ޒަމާނުއްސުރެ ދިވެހިރާއްޖޭގައި އެންމެ ހަރުއަޑުން ދެކެވެމުން އަންނަ އަދި ޤައުމީ ސަލާމަތާ ގުޅިފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ބިދޭސީންގެ މައްސަލައެވެ. އަހަރުން އަހަރަށް ބިދޭސީންގެ އާބާދީ އިތުރުވަމުން ދިޔުމާއި، ޤަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ އަދަދު އިންތިހާއަށް މައްޗަށް ދިޔުމަކީ ދިވެހި ކޮންމެ ރައްޔިތެއްގެވެސް އޮތް ކަންބޮޑުވުމެކެވެ.
ވޭތުވެދިޔަ އެކި ސަރުކާރުތަކުން މިކަމަށް އެކި މަސައްކަތްތައް ކުރި ނަމަވެސް މި މައްސަލައަށް ދާއިމީ އަދި އެދެވޭ ހައްލެއް ހޯދިފައެއް ނުވެއެވެ. ނަމަވެސް މިއަދު މިވަނީ މި މައްސަލައިގައި ދުނިޔެ ފާހަގަކޮށްލެވޭފަދަ ބޮޑު ކާމިޔާބީއެއް ރާއްޖެއިން ހާސިލުކޮށްފައެވެ.
ސަރުކާރު ހިންގާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕީއެންސީގެ މަތީ މަޖިލީހުގައި ވާހަކަދައްކަވަމުން ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވަނީ ވޭތުވެދިޔަ މުއްދަތުގައި މި ދާއިރާއިން ހޯދުނު ބޮޑެތި ކާމިޔާބީތަކުގެ ތަފާސްހިސާބުތައް ހާމަކުރައްވާފައެވެ. ވަޒީރު ފާހަގަކުރެއްވި ގޮތުގައި ރާއްޖޭގެ މުޅި އާބާދީގެ ދެބައިކުޅަ އެއްބަޔަކީ ބިދޭސީންނެވެ. އަދުގެ ސަރުކާރުން ވެރިކަމާ ހަވާލުވިއިރު، ލިޔެކިޔުންތަކުން ދައްކާ ގޮތުގައި ރާއްޖޭގައި އުޅުމުގެ ހުއްދަ ދެވިފައިވާ 295,678 (ދެ ލައްކަ ނުވަދިހަ ފަސްހާސް ހަސަތޭކަ ހަތްދިހަ އަށެއް) ބިދޭސީން ތިއްބެވެ. އެ އަދަދަށް ރާއްޖޭގައި ބިދޭސީ މަސައްކަތްތެރިން ތިބެންޖެހޭނެކަން ދައުލަތުގެ ރެކޯޑުތަކުން ދެއްކި ނަމަވެސް އޭގެ ތެރެއިން ފިންގަރޕްރިންޓް ނެގި، އެއީ ކޮން ބައެއްކަން ސީދާ ދެނެގަނެވިފައި ތިބީ އެންމެ 22,700 މީހުންކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ޢަލީ އިޙްސާން ވިދާޅުވި ގޮތުގައި މިއީ ޤައުމީ ސަލާމަތަށް އޮތް ވަރަށް ބޮޑު ނުރައްކަލެކެވެ. 1980 ގެ ފަހުކޮޅުން ފެށިގެން މި ޤައުމު އޮތީ މިއީ މާބޮޑު މައްސަލައެއް ނޫން ކަމަށް ދެކިގެންނެވެ. ގިނަ ފަރާތްތަކުން ބިދޭސީން އެތެރެކޮށް ވިއްކައިގެން ލިބޭ ފައިސާއަށް ދަހިވެތިވެފައި ތިބިއިރު، މިކަމުގެ ސަބަބުން މުޅި ޤައުމަށް ވާނެ ގޮތަކާމެދު ބެލި އެއްވެސް ފަރާތެއް ނެތްކަމަށް ވިދާޅުވިއެވެ.
ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު މި މައްސަލަ ހައްލުކުރުމަށް އަމާޒު ހިފާފައިވާކަމަށް ވިދާޅުވިއެވެ. އަދި އެ އަމާޒަށް ވާސިލުވުމަށްޓަކައި ދާޚިލީ ވުޒާރާއިން ފެށި ހަރުދަނާ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން، ވޭތުވެދިޔަ މުއްދަތުގެ ތެރޭގައި މިވަނީ ބޮޑު އިންގިލާބީ ބަދަލެއް ގެނެސްފައެވެ. ކުރިން އެންމެ 22،700 މީހުންގެ ފިންގަރޕްރިންޓް ނެގިފައި އޮތް އޮތުން ބަދަލުކޮށް، މިއަދު ރާއްޖޭގައި އުޅޭ ބިދޭސީންގެ 95 އިންސައްތަ މީހުންގެ ފިންގަރޕްރިންޓާއި ބަޔޯމެޓްރިކް މަޢުލޫމާތު ވަނީ ނަގާފައެވެ.
މި މަސައްކަތުގެ ތެރެއިން މިހާތަނަށް 294،000 (ދެ ލައްކަ ނުވަދިހަ ހަތަރުހާސް) ބިދޭސީންގެ މަޢުލޫމާތު އެއްކުރެވިފައިވާއިރު މިހާރު ކަންބޮޑުވާ ޙާލަތުގައި، ކާކުކަން ދެނެނުގަނެވި ތިބީ އެންމެ 1,102 (އެއްހާސް އެއްސަތޭކަ ދޭއް) މީހުންނެވެ. ބާކީ ހުރި ފަސް އިންސައްތައިގެ ތެރެއިން ހަތަރު އިންސައްތަ މީހުންނަކީ މިހާރު ރާއްޖޭގައި ތިބި ބައެއް ނޫންކަން ކަށަވަރުވެފައިވާތީ، ޙަޤީޤަތުގައި ފިންގަރޕްރިންޓާއި ފޮޓޯ ނުނެގި ރާއްޖޭގައި މިހާރު ތިބީ އެންމެ 1 އިންސައްތަ މީހުންނެވެ.
މިއީ މުޅި ދުނިޔޭގެ ނިސްބަތުންވެސް ފާހަގަކޮށްލެވޭ ފަދަ ބޮޑު ކާމިޔާބީއެކެވެ. މުޅި ދުނިޔެއަށް ބަލާއިރުވެސް، އެ ޤައުމެއްގެ ބިދޭސީ އާބާދީގެ ތެރެއިން ބަޔޯމެޓްރިކަލީ އައިޑެންޓިފައި ނުކުރެވޭ ނުވަތަ މަޢުލޫމާތު ފުރިހަމައަށް ނޭނގޭ މީހުންގެ އަދަދު 1 އިންސައްތައިގެ ތްރެޝްހޯލްޑްގައި ހިފެހެއްޓިފައިވާ އޮތީ އެންމެ 3 ޤައުމެވެ. އެއީ ދިވެހިރާއްޖެ، ސިންގަޕޫރު، އަދި ޔުނައިޓެޑް ޢަރަބް އެމިރޭޓްސް (ޔޫ.އޭ.އީ)އެވެ.
މި ސަރުކާރުން މި ކުރު މުއްދަތުގެ ތެރޭގައި ކޮށްފައިވަނީ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް ދުނިޔޭގެ ފެންވަރުގެ މަސައްކަތްތަކެކެވެ. ޤަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށްޓަކައި ބިދޭސީންގެ ވޯކް ޕާމިޓްތައް ހަރުދަނާކަމާއެކު ބެލެހެއްޓުމާއި އެ ލިޔެކިޔުންތަކުގެ ސައްހަކަން ކަށަވަރުކުރުމުގެ މަސައްކަތް މެދުކެނޑުމެއްނެތި މިހާރުވެސް ދަނީ ކުރިއަށެވެ. މިއީ ރާއްޖޭގެ ޤައުމީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅުނު ވަރަށް މުހިންމު އަދި ތާރީޚީ ފިޔަވަޅެކެވެ.