ޚަބަރު

ސެންސީރޯއަށް 100 އަހަރު، ސްޓޭޑިއަމްގެ މުސްތަގްބަލް ސުވާލުމާކެއްގައި


  • ސެންސީރޯ އަކީ އިޓަލީވިލާތުގައި ހުރި އެންމެ ބޮޑު ފުޓުބޯޅަ ސްޓޭޑިއަމް

  • ސެންސީރޯ ރަސްމީކޮށް ހުޅުވާފައިވަނީ 1926 ވަނަ އަހަރު

އިޓަލީވިލާތުގައި ހުރި އެންމެ ބޮޑު ފުޓުބޯޅަ ސްޓޭޑިއަމް ކަމަށްވާ މިލާންގެ މަޝްހޫރު ސެންސީރޯ ސްޓޭޑިއަމްއަށް 100 އަހަރު މިމަހުގެ ތެރޭގައި ފުރިފައިވާއިރު މިތާރިހީ ސްޓޭޑިއަމްގެ މުސްތަގްބަލާމެދު މިހާރުވަނީ ސުވާލުއުފެދިފައެވެ.

މިލާންގެ މަޝްހޫރު އޮޕެރާ ހައުސް ކަމަށްވާ ލަ ސްކާލާއަށް ނިސްބަތްކޮށް ފުޓުބޯޅައިގެ ސްކާލާގެ ގޮތުގައި އިޓަލީވިލާތުގައި ސިފަކުރާ މިސްޓޭޑިއަމްގައި ފުޓުބޯޅައިގައި އެންމެ ފާހަގަ ކޮށްލެވޭ ހަރަކާތްތައް ބާއްވާފައިވެއެވެ. އަދި މިއީ މިލާންގެ މަޝްހޫރު ދެ ކުލަބް ކަމަށްވާ އޭސީ މިލާން އާއި އިންޓަރ މިލާންގެ ހޯމް ސްޓޭޑިއަމްގެ ގޮތުގައި ބޭނުން ކުރަމުން އަންނަ ސްޓޭޑިއަމެވެ. މިދެ ކުލަބްގެ ތާރީހަށް ބަލާއިރުވެސް މިސްޓޭޑިއަމްގެ މުހިންމު ކަން ވަރަށް ބޮޑެވެ. ނަމަވެސް މިހުރިހާ ކަމަކާއެކުވެސް މިލާންގެ މިދެ ކުލަބުގެ ވިސްނުން މިސްޓޭޑިއަމާ މެދު ތަފާތުކަންވަނީ ހާމަވެފައެވެ.

އޭސީ މިލާން އާއި އިންޓަރ އިން ބޭނުންވަނީ ސެންރީރޯ ތަޅާލާ އެތަނުގާ އައު ސްޓޭޑިއަމްއެއް ބިނާ ކުރާށެވެ. އަދި މިކަމަށްޓަކައި މި ދެކުލަބު ގުޅިގެން ކުރި މަސައްކަތަށްފަހު މިލާންގެ ސިޓީ ކައުންސިލުން މިހާރުވަނީ މިސްޓޭޑިއަމް މި ދެކުލަބަށް ވިއްކާވެސް ލާފައެވެ. 1947 ވަނަ އަހަރުން ފެނިގެން ސެންސީރޯ ބޭނުންކުރާ މިދެ ކުލަބުންވަނީ އެތަން ގަތުމަށް ސިޓީ ކައުންސިލަށް 197 މިލިއަން ޔޫރޯގެ އަގެއް ދައްކާފައެވެ. ނަމަވެސް މިތާރިހީ ބިނާ އެއްކޮށް ނެތިކޮށްލުމާއި ދެކޮޅު ފަރާތްތަކުގެ ނުރުހުމާއި މި ދެކުލަބަށް ކުރިމަތިލާން ޖެހިފައިވެއެވެ. މީގެތެރޭގައި ކުލަބުގެ ސަޕޯޓަރުންވެސް ހިމެނެއެވެ.

ސެންސީރޯ ސްޓޭޑިއަމްގެ ބިންގާ އަޅާފައިވަނީ 1925 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ. އަދި މިސްޓޭޑިއަމް އިމާރާތް ކުރުމަށް އެއް އަހަރު ދުވަސް ނަގާފައިވެއެވެ. ސެންސީރޯ ރަސްމީކޮށް ހުޅުވާފައިވަނީ 1926 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހުއެވެ. އަދި މިސްޓޭޑިއަމްގައި އެންމެ ފުރަތަމަ ކުޅުނީ މިލާން އާއި އިންޓަރގެ ފުޓްބޯޅަ މެޗެކެވެ. އަދި 1980 ވަނަ އަހަރުން ފެށިގެން ބައިނަލްއަޤްވާމީ ކޮންސަރޓްތައްވެސް މި ސްޓޭޑިއަމްގައި ބާއްވާއިވެއެވެ. އަދި މިއަހަރުގެ ފެބްރުއަރީ މަހު މިލާނޯ- ކޯޓީނާ ވިންޓަރ އޮލިމްޕިކް ގޭމްސްގެ ހުޅުވުމުގެ ރަސްމިއްޔާރުވެސްވަނީ ބާއްވާފައެވެ.

މިސްޓޭޑިއަމް ތަޅާލަން ނިންމުމާއި ގުޅޭގޮތުން ވާހަކަ ދައްކަމުން މިލާންގެ ޗެއާމަން ޕައޮލޯ ސްކަރޯނީ ބުނީ މިނިންމުން ނިންމަން 6 އަހަރު ނަގާފައިވާކަމަށާއި މިއީ ވަރަށް ތާރިހީ ވަގުތު ކޮޅެއް ކަމަށެވެ. އޭނާ ބުނިގޮތުގައި 2032 ވަނަ އަހަރުގެ ޔޫރޯގައި ބޭނުންކުރާ ސްޓޭޑިއަމްތަކުގެ ތެރޭގައި ޔުއޭފާއިން ސެންސީރޯ ހިމަނާފައިނުވާ ކަމަށާއި އެންމެ ބޮޑު އެއް ސަބަބަކީ މިސްޓޭޑިއަމްގައި މިޒަމާނުގައި ސްޓޭޑިއަމެއްގައި ލިބެންޖެހޭ ހުރިހާ ހިދުމަަތްތަކެއް ލިބެން ނެތުން ކަމަށެވެ. އެހެން ކަމުން އައު ސްޓޭޑިއަމެއްގެ ބޭނުން ވަރަށް ބޮޑު ކަމުގައި އޭނާ ފާހަގަ ކުރިއެވެ.

ސެންސީރޯގެ ބަދަލުގައި އަލަށް އަޅާ ސްޓޭޑިއަމް ބިނާކުރުމަށް ކިހާ ދުވަހެއް ނަގާނެ ކަމެއް އަދި ނޭނގެއެވެ. މިލާން އާއި އިންޓަރއިން ވިސްނާފައިވަނީ ސެންސީރޯ ކައިރީ ޖެހިގެން އޮތް ބިމުގައި އަލަށް އިމާރާތް ކުރާ ސްޓޭޑިއަމް އަޅާ ނިމުމުން ސެންސީރޯ ތަޅާލާށެވެ. އެހެން ކަމުން އައު ސްޓޭޑިއަމް އަޅާ ނިމެންދެން އެހެން ސްޓޭޑިއަމަކަށް މިދެ ކްލަބަށް ބަދަލުވާކަށް ނުޖެހޭނެއެވެ.