ޚަބަރު

މުދައްރިސުންގެ މަހާސިންތާގެ ޚިޔާލުތައް ޕޮލިސީ ލެވަލްއަށް


  • ނިންމުންތަކަށް ޕޮލިސީ ލެވެލްގައި މަޝްވަރާކޮށް ބަދަލުގެނައުމަށް ޕްލޭންކުރެވިފައި

  • ބައިވެރިންގެ ފަރާތުން ރަނގަޅު ފީޑްބެކްތަކެއް ލިބުނު

ބަދަލުވަމުންދާ ދުނިޔެއާއެކު ތަޢުލީމީ ދާއިރާއަށްއަށްވެސް އަންނަނީ ބަދަލުތައް އަންނަމުންނެވެ. ޓެކްނޮލަޖީއާއެކު އުނގެނުމަށާއި އުނގަންނައިދިނުމުގެ ވައްޓަފާޅިއަށްވެސް ބޮޑެތި ބަދަލުތަކެއް އަންނަމުންދެއެވެ. މިހެން އަންނަ ބަދަލުތަކާއެކު ދަރިވަރުންނަށް ރަނގަޅު ތަޢުލީމެއްވެސް ފޯރުކޮށްދެވޭނީ އެކަންކަން ދެނެގަނެ ކަންކަން ދަސްކޮށް އެކަމަށް ލޯ ހުޅުވިގެންނެވެ.

ޖީލެއް ބިނާ ކުރުމުގައި މުދައްރިސުން އަދާ ކުރާ ދައުރިގައި ތަފާތު ތަމްރީންތަކާއި ދިރާސާތަކުގެ އަލީގައި ލިބޭ މަޢުލޫމާތުތަކަކީ މުހިއްމު އެއްޗަކަށްވެއެވެ. ތަޢުލީމީ ދާއިރާއަށް މިފަދަ މުހިއްމު ބަދަލުތައް ގެނައުމަށް ކުރެވޭ މަސައްކަތްތަކުގައި ކޮންމެ ދެ އަހަރަކުން އެއް އަހަރަކު ބާއްވީ ބައިނަލްއަޤްވާމީ މުދައްރިސުންގެ މަހާސިންތައް މުހިއްމު ދައުރެއް އަަދާކުރެއެއެވެ.

މުދައްރިސުންނަށް އަމާޒުކޮށްގެން ބޭއްވި މި މަހާސިންތާއަކީ ސްކޫލްތަކުގައި މަސައްކަތް ކުރާ މުދައްރިސުންގެ މެދުގައި ދިރާސާ ކުރުމުގެ ސަޤާފަތެއް ޤާއިމްކުރުމަށާއި ޢިލްމީ މަސައްކަތް ކުރާ ބައިނަލްއަޤްވާމީ ފަރާތްތަކަށް ރާއްޖެ ހުޅުވާލުމަށް ކުރިއަށް ގެންދިޔަ މަހާސިންތާއެކެވެ. މި މަހާސިންތާ މެދުވެރިކޮށް ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކަށް އެމީހުންގެ މަސައްކަތްތައް ހިއްސާކުރާނެ ޕްލެޓްފޯމެއް ހުޅުވައިދީ، ހުށަހެޅޭ ޢިލްމީ ދިރާސާތަކާއި މަސައްކަތްތަކުގެ އަލީގައި ސްކޫލްތަކުގެ ކިޔަވައިދިނުމަށް ރަނގަޅު ބަދަލުތަކެއް ގެނައުމަަށްވެސް މި މަހާސިންތާ މުހިއްމު ދައުރެއް އަދާކުރެއެވެ.
ވޭތުވެދިޔަ 7 މަހާސިންތާގައިވެސް މުހިއްމު މަޝްވަރާތަކަކާއި ދިރާސާ ކަރުދާސްތަކެއް ހުށަހަޅާފައިވާއިރު އޭގެ އަލީގައި ތަޢުލީމީ ދާއިރާއަށް މިވޭތުވެދިޔަ އަހަރުތަކުގައި މުހިއްމު ބަދަލުތަކެއް ގެނެސްފައިވެއެވެ. ޚާއްސަކޮށް އެއްވެސް ކުއްޖަކު ބާކީ ނުކުރުމުގެ ސިޔާސަތުގެ ދަށުން މުހިއްމު ބަދަލުތަކެއް އައިސްފައިވާކަން ފާހަގަކޮށްލެވެއެވެ.

މިހެން ބާއްވާ ކޮންމެ މަހާސިންތާއެއްގައިވެސް ތީމަކަށް ކަނޑައަޅަނީ އެދުވަސްވަރަކަށް އެންމެ މުހިއްމު ތީމްއެކެވެ. އަހަރުން އަހަރަށް މި މަހާސިންތާގައި ބައިވެރިންގެ އަދަދާއި ހުށަހަޅާ ކަރުދާސްތަކުގެ އަދަދުވެސް އިތުރުވެއެވެ. އެގޮތުން މި ފަހުން ބޭއްވި 8 ވަނަ ބައިނަލްއަޤްވާމީ މުދައްރިސުންގެ މަހާސިންތާގައި 300 އަށް ވުރެ ގަނަ ބައިވެރިން ބައިވެރިވެފައިވެއެވެ. އަދި 106 ފަރާތަކުން މި މަހާސިންތާގައި 70 ދިރާސާ ކަރުދާހެއް ހުށަހަޅާފައިވެއެވެ.

މަހާސިންތާގެ ކޯޑިނޭޓަރ އަދި އެންއައިއީގެ ސީނިއަރ ކަރކިއުލަމް ޑިވެލޮޕްމެންޓް އެނަލިސްޓް ޝުހުދާ ރިޒްވާން ވިދާޅުވީ، މިފަހަރުގެމަހާސިންތާގެ ބައިވެރިންގެ ފަރާތުން ވަރަށް ރަނގަޅު ފީޑްބެކްތަކެއް ލިބިގެން ދިޔަ ކަމަށެވެ. މިގޮތުން ޕެނަލް ޑިސްކަޝަންތަކާއި ހުށެހެޅުނު ކަރުދާސްތަކުން އަދި ކީނޯޓުތަކުން ވަރަށް ގިނަ ކަންކަން ދަސްވެގެން ދިޔަކަން މުދައްރިސުން ވަނީ ފާހަގަކޮށްފައެވެ. މިމަހާސިންތާއަށް ހުށަހެޅި ކަރުދާސްތަކާއި ޚިޔާލުތައް ޕޮލިސީ ލެވެލްއަށް ގެންގޮސް މަޝްވަރާކުރުމަށް ހަމަޖެހިފައިވާކަމަށް ޝުހުދާ ވިދާޅުވިއެވެ.

"އެންމެ މުހިއްމު އެކަމަކަށް ކުރިއަށް އޮތްތަނުގައި ކޮންފަރެންސްގައި ހުށަހެޅި ކަރުދާސްތަކުންނާއި އެކި ހުށަހެލޫންތަކުގެ ރިކަމަންޑޭޝަނަތައް ޕޮލިސީ ލެވެލްއަށް ގެންދަންޖެހޭކެމަށް ފާހަގަވެފައިވޭ. އެކަންކަމަށް ޕޮލިސީ ލެވެލްގައި މަޝްވަރާކޮށް ބަދަލުގެނައުމަށް ޕްލޭންކުރެވިފައިވޭ." އެންއައިއީގެ ސީނިއަރ ކަރކިއުލަމް ޑިވެލޮޕްމެންޓް އެނަލިސްޓް ޝުހުދާ ރިޒްވާން ވިދާޅުވިއެވެ.

މި މަހާސިންތާއަކީ ހަމައެކި ރާއްޖޭގެ މުދައްރިސުންނަށް ބޭއްވި މަހާސިންތާއެއް ނޫނެވެ. ބޭރުގެ އެކި ޤައުމުތަކުގެ ތަޖުރިބާކާރުންވެސް މި މަހާސިންތާގައި ބައިވެރިވެފައިވެއެވެ. އެގޮތުން މިފަހަރުގެ މަހާސިންތާގައި ސްރީލަންކާ، ޕާކިސްތާން، މިސްރު، އޮސްޓްރޭލިޔާ އަދި އިންޑިޔާގެ ތަޢުލީމީ ދާއިރާގައި ފަންނީ މަސައްކަތް ކުރައްވާ ފަރާތްތަކުން ބައިވެރިވެ، ތަޢުލީމީ ދާއިރާގެ ކުރިއެރުވުމާއި ހަރުދަނާ ތަޢުލީމީ ނިޒާމެއް ބިނާކުރުމަށް މަޢުލޫމާތު ހިއްސާކޮށްފައިވެއެވެ.

ބައިނަލްއަޤްވާމީ މުދައްރިސުންގެ މަހާސިންތާ ފުރަތަ ބާއްވާފައިވަނީ 2012 ވަނަ އަހަރުގައެވެ. މި މަހާސިންތާ ގިނައިން މާލެ ސަރަޙައްދުގައި ބޭއްވިނަމަވެސް އަތޮޅުތަކުގެ އެކި ސްކޫލްތަކުން މުދައްރިސުން ބައިވެރިވެއެވެ. އަދި 2 ބުރެއްގެ މަތިން އައްޑޫ ސިޓީއާއި ކުޅުދުއްފުށީ ސިޓީގައިވެސް މި މަހާސިންތާ ވަނީ ބައްވާފައެވެ.