އެމްއެންޔޫގެ ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް ފެކަލްޓީގެ ޑީންއަކަށް ޒުލައިޚާ ރީޝާ ރަޝާދު އިއްޔެ އައްޔަންކޮށްފިއެެވެ. ރީޝާ އައްޔަންކުރައްވާފައިވަނީ އެކަމަކަށްޓަކައި އެމްއެންޔޫގައި ބޭއްވި ރަސްމިއްޔާތުގައެވެ.
ރީޝާއަކީ ތައުލީމީ ދާއިރާގެ ތަޖުރިބާކާރު ބޭފުޅެކެވެ. ޤައުމީ ޔުނިވަރސިޓީގައި ރީޝާ ވަނީ ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރައްވާފައެވެ. އެގޮތުން 2024 އިން 2026 އަށް އެ ފެކަލްޓީގެ ލެކްޗަރާގެ މަޤާމު ފުރުއްވާފައިވާއިރު، އޭގެ ކުރިން 2016 އިން 2018 އަށް އަދި 2020 އިން 2023 އަށް އެސޯސިއޭޓް ލެކްޗަރާގެ މަޤާމު ވެސް ރީޝާ ވަނީ ފުރުއްވާފައެވެ.
މަޤާމާ ހަވާލުވެވަޑައިގަތުމަށްފަހު ދެއްކެވި ވާހަކަފުޅުގައި ޑީން ޒުލައިޚާ ރީޝާ ރަޝާދު ވިދާޅުވީ، ފެކަލްޓީގެ ވަރުގަދަ ބިންގަލުގެ މައްޗަށް ބިނާކޮށް، ތައުލީމީ ފެންވަރު މަތިކުރުމަށާއި އައު އީޖާދުތައް ތައާރަފުކުރުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. ރީޝާ ފާހަގަކުރެއްވި ގޮތުގައި، ފެންވަރު ރަނގަޅު ތައުލީމީ ޕްރޮގްރާމްތައް އިތުރުކުރުމާއި، އެކަޑެމިކު އެކްރެޑިޓޭޝަން ހޯދުމާއި، ޤައުމީ ތަރައްޤީގެ އިސްތިރާޖީ އަމާޒުތަކާ ގުޅުންހުރި އިލްމީ ދިރާސާތައް ކުރިއެރުވުމަކީ މުހިންމު ލަނޑުދަނޑިތަކެއް ކަމަށް ވިދާޅުވެފައެވެ.
Zulaikha Reesha Rashad has been appointed as the Dean of the Faculty of Hospitality and Tourism Studies (FHTS). The appointment marks an important step in strengthening academic leadership within the Faculty and advancing excellence in hospitality and tourism education, while… pic.twitter.com/Fw97lBOEan
— The Maldives National University (@MNUedu) September 15, 2026
ފެކަލްޓީގެ ހުރިހާ ދާއިރާއެއްގައި ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރުން އިތުރުކޮށް، ދެމެހެއްޓެނިވި ކުރިއެރުން ހޯދުމަށް އިސްކަންދޭނެކަން ރީޝާ ފާހަގަކުރެއްވިއެވެ. ރީޝާގެ ތަަސައްވުރަކީ ފަންނީ ހުނަރާއި އިލްމު ލިބިފައިވާ، އަޚްލާގީ ގޮތުންނާއި މަސައްކަތުގެ އަދަބުތަކަށް އަހުލުވެރި، ރާއްޖޭގެ ދެމެހެއްޓެނިވި މުސްތަޤުބަލަށް އަމަލީ ގޮތުން ހިއްސާވާނެ ދަރިވަރުންތަކެއް ބިނާކުރުމެވެ.
ރީޝާ އަކީ، މިހާރުވެސް ފަތުރުވެރިކަމުގެ ދާއިރާގެ ތައުލީމު ހަރުދަނާކުރުމާއި، ދާއިރާގެ މުސްތަޤުބަލުގެ ލީޑަރުން ތަމްރީނުކުރުމުގައި މުހިންމު ދައުރެއް އަދާކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އޭނާ، ޑީންގެ މަޤާމަށް އައްޔަންކުރުމަކީ ފަތުރުވެރިކަމުގެ ތައުލީމާއި ދިރާސާ ކުރިއެރުވުމުގައި ރީޝާގެ ހުރި ޤާބިލުކަމާއި، ލީޑަރޝިޕަށް ޔުނިވަރސިޓީން ކުރާ އިތުބާރު ރަމްޒުކޮށްދޭ ކަމެއް ކަމަށް އެމްއެންޔޫއިން ވިދާޅުވެއެވެ.