ކުޅިވަރު

ރޮނާލްޑޯގެ ޓީމުން ދުނިޔޭގެ ރެކޯޑެއް


ސައުދީ ޕްރޯ ލީގުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅެމުން އަންނަ އައް ނަސްރުން ދުނިޔޭގެ ރެކޯޑެއް ހަދައިފި އެވެ.

މި ރެކޯޑަކީ ވިދިވިގެން އެންމެ ގިނަ މެޗުގައި ލަނޑު ޖެހުމުގެ ދުނިޔޭގެ ރެކޯޑެވެ. އައް ނަސްރަށް މި ރެކޯޑް ލިބުނީ ޖެހިޖެހިގެން 93 މެޗުގައި ލަނޑު ޖަހައިގެންނެވެ. އެ ޓީމުން ރެކޯޑް ގާއިމް ކުރީ ސައޫދީ ލީގުގައި އަލް ޚަލީޖްއާ ބާއްދަލުކޮށް ހޮނިހިރު ދުވަހު 1-1އިން އެއްވަރުވި މެޗުގަ އެވެ.

މިހާތަނަށް މި ރެކޯޑް އޮތީ އާޖެންޓީނާގެ ރިވަޕްލޭޓް އަތުގަ އެވެ. އެ ޓީމުން ރެކޯޑް ހެދީ 1936 އިން 1939އާ ދެމެދު ކުޅެވުނު މެޗުތަކުގައި ލަނޑު ޖަހައިގެންނެވެ. މިހެންވެ އައް ނަސްރުން މި ރެކޯޑް މުގުރާމިލީ 87 އަހަރަށް ފަހު އެވެ.
މި ރެކޯޑް މުގުރާލަން އެ ޓީމަށް ލަނޑު ޖަހައިދިނީ ބަދަލު ކުޅުންތެރިޔާ އަބްދުﷲ އަލް ހަމްދަން އެވެ. މި ނަތީޖާއާއެކު ސައޫދީ ޕްރޯ ލީގުގައި އައް ނަސްރު ގޯލު ޖަހަމުންދާތާ 94 މެޗު ވަނީ ވެފަ އެވެ.

ސައޫދީ ލީގުގައި މިހާރު ކުޅެމުން އަންނަ ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ ވެސް މިހާރު މިސްރާހު ހިފާފައިވަނީ އޭނާގެ ކެރިއަރުގައި 1000 ލަނޑު ހަމަ ކުރުމަށެވެ. މިހާތަނަށް އޭނާ ވަނީ 979 ލަނޑު ޖަހައިފަ އެވެ. މިހާތަނަށް ރަސްމީ މުބާރާތެއްގައި 1000 ގޯލު ހަމަކުރި އެހެން ކުޅުންތެރިއަކު ނެތެވެ.