ޚަބަރު

މައްކާ އާއި ޖިއްދާއަށް ނެރުނު ހަމަލާގެ އިންޒާރު އުވާލައިފި


މިފަހަކަށް އައިސް ސަޢޫދީ ޢަރަބިއްޔާއަށް އަމާޒުކޮށް ދެމުންދާ ޙަމަލާތަކާ ގުޅިގެން، މައްކާގެ މުޤައްދަސް ބިމަށާއި ޖިއްދާ އަދި ޠާއިފްއަށް ޙަމަލާއެއް އަތުވެދާނެކަމުގެ އިންޒާރު އުވާލައިފިއެވެ.

ސަޢޫދީ މަދަނީ ދިފާޢީ އިދާރާއިން މަޢުލޫމާތު ދޭ ގޮތުގައި، މެދުއިރުމަތީގެ ނުތަނަވަސްކަން ބޮޑުވެފައިވާ ދަނޑިވަޅެއްގައި ނެރުނު މި އިންޒާރުތައް ވަނީ މާ ގިނައިރުތަކެއް ނުވެ އުވާލައިފައެވެ.

މިއީ މެދުއިރުމަތީގެ ހަނގުރާމަ ފެށުނު ފަހުން މައްކާގެ ސަރަޙައްދަށް މިފަދަ އިންޒާރެއް ނެރުނު ފުރަތަމަ ފަހަރެވެ. ސަޢޫދީގެ މަދަނީ ދިފާޢުން ފަހުން ވަނީ މި ސަރަޙައްދުތަކަށް އެޅި ރައްކާތެރިކަމުގެ ކުއްލި ފިޔަވަޅުތައް ނިމުމަކަށް އައިސްފައިވާކަން ކަށަވަރުކޮށްދީފައެވެ.

މި އިންޒާރުތައް ނެރެފައިވަނީ ޔަމަނުގެ ސަރަޙައްދުން ފޮނުވައިލި ބެލިސްޓިކް މިސައިލާއި ޑްރޯން ޙަމަލާތަކެއްގައި ސަޢޫދީގެ ދެކުނުގެ ސަރަޙައްދުތަކުން 13 މީހުން ޒަޚަމްވިތާ އެއް ދުވަސް ފަހުންނެވެ.

ޔަމަނުން ދެމުންދާ މިފަދަ ޙަމަލާތަކުގެ ސަބަބުން ސަޢޫދީ ޢަރަބިއްޔާގެ މުހިންމު ސަރަޙައްދުތަކާއި ޢުމްރާނީ ވަޞީލަތްތަކުގެ ރައްކާތެރިކަމާމެދު ވަނީ ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިފައެވެ.

އެންމެ ފަހުން ނެރުނު މި އިންޒާރުތަކާއެކު، މުޅި ސަރަޙައްދުގައި ހަނގުރާމައިގެ ހުޅުގަނޑު އިތުރަށް ފެތުރިގެން ހިނގައިދާނެކަމުގެ ބިރު ވަނީ ބޮޑުވެފައެވެ. ޚާއްސަކޮށް ފުޅާވަމުންދާ ސަރަޙައްދީ ހަނގުރާމައިގެ ސަބަބުން އަވައްޓެރި ޤައުމުތަކަށް ސަލާމަތީ ގޮތުން ބޮޑެތި ގޮންޖެހުންތައް ކުރިމަތިވަމުންދާތީ، ސަޢޫދީގެ ކަމާބެހޭ ފަރާތްތަކުން ދަނީ ޙާލަތު ވަރަށް ގާތުން ބަލައި، ރައްޔިތުންނާއި ޤައުމަށް ޒިޔާރަތްކުރާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ސަލާމަތީ ފިޔަވަޅުތައް އިތުރަށް ވަރުގަދަކުރަމުންނެވެ.

މި ކަންކަން މިގޮތަށް ހިނގަމުން މިދަނީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ނޭދެވޭ އަސަރު މުޅި ސަރަޙައްދަށް ފޯރަމުންދާ ދަނޑިވަޅެއްގައި، ސަރަޙައްދީ ޤައުމުތަކުން އަމަންއަމާންކަމާއި ސުލްޙަ މަސަލަސްކަން ޤާއިމުކުރުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާ ވަގުތެއްގައެވެ.