ފަރަންސޭސިވިލާތުގެ ޤައުމީ ޓީމުން އެޓީމުގެ އައު ކޯޗު އަދި އެޓީމުިގެ ކުރީގެ ތަޖްރިބާކާރު ކުޅުންތެރިޔާ ޒިނިދުން ޒިދާންގެ ކޯޗުކަމުގެ ދަށުން ފުރަތަމަ ފަރިތަކުރުން ބާއްވައިފިއެވެ.
ޒިދާން ކޯޗުކޮށްދިނުމަށް އެނބުރި އައިސްފައިމިވަނީ ސްޕެނިޝް ލަލީގާގެ ރެއާލް މެޑްރިޑްގެ ކޯޗުކަމުން ވަކިވިތާ 5 އަހަރު ފަހުންނެވެ. ފަރަންސޭސި ކޯޗު ކަމާއި ޒިދާން ހަވާލުވެފައިވަނީ ތަޖްރިބާކާރު ކޯޗު ޑިޑިއަރ ޑެޝޯމްޕް ކާމިޔާބު 14 އަހަރަށްފަހު މަގާމުން އިސްތިއުފާ ދިނުމުންނެވެ. ޑޭޝޯމްޕްގެ ކޯޗު ކަމުގެ ދަށުން ފަރަންސޭސީން އެންމެ ފަހުން ކުޅެފައިވަނީ މިއަހަރު ބޭއްވި ފީފާ ވޯލްޑް ކަޕެވެ. މިފަހަރުގެ މުބާރާތް ފަރަންސޭސީން ނިންމާލީ ދުނިޔޭގެ ހަތަރު ވަނަ ޓީމުގެ ގޮތުގައެވެ.
ޒިދާންގެ ބެލުމުގެ ދަށުން އެކުލަވާލި 23 ކުޅުންތެރިންގެ ފުރަތަމަ ސްކޮޑުގައި އާންމުކޮށް ފާހަގަ ކޮށްލެވޭ ގިނަ ކުޅުންތެރިން ހިމެނިފައި ވީނަމަވެސް ދުވަސްވީ ތަޖްރިބާކާރު ބައެއް ކުޅުންތެރިންނަށް ފުރުސަތު ގެއްލިފައިވާކަން ފާހަގަ ކޮށްލެވެއެވެ. މިގޮތުން އެންމެ ފާހަގަ ވީ އެންގޯލޯ ކާންޓޭ ޓީމަށް ނަގާފައިނުވުމެވެ. ނިމިގެންދިޔަ ވޯލްޑް ކަޕަށް ކާންޓޭ ނަގާފައިވީ ނަމަވެސް އެމުބާރާތުގައި އެންމެ މެޗެއްގައިވެސް އޭނާ ކުޅެން އަރުވާފައެއް ނުވެއެވެ.
ޒިދާން ފާހަގަ ކުރިގޮތުގައި އޭނާގެ ކޯޗު ކަމުގެ ދަށުގައި ޒުވާން ކުޅުންތެރިންނަށް އިސްކަން ދިނުމަށް ނިންމާފައިވާކަމަށާއި އޭނާގެ ކޯޗުކަމުގެ ދައުރުގައި ފަރަންސޭސި ޓީމު ބޮޑަށް ބިނާކުރާނީ ޒުވާން ކުޅުންތެރިންގެ މައްޗަށެވެ. އަދި ކާންޓޭ އާއި ގުޅޭގޮތުން ސުވާލުކުރުމުން ޒިދާން ބުނެފައިވަނީ އޭނާގެ އުމުރުން މިހާރު 35 އަހަރު ކަމަށާއި އެހެން ކަމުން އޭނާ ޓީމަށް ނުނެގުން އެއީ އޭނާގެ ނިންމުން ކަމަށެވެ.
ޒިދާން އެކުލަވާލި ޓީމުގައި މީގެކުރިން ޤައުމީ ޓީމަށް ކުޅެފައިނުވާ 5 ކުުންތެރިން ހިމަނާފައިވެއެވެ. އޭގެތެރޭގައި ޓޮލޫސްގެ ކީޕަރ ގިއޮމް ރެސްޓް، ލޯންސްގެ ކީޕަރ ރޮބިން ރީސަރ، ޑިފެންޑަރުން ކަމަށްވާ ޖެރެމީ ޖެކީ އާއި އިންޓަރ މިލާންގެ އެންޑީ ޑިއޫފް އަދި ކޯމޯއަށް ކުޅޭ ލޫކަސް ޑި ކުންޔާ ހިމެނެއެވެ. މީގެއިތުރުން ޤައުމީ ޓީމުގެ ކެޕްޓަންގެ ގޮތުގައި ކިލިއަން އެމްބާޕޭ ދެމި ހުންނާނެކަންވެސް ޒިދާން ފާހަގަ ކޮށްފައިވެއެވެ.
ޒިދާންގެ ކޯޗު ކަމުގެ ދަށުން ފަރަންސޭސިވިލާތް ކުޅޭ ފުރަތަަމަ މެޗުގައި މިމަހުގެ 25 ވަނަ ދުވަހު ރަށުން ބޭރުގައި ނިކުންނާނީ ނޭޝަންސް ލީގުގެ މެޗެއްގައި ތުރުކީޔޭ އާއި ދެކޮޅަށެވެ. އަދި މީގެއިތުރުން މިމުބާރާތުގެ އިތުރު ތިން މެޗު މިފަހަރުގެ އިންޓަރނޭޝަނަލް ބްރޭކުގައި ފަރަންސޭސިވިލާތުން ކުޅޭނެއެވެ. އެތިން މެޗުގެ ތެރެއިން ދެމެޗު ކުޅޭނީ ބެލްޖިއަމް އާއި ދެކޮޅަށެވެ. އެއީ ރަށާއި ރަށުން ބޭނުގައި ކުޅޭ ދެމެޗެވެ. އަދި ތިންވަނަ މެޗުގައި ނިކުންނާނީ އިޓަލީވިލާތާއި ދެކޮޅަށެވެ.