ޚަބަރު

އޭޝިއަން ގޭމްސްގައި ޝޫޓިންއިން ޤައުމީ ރިކޯޑެއް 2 ފަހަރަށް އާކޮށްފި


  • މާއިދު ޤައުމީ ރިކޯޑް އައު ކޮށްފައިވަނީ 614.5 ޕޮއިންޓް ސްކޯކޮށްގެން

  • އުމަރު ޤައުމީ ރިކޯޑް އައު ކޮށްފައިވަނީ 610.2 ސްކޯކޮށްގެން

ޖަޕާނުގައި މިހާރު ކުރިއަށްދާ 20 ވަނަ އޭޝިއަން ގޭމްސްގައި ވާދަކުރަމުންދާ ޤައުމީ ޝޫޓިން ޓީމުގެ އަޙްމަދު މާއިދު މުޙައްމަދާއި އުމަރު މުޙައްމަދު ނަޝީދު ގައުމީ ރެކޯޑް އައުކޮށްފިއެވެ.

މާއިދު މި ރެކޯޑް އައުކޮށްފައިވަނީ މުބާރާތުގައި މިއަދު އޮތް ފިރިހެނުންގެ 10 މީޓަރު އެއަރ ރައިފަލް އިވެންޓުގައި 614.5 ޕޮއިންޓް ހޯދައިގެންނެވެ.

މީގެ ކުރިން މިރެކޯޑު ދަމަހައްޓަމުން އައީ ޤައުމީ ޝޫޓިން ޓީމުގެ އިބްރާހީމް ޝިފާނެވެ. އޭނާ ރިކޯޑް ހަދާފައިވަނީ ތައިލެންޑުގެ ބެންކޮކްގައި ބޭއްވި އޭޝިއަން ކަޕް 2025، ޝޫޓިން މުބާރާތުގައި 605.5 ޕޮއިންޓް ސްކޯކޮށްގެންނެވެ.

ނަގޯޔާގެ ޖެނެރަލް ޝޫޓިންގ ގެލެރީގައި ކުރިއަށްދާ އޭޝިއަން ގޭމްސްގެ ޝޫޓިން އިވެންޓުގައި ވާދަކުރާ ޤައުމީ ސްކޮޑުގެ އުމަރު މުޙައްމަދު ނަޝީދު ޤައުމީ ރިކޯޑް އައުކޮށްފައިވަނީ މާއިދަށްވުރެ ކުޑަ އިރުކޮޅެއް ކުރިންނެވެ. އޭނާގެ ސްކޯއަކީ 610.2 ޕޮއިންޓެވެ.

މީގެ އިތުރުން މިއަދުގެ އިވެންޓުގައި ވާދަކުރި އިބްރާހީމް ޝިފާންވެސް ވަނީ 597.3 ޕޮއިންޓް ހޯދާފައެވެ.

މިއަދުގެ އިވެންޓުގައި އެކި ޤައުމުތަކުން ޖުމްލަ 47 ޝޫޓަރުން ވާދަކުރިއެވެ. އޭގެތެރޭގައި މުޅި ދުނިޔޭގެ ޝޫޓިން ތާރީޚުގައި އުފެދުނު އެންމެ މޮޅު ޝޫޓަރު، ޗައިނާގެ ޝަންގް ލީހައޮ ވެސް ހިމެނެއެވެ. މި އިވެންޓު އެއްވަނައިގައި އޭނާ ނިންމާފައިވާއިރު، އޭނާވަނީ 635.4 ޕޮއިންޓް ހޯދާފައެވެ.

20 ވަނަ އޭޝިއަން ގޭމްސްގައި ޤައުމީ ޝޫޓިން ޓީމުން މާދަމާ ނުކުންނާނީ 10 މީޓަރު އެއަރ ރައިފަލް މިކްސް ޓީމް އިވެންޓްގައި ވާދަކުރުމަށެވެ.