މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމު، ދިވެހިރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލައްވައި ފުރާވަޑައިގެނެންފިއެވެ. އެމަނިކުފާނުގެ މި ދަތުރުފުޅަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ.
މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމު ރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއްގައި ވަޑައިގަތީ ހޯމަ ދުވަހުގެ ރޭގަނޑެވެ. ރާއްޖެ ވަޑައިގަތުމުން އެމަނިކުފާނަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން މަރުޙަބާ ދެންނެވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.
މެލޭޝިއާގެ ބޮޑުވަޒީރަށް ރާއްޖެއިން ރަސްމީ ޢިއްޒަތުގައި މަރުޙަބާ ދެންނެވުމުގެ ހަރަކާތްތައް ކުރިއަށްގެންގޮސްފައިވަނީ އަންގާރަ ދުވަހުގެ ހެނދުނު ޖުމްހޫރީ މައިދާން ސަަރަޙައްދުގައެވެ. ބޮޑުވަޒީރު މާލެ ވަޑައިގެންނެމުން އިއްޒުއްދީން ފާލަމުން ރަސްމީކޮށް މަރުޙަބާ ދެންނެވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.
އެމަނިކުފާނަށް މަރުޙަބާ ދެންނެވުމުގެގޮތުން ސްކޫލުގެ ދަރިވަރުންގެ ޘަޤާފީ ހުށަހެޅުމެއްގެ އިތުރުން، 21 ބަޑީގެ ސަލާމެއް ވަނީ އަރުއްވާފައެވެ. ދިވެހި އަސްކަރިއްޔާގެ ބޭންޑުން ވަނީ ދެ ޤައުމުގެ ޤައުމީ ސަލާމް ކުޅެފައެވެ. މެލޭޝިއާގެ ބޮޑުވަޒީރު ވަނީ އެމަނިކުފާނުގެ ޝަރަފުގައި އޮތް ގާޑްއޮފް އޮނަރއެއް އިންސްޕެކްޓް ކޮށްދެއްވާފައެވެ.
އެއަށްފަހު ބޮޑުވަޒީރު އަންވަރު އިބްރާހީމް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ވަޑައިގެންނެވީ ހަތްކޮޅުގައި ރަސްމީ ޢިއްޒަތުގައި، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް އެމްއެންޑީއެފްގެ ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރާއެކު ހިންގަވާފައެވެ.
މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާޙީމްގެ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރައްވައި ދެ ޤައުމުގެ ދެމެދުގައި ރަސްމީ މަޝްވަރާތައް ވަނީ ކުރިއަށްގެންގޮސްފައެވެ. ދެޤައުމުގެ ދެމެދުގައިވާ ގުޅުމާއި، ބައިނަލްއަޤްވާމީ މައިދާނުގައި އެއްބާރުލުން އިތުރުކުރުމުގެ އިތުރުން، އެކި ދާއިރާތަކުން ގުޅުން ބަދަހިކުރެވިދާނެ އައު ދޮރުތައް ހުޅުވުމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވެއެވެ.
މި ދަތުރުފުޅުގައި ދީނީ އަދި ދިފާޢީ ދާއިރާއިން ގުޅުން ބަދަހިކުރުމާއި ގުޅޭ އެއްބަސްވުންތަކެއް ބަދަލުކޮށްފައިވެއެވެ. އަދި އެއަށްފަހު ދެގައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރެވުނު ދާއިރާތަކުގެ މައްޗަށް އަލިއަޅުއްވާލައްވާ ރައީސުލްޖުމްހޫރިއްޔާ އަދި މެލޭޝިއާގެ ބޮޑުވަޒީރު ވަނީ ޖޮއިންޓް ސްޓޭޓްމެންޓެއް ދެއްވާފައެވެ.
މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާޙީމް ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ތެރެއިން އެމަނިކުފާނުގެ ޝަރަފުގައި މެންދުރުގެ ފަރިއްކޮޅެއް ކުރުނބާ ރިސޯޓުގައި ވަނީ ބާއްވާފައެވެ. މި ފަރިއްކޮޅުގައި ދެބޭފުޅުންވެސް ސްޓޭޓްމެންޓެއް ދެއްވާފައިވާއިރު، މި ސްޓޭޓްމެންޓުގައި ދެބޭފުޅުންވެސް ވަނީ ރާއްޖެއާއި މެލޭޝިއާގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުމަށް އަލިއަޅުއްވާލައްވާ، ގުޅިގެން މަސައްކަތް ކުރުމަށް ޝައުގުވެރިކަން ފާޅުކުރައްވާފައެވެ.
މެލޭޝިއާގެ ބޮޑުވަޒީރަށް ރާއްޖެ ވަޑައިގަތުމުގެ މި ދަޢުވަތު އަރުވާފައިވަނީ، 2025ވަނަ އަހަރުގެ އޭޕްރީލް މަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. މިއީ ބޮޑުވަޒީރު އަންވަރު އިބްރާހީމް، މެލޭޝިއާގެ ބޮޑުވަޒީރުކަމުގެ މަޤާމާ 2022ވަނަ އަހަރުގެ ނޮވެންބަރު މަހު ޙަވާލުވެވަޑައިގަތުމަށްފަހު، ދިވެހިރާއްޖެއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.