ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ދެކޮޅަށް ނެރޭނީ ޔޫރަޕުގެ މީހެއް ކަމަށް އެ ޖަމާއަތުން ބުނެފި އެވެ.
ވޯލްޑް ފުޓްބޯޅަ ސަމިޓަށް ފަހު ވާހަކަ ދައްކަމުން އެ ޖަމާއަތުގެ ނާއިބް ރައީސް ލައުރާ މެކްއަލިސްޓާ ވިދާޅުވީ އިންފަންޓީނޯއާ ދެކޮޅު ރޫހު މަރެއް ނުވާ ކަމަށެވެ.
"އަހަންނަކަށް ހިޔެއް ނުވޭ. އަހަރުމެން ޖެހޭނީ ރަނގަޅު ކެނޑިޑޭޓެއް ނެރެން. އެކަމަށް މިދަނީ ވަރަށް ބޮޑަށް މަސައްކަތް ކުރަމުން. އެ މީހާ ވާން ޖެހޭނީ އެންމެން ގޮވައިގެން އުޅޭ ބަދަލުތަކެއް ގެންނާނެ މީހަކަށް. އަހަރުމެން ނެރޭ ކެނޑިޑޭޓް ވާން ޖެހޭނީ ޔޫރަޕުގެ މީހަކަށް،" އިންފަންޓީނޯއާ ދެކޮޅަށް ކުރި ކެމްޕޭނުގައި ޔޫއޭފާ ބަލިވެއްޖެތޯ ނޫސްވެރިއަކު އެހުމުން ލައުރާ ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ އިންފަންޓީނޯ އަލުން އިންތިހާބުނަމަ ކަންތައްތަވާނެ ގޮތެއް މިހާރު ބުނަން ނޭނގޭ ކަމަށާއި ނަމަވެސް ފީފާގެ ރައީސް ކަމަށް އަންނަ މާޗު މަހު ކޮންމެ މީހަކު ހޮވުނަސް މިހާރު ދިމާވި ކަންކަމުން މިއީ ވަރަށް ބޮޑު އިބްރަތަކަށްވާނެ ކަމަށެވެ.
ޔޫއޭފާއިން އިންފަންޓީނޯއާ ދެކޮޅަށް ތެދުވީ ވޯލްޑް ކަޕާއި ފިފާގެ މުބާރާތްތައް ބާއްވަން ފީފާގެ ތެރެއިން ވިޔަފާރި ކުންފުންޏެއް އުފައްދައި އެ ކުންފުނީގެ ހިއްސާ އެމެރިކާގެ ވިޔަފާރިވެރިންތަކަކަށް ވިއްކާލަން އުޅުނު މައްސަލާގަ އެވެ. މިކަމާ ދެކޮޅު ހަދައި ޔޫއޭފާ އާއި ކޮންކާކަފާއި އޭޝިޔާގެ ގިނަ ގައުމުތައް ތިބީ އިންފަންޓީނޯއާ ދެކޮޅަށެވެ.
މާޗު މަހު ބާއްވާ އިންތިހާބުގައި އިންފަންޓީނޯ ވާދަކުރައްވާނެ އެވެ. އަދި އޭނާ ވަނީ އިންތިހާބުގެ ކެމްޕޭން ފަށްޓަވާފަ އެވެ.