ލެވަންޓޭއާ ދެކޮޅަށް މިރޭ ކުޅޭ މެޗުގައި ފަރުވާކުޑަ ނުކުރަން ލިވަޕޫލްގެ ކުޅުންތެރިންނަށް ކޯޗު ހަންސީ ފްލިކް އިލްތިމާސް ކޮށްފި އެވެ.
މެޗުގެ ކުރިން އޭނާ ބުނީ ބާސެލޯނާ އަކީ މި ސީޒަނުގައި މިހާތަނަށް ސައްތައިން ސައްތަ ރެކޯޑް ދަމަހައްޓަމުން އަންނަ ހަމައެކަނި ކުލަބު ކަމަށާއި ނަމަވެސް ފުޓްބޯޅައިގައި ކަންކަން ވަރަށް އަވަހަށް ބަދަލު ވެދާނެ ކަމަށެވެ.
"އަހަރެންގެ ކުޅުންތެރިންނަށް މިދަނީ ވިސްނައިދެމުން ފަރުވާ ކުޑަކޮށްނުލުމަށް. މެޗަށް ދޭ ސަމާލުކަން ކުޑަކޮށްފިނަމަ އަހަރުމެންނަށް މިހާރު ލިބިފައިވާ ލީޑް ގެއްލި ވަރަށް އަވަހަށް ހާލަތު ބަދަލު ވެދާނެ،" ކޯޗު ބުންޏެވެ.
މިދިޔަ ދެ ސީޒަނުގައި ވެސް ބާސެލޯނާ އަށް ކާމޔާބު ހޯދައިދިން ކޯޗު ބުނީ ހަތަރު މެޗުން ވެސް މޮޅުވެ 12 ޕޮއިންޓާއެކު ޓޭބަލުގެ އެއްވަނާގައި ތިބުމަކީ ފަހުރެއްނޫން ކަމަށާއި ކިރިޔާ ވެސް މެޗާމެދު ފަރުވާ ކުޑަކޮށްލައިފިނަމަ މުޅި ޓީމު ދާނީ ނުބައި މިސްރާބަކަށް ކަމަށެވެ.
"އަހަރެން ވަރަށް ހިތްހަމަ ޖެހޭ މިވަގުތު ގިނަ ކުޅުންތެރިން ތިބި ފޯމާމެދު. ހާއްސަކޮށް ލަމީން ޔަމާލާއި ރަފީނިއާ. އަހަރުމެންނަށް އެނގޭ އަހަރުމެން ޓީމުގައި ވަރަށް ގިނަ ކޮލިޓީ އެބަހުރިކަން. އެހެންވީމާ އަހަރުމެން ކޮންމެ މެޗެއްގައި ކުރަމުން އަންނަ ކަންކަން ތަކުރާރު ކުރަންޖެހޭ،" މި ސީޒަނުގައި ހަތަރު މެޗުން ރަފީނިއާ އާއި ލަމީން ޔަމާލް އެކަނި ވެސް 13 ލަނޑު ޖަހާފައިވާތީވެ އެކަމަށް އިޝާރާތްކޮށް ކޯޗު ބުންޏެވެ.
ފްލިކް ބުނީ ސީޒަން ފެށުމުގެ ކުރިން ސަޕޯޓަރުންނާ އޭނާ ވާހަކަ ދެއްކި ކަމަށާއި އެމީހުން ވެސް އުއްމީދު ކުރާ ފަދައިން އޭނާ އާއި މުޅި ޓީމުގެ އަމާޒަކީ މި ސީޒަނުގައި ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުން ކަމަށެވެ.
"ރައީސް (ޖޯން ލަޕޯޓާ) ވެސް ބުނެފައިވަނީ ސްޕެނިޝް ލީގު ވެސް މުހިންމޭ. ހާއްސަކޮށް ޖެހިޖެހިގެން ތިން ވަނަ ފަހަރަށް ހޯދުމަކީ މުހިންމު ކަމެއްކަން. އަދި ހަމައެއާއެކު އަހަރުމެންގެ މި ސީޒަނުގެ އެންމެ ބޮޑު އެއް އަމާޒަކީ ޗެމްޕިއންސް ލީގު ކާމިޔާބު ކުރުން،" މީގެ ދެ ސީޒަން ކުރިން ޓިމާ ހަވާލުވި ކޯޗު ބުންޏެވެ.