ޚަބަރު

އޭޝިއަން ގޭމްސްގައި ޤައުމީ ފެތުންތެރިންވެސްދަނީ ހިތްވަރުކުރަމުން


  • 50 މީޓަރު ބެކްސްޓްރޯކު ހީޓުން ރިހާންވަނީ ޕާސަނަލް ބެސްޓް ހަދާފަ

  • މާދަމާވެސް ޤައުމީ ޓީމުން ތިން އިވެންޓެއްގައި ވާދަކުރާނެ

އޭޝިއަން ގޭމްސް އައިޗީ-ނަގޯޔާ 2026 ގައި ވާދަކުރަމުންދާ ޤައުމީ ސްވިމިން ޓީމުން މިއަދު ތިން އިވެންޓެއްގައި ވާދަކޮށްފިއެވެ.

އެގޮތުން ސްވިމިން ޓީމު ވާދަކޮށްފައިވަނީ އަންހެން އަދި ފިރިހެން 50 މީޓަރު ބެކް ސްޓްރޯކާއި ފިރިހެނުންގެ 100 މީޓަރު ބްރެސްޓް ސްޓްރޯކް އިވެންޓުގައެވެ.

ޖަޕާނުގެ ވެރިރަށް ޓޯކިއޯގެ، ޓޯކިޔޯ އެކުއަޓިކްސް ސެންޓަރުގައި މިއަދު އޮތް ފިރިހެނުންގެ 50 މީޓަރު ބެކްސްޓްރޯކު ހީޓު 1ގައި ވާދަކުރި ދިވެހި ޓީމުގެ މުޙައްމަދު ރިހާން ޝިހާމް 29.64 ސިކުންތުން ރޭސް ނިންމާވަނީ އޭނާގެ ޕާސަނަލް ބެސްޓް ހަދާފައެވެ. ޖުމްލަ 10 ފެތުންތެރިން ވާދަކުރި މި ހީޓު ރިހާން ނިންމާފައިވަނީ 9 ވަނައިގައެވެ.

އަންހެނުންގެ 50 މީޓަރު ބެކްސްޓްރޯކު ހީޓު 4 ގައި ވާދަކުރި ރާއްޖޭގެ މަލައިކާ ލިންޑާ ޢިމްރާން ރޭސް ނިންމާފައިވަނީ 35.90 ސިކުންތުންނެވެ. މި ހީޓުގައިވެސް ޖުމްލަ 10 ފެތުންތެރިން ވާދަކޮށްފަވެއެވެ.

މީގެ އިތުރުން ޤައުމީ ސްކޮޑުގެ ލޫތު މުޙައްމަދު ހުސައިން ވަނީ ފިރިހެނުންގެ 100 މީޓަރު ބްރެސްޓް ސްޓްރޯކް ހީޓު 1ގައި ފަތާފައެވެ. އޭނާ ރޭސް ނިންމީ އެއް މިނިޓް 11.69ސިކުންތުންނެވެ. ޖުމްލަ 6 ފެތުންތެރިން ބައިވެރިވިމި ހީޓު ލޫތު ނިންމީ ފަސްވަނައަށެވެ.

މާދަމާވެސް އަންހެނުންގެ 100 މީޓަރު ފްރީސްޓައިލް، އަންހެނުންގެ 200 މީޓަރު ބެކްސްޓްރޯކް، އަދި ފިރިހެނުންގެ 400 މީޓަރު އިންޑިވިޖުއަލް މެޑްލޭގައި ދިވެހި ފެތުންތެރިން ވާދަކުރާނެއެވެ.