ޚަބަރު

މިއަދުވެސް މޫސުން ގޯސް، އަލިވާނީ މާދަމާއިން ފެށިގެން: މެޓް


  • ހއ. އަތޮޅުން ގދ.އަށް ހުދު ސަމާލު

  • ސަމާލު ނެރެފައިވަނީ 05:30އިން 11:30އަށް

  • ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވޭ

މިއަދުވެސް ރާއްޖޭގެ އެކި ހިސާބަށް ބޯކޮށް ވާރޭވެހޭނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފިއެވެ. މޫސުން ގޯސް ވާނެ ސަރަޙައްދުތައް ފާހަގަކޮށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ދަނީ އެލާޓް ނެރެމުންނެވެ.

އެގޮތުން މިވަގުތުވެސް ހއ. އަތޮޅުން ގެށިގެން ގދ. އަތޮޅާ ހަމައަށްވަނީ ހުދު ސަމާލު ނެރެފައެވެ. ހުދު ސަމާލު ނެރެފައިވަނީ، ފަތިހު 05:30އިން 11:30އާ ހަމައަށެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، ހުދު ސަމާލު ނެރެފައިވާ ގަޑިތަކުގައި އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް ވަނީ ލަފާކޮށްފައެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ވިދާޅުވީ ކަނޑުތަށް ގަދަވެ، އުތުރާއި މެދުރާއްޖެތެރޭގެ އަދޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން އަދި ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށެވެ. ރާޅު އުސްމިން ހުންނާނެ ކަމަށް ލަފާކޮށްފައިވަނީ 3 ފޫޓާ 6 ފޫޓާ ދެމެދުގައެވެ.

ނަމަވެސް މާދަމާއިން ފެށިގެން މޫސުން އަލިވާނެކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ. އެހެންކަމުން ކަނޑުދަތުރުފަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.