ޚަބަރު

ކުރިއަށް އޮތް 3 ދުވަހުވެސް މޫސުން ގޯސް، މާދަމާ ވަރަށް ބޮޑަށް ވިއްސާރަކުރާނެ: މެޓް


  • ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ވަނީ ލަފާކޮށްފައި

  • ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ

  • ކަނޑުދަތުރުފަތުރު ކުރައްވާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކުރައްވާފައިވޭ

ކުރިއަށް އޮތް 3 ދުވަހުވެސް ރާއްޖެއަށް މޫސުން ވާނެ ކަމަށާއި ޚާއްސަކޮށް މާދަމާ ވަރަށް ބޮޑަށް ވިއްސާރަކުރާނެ ކަމަށް ލަފާކޮށްފިއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ މާދަމާ ރާއްޖޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވެއެވެ. އަދި ޖުމްލަގޮތެއްގައި ހުރިހާ ހިސާބަކަށް ވެސް ވައިގަދަވާނެ ކަމަށެވެ. އެ އިދާރާއިން ހާމަކުރި ތަފާސްހިސާބުތަކަށް ބަލާއިރު، ވައިޖެހޭނީ ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން ވަނީ ބުނެފައެވެ.

މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށް ދަނީ އެލާޓުތައް ނެރެމުންނެވެ. އެގޮތުން އެންމެ ފަހުން ނެރެފައިވަނީ ބ އަތޮޅުން ތ އަތޮޅަށް ހުދު ސަމާލެވެ.

ވައިގަދަވުމުގެ ސަބަބުން ރާއްޖޭގެ ހުރިހާ ހިސާބެއްގެ ކަނޑުތައް ވެސް ވަރަށް ގަދަވާނެ ކަމަށް ލަފާކުރެވޭތީ، ކަނޑުދަތުރުފަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ވަރަށް ބޮޑަށް ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކުރައްވާފައެވެ. ވަކިން ހާއްސަކޮށް، ކަނޑު ދަތުރަށް ފުރުމުގެ ކުރިން އެންމެ ފަހުގެ މޫސުމީ މަޢުލޫމާތު ހޯދުމަށާއި، ސަލާމަތީ ފިޔަވަޅުތައް ފުރިހަމަކުރުމަށް ވަނީ އަންގާފައެވެ.

ދަތުރުކުރާ އުޅަނދުގައި ލައިފްޖެކެޓާއި، މުވާސަލާތީ ނިޒާމާއި، ދިޔަހިއްކާ ޕަންޕު ފަދަ ތަކެތި ހުރީ ރަނގަޅަށްތޯ ޗެކްކުރުމަށްވެސް އެމްއެންޑީއެފުން އިލްތިމާސްކުރެއްވިއެވެ. އަދި މުދާ އުފުލާ އުޅަނދުފަހަރުން، މުދާ ބަރުކުރުމުގައި އެކަށީގެންވާ ވަރަށްވުރެ ބޮޑަށް ބަރު ނުކުރުމަށާއި ރަނގަޅަށް ލައިސަންލާފައި ބެހެއްޓުމަށް އިލްތިމާސްކުރެއްވިއެވެ.

ދަތުރުކުރާ ފަރާތްތަކުން ލައިފްޖެކްޓްއަޅައި، އިތުރަށް ސަމާލުވެލެއްވުމަށްވެސް އެމްއެންޑީއެފުން އިލްތިމާސްކުރެއްވިއެވެ. އަދި ޑައިވިންގ އާއި ވޯޓަރ ސްޕޯޓްސް އިންތިޒާމުކުރާ ފަރާތްތަކުން މޫސުމަށް ޚާއްޞަ ސަމާލުކަމެއްދިނުމަށާއި، މޫސުމާ ބެހޭ ޤައުމީ އިދާރާއިން ރީނދޫ ނުވަތަ އޮރެންޖު ސަމާލު ނެރެފައިވަނިކޮށް ދަތުރު ނުކުރުމަށްވެސް އިލްތިމާސްކުރެއްވިއެވެ.