ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ޓީސީ ސްޕޯޓްސް ކުލަބާ ދެކޮޅަށް ގައްދޫ ރެކްރިއޭޝަން ކުލަބުން ނުކުންނާނީ ސީދާ 3 ޕޮއިންޓް ހޯދަން ކަމަށް ގައްދޫގެ ކޯޗު މުޙައްމަދު ނަޒީހު ބުނެފިއެވެ.
ގައްދޫއިން ޕްރިމިއާ ލީގުގެ ފުރަތަމަ މެޗުގައި އަމިއްލަ ދަނޑުގައި ނިިއުރޭޑިއަންޓް ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅުނު މެޗު ނިއުއިން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ. ނަޒީހު ދެކޭ ގޮތުގައި އެ މެޗުގެ ނަތީޖާއަކީ ގައްދޫ ކުރިއަށްދާން ބަލާއިރު، ލިބޭ ހިތްވަރެކެވެ.
ނަޒީހު ބުނީ ޓީސީން އެންމެ ފަހުން ވިކްޓްރީ ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅުނު މެޗުގެ ނަތީޖާއަކީ އަސްލު ޓީސީގެ ފެންވަރު ނޫން ކަމަށެވެ. އަދި މި މެޗަށް ނުކުންނާނީ އެކަން ދަނެގެން ކަމަށް ނަޒީހު ވިދާޅުވިއެވެ.
ނަޒީހު ބުނީ ޓީސީ މެޗަށް ގައްދޫން ނުކުންނާނީ ސީދާ ތިން ޕޮއިންޓަށެވެ. އަދި ނިއުރޭޑިއަންޓް މެޗުގައި ފެނިގެންދިޔައީ ގައްދޫ ކުޅޭނެ ވަރު ކަމަށެވެ.
"އެދުވަހު (ނިއު މެޗު) ނެރުނު ކުޅުންތެރިން ބަދަލުތަކާއެކު އެއީ މެކްސިމަމް ހަމަ. ޑެޕްތެއް ނެތް ސްކޮޑަކު. އެކަމަކު އުންމީދު އެބައޮތް" ނަޒީހު ބުނިއެވެ.
ޓީސީއާ ގައްދޫއަކީ ހަމަހަމަ ޓީމެއް ކަމަށް ނަޒީހު ދެކެއެވެ. އަދި އެކަމަށް އިޝާރާތްކޮށް ނަޒީހު ބުނީ، ގައްދޫން މި މެޗަށް ނުކުންނަނީ ސީދާ ތިން ޕޮއިންޓް ހޯދަން ކަމަށެވެ. އަދި އަމިއްލަ ދަނޑުގައި ކުޅޭއިރު، ގައްދޫއަށް އެޑްވާންޓޭޖް އެބައޮތް ކަމަށް ނަޒީހު ފާހަގަކުރިއެވެ.
ޓީސީއާ ގައްދޫ ބައްދަލުކުރާ މެޗު ކުޅޭނީ ބުދަ ދުވަހުގެ ހަވީރު 15:30 ގައެވެ.