެލޯނާ އަށް ބޭނުންވާ ކުޅުންތެރިން ހޯދަން ކޯޗު އިރުޝާދުދީފިނަމަ އެކަންކަން ހާސިލްކުރަން މެނޭޖްމަންޓުން މަސައްކަތް ކުރާނެ ކަމަށެވެ. މި ސީޒަނަށް ބާސެލޯނާގެ އެންމެ އިސް ޓާގެޓަށްވީ ފޯވަޑް ލައިނަށް އެތްލެޓިކޯ މެޑްރިޑަށް ކުޅޭ އާޖެންޓީނާގެ ފޯވަޑް ހޫލިއަން އަލްވަރޭޒް ގެނައުމެވެ. ނަމަވެސް ބާސެލޯނާ އަށް އޭނާ ވިއްކަން އެ ކުލަބުން ވަނީ ދެކޮޅު ހަދައިފަ އެވެ. ނަމަވެސް ޖެނުއަރީގައި މިކަމަށް ބާސެލޯނާ އަނެއްކާ ވެސް މަސައްކަތް ކުރާނެ ކަމަށް ސްޕޭނުގެ ނޫސްތަކުން ބުނެ އެވެ.
"އަހަރުމެން ކުރީ ވަރަށް ރަނގަޅު ކަމެއް. އަހަރުމެން 100 މިލިއަން ޔޫރޯ އޭނާ އަށް ހުށަހެޅީ އެއީ ރަނގަޅު އަގެއް ކަމަށް ވާތީވެ. އަހަރުމެން ވަރަށް ޝައުގުވެރިވާ ކުޅުންތެރިއެއް އެއީ،" ލަޕޯޓާ ވިދާޅުވި އެވެ.
މި ސީޒަނަށް ބާސެލޯނާއިން ވަނީ ކުޅުންތެރިން ވިއްކައިގެން 100 މިލިއަން ޔޫރޯ ހޯދައި ކުޅުންތެރިން ގަތުމަށް 200 މިލިއަނަށްވުރެ ގިނައިން ހޭދަކޮށްފަ އެވެ. އަދި އާމްދަނީ އަށް ބަލައި އެ ކުލަބުގެ މުސާރައިގެ ޖާގަ ސްޕެނިޝް ލީގުން ވަނީ ގާތްގަނޑަކަށް 600 މިލިއަނާ ގާތަށް އިތުރުކޮށްދީފަ އެވެ.