ޔުއޭފާ ޔޫރޮޕާ ލީގުގައި އޭސީ މިލާން އާއި ބެންފީކާ ބައްދަލުކުރި މެޗުން މިލާން ބަލިވެ ޔޫރަޕްގައި މިލާންއަށް ނާކާމިޔާބު ފެށުމަކާއި ކުރިމަތިވެއްޖެއެވެ.
މިލާންގެ ސެންސީރޯ ސްޓޭޑިއަމްގައި ކުޅުނު މިމެޗު ބެންފީކާ ކާމިޔާބު ކޮށްފައިވަނީ 2 ލަނޑު ސުން ލަނޑުންނެވެ. މިއީ މިދެޓީމު މިހާތަނަށް ބައްދަލުކޮށްފައިވާ ހަތް ފަހަރުގެ ތެރެއިން ބެންފީކާއަށް މިލާންގެ މައްޗަށް ކުރި ހޯދުނު ފުރަތަމަ ފަހަރެވެ. މިމެޗުގައި މިލާން އިން ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފެއްދި ނަމަވެސް މާކޯ ސިންވަރގެ ކޯޗު ކަމުގެ ދަށުން ކުޅެމުންދިޔަ ބެންފީކާގެ ޑިފެންސް ފޫއަޅުވާލެވޭ ގޮތެއް ނުވިއެވެ. އަދި މިއާއެކު ފެނިގެންދިޔައީ މެޗުގެ 16 ވަނަ މިނެޓުގައި ބެންފީކާއިން ލަނޑެއް ޖަހާ މެޗުގެ ލީޑު ނެގި ތަނެވެ. މިލަނޑު އެޓީމަށް ކަމިޔާބު ކޮށްދީފައިވަނީ ޑޯޑީ ލުކެބާކިއޯއެވެ. މީގެއިތުރުން ފުރަތަމަ ހާފުގައި އެޓީމުގެ ޖިއޯޖީ ސުޑަކޯވް ފޮނުވާލި ހަމަލާއެއްވަނީ މިލާންގެ ގޯލްގެ ދަނޑިއަށް އަމާޒުވެގެން ގޮސްފައެވެ.
މިމެޗުގައި ބެންފީކާއިން ކާމިޔާބު ކުރި ދެވަނަ ލަނޑު ދެވަނަ ހާފުގެ ކުޅުން ފެށިތާ 8 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ފުރަތަމަ ލަނޑު ޖެހުމަށް އެހީތެރިވެދިން ޔާކޫބް ކަމިންސްކީއެވެ. ދެވަނަ ހާފުގެ ފަހު ކޮޅު ބެންފީކާގެ ކީޕަރ އެނަޓޮލީ ޓްރޫބިން ވަނީ މިލާންގެ ކްރިސްޓިއަން ޕުލިސިޗް ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ދިފާއުކޮށް މެޗުގެ ފަހު ކޮޅު އޭނާގެ ޓީމު ހާސްކަމުގެ ތެރެއަށް ވެއްޓުނަނުދީ ސަލާމަތް ކޮށްދީފައެވެ.
މިމުބާރާތުގައި އޮލިމްޕިކް ލިއޯން އާއި އެންޑަރލެކްޓް ބައްދަލުކުރި މެޗު ރަށުން ބޭރުގައި 2 ލަނޑު އެއް ލަނޑުން ކާމިޔާބު ކޮށްފައިވަނީ ލިއޯންއެވެ. އެންޑަރލެކްޓްގެ ލޮޓޯ ޕާކްގައި ކުޅުނު މިމެޗު ލިއޯންއިން ފަށާފައިވަނީ ވަރަށް ފޯރީގައެވެ. މިގޮތުން މެޗުގެ 8 ވަނަ މިނެޓުގައި އެޓީމުންވަނީ ނޯއާ ނާޓޭ ކާމިޔާބު ކޮށްދިން ލަނޑުން މެޗުގެ ލީޑު ނަގައިފައެވެ. އަދި މެޗުގެ 22 ވަނަ މިނެޓުގައި ކެއިޓޯ ނަކަމޫރާ ކާމިޔާބު ކޮށްދިން ލަނޑުން މިމެޗުގައި 2 ލަނޑުގެ ލީޑެއް ނަގާ ހަމަޖެހިލިއެވެ. ނަމަވެސް މިމެޗުގެ ދެވަނަ ހާފުގައި އެންޑަރލެކްޓް އިން އެޓީމުގެ ކުޅުން ރަނގަޅު ކުރުމުގެ ނަތީޖާ އަކަށް ވެގެންދިޔައީ މެޗުގެ 61 ވަނަ މިނެޓުގައި ލަނޑެއް ޖަހާ މެޗުގެ ފަހު 30 މިނެޓްގެ ފޯރި އިތުރަށް ގަދަވެގެންދިއުމެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މިހައިލޯ ކުވެޓްކޮވިޗްއެވެ. މިލަނޑާއެކު މެޗުގެ ފަހު ކޮޅު ލިއޯން ހާސްކަމުގެ ތެރެއަށް ވެއްތިގެންދިޔަތަން ފެނިގެންދިޔައެވެ. ނަމަވެސް މިއާއެކުވެސް އެންޑަރލެކްޓްއަށް މެޗުގެ ނަތީޖާ ހަމަހަމަ ކުރެވޭގޮތެއް ނުވިއެވެ.
މިމުބާރާތުގައި ރޭ 9 މެޗު ކުޅެވިގެންދިޔައިރު ފުރަތަމަ ބުރުގެ ބާކީ 9 މެޗު މިރޭ ކުޅެވިގެންދާނެއެވެ. މިގޮތުން މިރޭ ކުޅޭ މެޗުތަކުގައި ޔުވެންޓަސް އަމިއްލަ ދަނޑުގައި އެންއީސީ ނެއިމެގެން އާއި ބައްދަލުކުރާ މެޗުގެ އިތުރުން ބެކިސްޓާސް އާއި އޮލިމްޕިކް މާސޭ ބައްދަލުކުރާ މެޗާއި ރެއާލް ސޮސިއެޑާޑް އާއި ބޯންމަތު ބައްދަލުކުރާ މެޗު ފާހަގަ ކޮށްލެވެއެވެ.