އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ހަލް ސިޓީ އާއި ދެކޮޅަށް ޗެލްސީ ކުޅުނު މެޗު 2-2 ގެ ނަތީޖާއަކުން އެއްވަރުވެއްޖެއެވެ.
ލަންޑަނުގެ ސްޓެމްފަޑް ބްރިޖުގައި ތިރީސް ނުވަހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ ގިނައިރު ޗެލްސީއިން ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް ހަލް ސިޓީ އިން ވަނީ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.
މި މެޗުގެ 7 ވަނަ މިނިޓުގައި ޖޮއާއޯ ޕެޑްރޯ ދިން ޕާހަކުން މޯގަން ރޮޖާރސް ވަނީ ލަނޑެއް ޖަހާ ޗެލްސީ އަށް ކުރި ހޯދަދީފައެވެ.
ޝަބީ އަލޮންސޯގެ އިރުޝާދުގެ ދަށުން ކުޅެމުންދާ ޗެލްސީ އިން ވަނީ މި ސީޒަނުގައި ކުޅުނު ގިނަ މެޗުތަކުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައެވެ. ނަމަވެސް ގިނައިރުތަކެއް ނުވަނީސް ބައިކޮޅަށް ލަނޑުތަކެއް ވަނީ އެންމެ ފަހުން ކުޅުނު ތިން މެޗުގައިވެސް ވަދެފައެވެ.
ހަލް ސިޓީ އިން ވަނީ މެޗުގެ 28 ވަނަ މިނިޓުގައި ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ މުހައްމަދު ބެލޫމީ އެވެ.
އަދި މެޗުގެ 34 ވަނަ މިނިޓުގައި ބެލޫމީ ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 2-1 އަށް ބަދަލުކޮށްފައެވެ.
ދެވަނަ ހާފަށް ނިކުތްއިރު ހަޓޯގެ ބަދަލުގައި ޕެޕް ޗަވާރިއާ ކުޅެން އެރުވި ނަމަވެސް ޗެލްސީއަށް ވަނީ ހަލް ސިޓީގެ ޑިފެންސް ލައިން ފޫއަޅުވާލުމަށް އެ ޓީމަށް ވަނީ އުނދަގޫތަކަކާއި ކުރިމަތިލާން ޖެހިފައެވެ.
ޗެލްސީއަށް މި މެޗުގެ ނަތީޖާ އެއްވަރު ކުރެވިފައިވަނީ މެޗުގެ 66 ވަނަ މިނިޓުގައި ކޯލް މާޕާ އަރިމަތިން ނަގައިދިން ހުރަހަކުން ޖޮއާއޯ ޕެޑްރޯ ކާމިޔާބުކޮށްދިން ލަނޑުންނެވެ.
މި ނަތީޖާ އާއިއެކު ޕްރިމިއާ ލީގުގައި ޗެލްސީ މިހާތަނަށް ކުޅުނު ހަތަރު މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެފައިވާއިރު އެއް މެޗުން ބަލިވެ އެއް މެޗު ވަނީ އެއްވަރުވެފައެވެ. ޗެލްސީއިން ޖުމްލަ 10 ލަނޑު މި ހަތަރު މެޗުގައި ޖަހާފައިވީ ނަމަވެސް ބައިކޮޅަށް ވަނީ 9 ލަނޑު ވަދެފައެވެ.