އަމީނީ މަގު މަރާމާތުކުރުމުގެ މަސައްކަތުގެ ތެރެއިން ފުރަތަމަ ސެގްމަންޓުގައި ތާރުއަޅާ ނިންމާލާއިފިއެވެ. އަމީނީ މަގު މަރާމާތު ކުރުމުގެ މަސައްކަތުގެ ދަށުން ދެ ފަށަލައަށް ވަނީ ތާރު އަޅާފައެވެ.
އެމްޓީސީސީން އަމީނީ މަގުގެ މަރާމާތު ކުރަން ފަށާފައިވާ ސަރަހައްދުގެ ފުރަތަމަ ސެގްމަންޓުގައި ތާރު އެޅުމުގެ މަސައްކަތް ފެށީ މިދިޔަ ހޮނިހިރު ދުވަހުއެވެ. އަދި އިއްޔެ ތާރުގެ ދެވަނަ ފަށަލަ އެޅުމުގެ މަސައްކަތް ފެށިއިރު، މިއަދު ހެނދުނު ވަނީ އެ މަސައްކަތް ނިންމާލާފައެވެ.
އެމްޓީސީސީން ވިދާޅުވީ ތާރު އެޅުމުގެ މަސައްކަތް ނިންމުމަށްފަހު ދެން ކުރިއަށް ދާނީ މަގުގެ ނިޝާންތައް ކުރެހުންފަދަ އެންމެ ފަހުގެ މަސައްކަތްތައްކަމަށެވެ.
ތާރުއަޅައިގެން ތަރައްޤީކޮށްފައި އޮތް އަމީނީ މަގުގެ ތާރުފަށަލަ ހަލާކުވުމާއި ގުޅިގެން އެ ސަރަހައްދު މަރާމާތުކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިއަހަރުގެ ޖޫން މަހުގެތެރޭގައެވެ. މަގުގެ މަސައްކަތް އެކި ސެގްމަންޓްތަކަށް ބަހާލައިގެން ކުރަމުންދާއިރު ސެގްމަންޓް 1 ގައި ހިމެނެނީ އިއްޒުއްދީން މަގުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލުކައިރީ އޮންނަ ޕާކާ ހަމައަށް ތާރުއެޅުމުގެ މަސައްކަތެވެ.
މަގުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިންމުމަށްފަހު ދެވަނަ ސެގްމަންޓުގައި ހިމެނޭ ޢިއްޒުއްދީން މަގުން ފެށިގެން ޣިޔާސުއްދީން ސްކޫލާ ހަމައަށް މަގުގައި ތާރުއެޅުމުގެ މަސައްކަތް ފެށުމަށްވަނީ ނިންމާފައެވެ.
އަމީނީ މަގުގެ ހަލާކުވެފައި އޮތް ސަރަޙައްދު އަވަހަށް ހަލާކުވެފައިވަނީ ތާރު އެޅުމަށްފަހު، ތާރުގަނޑު ރަނގަޅަށް ނުހިކެނީސް އުޅަނދުތަކަށް މަގު ހުޅުވާލުމުންކަމަށް ކަމުގެ ފަންނީ ބޭފުޅުން ފާހަގަކުރައްވައެވެ. ޚާއްސަކޮށް އެ ސަރަޙައްދަކީ ބަސްދަތުރުކުރާ ސަރަޙައްދަކަށް ވުމުން ތާރުގަނޑު ހަލާކުވުމުގެ ފުރުޞަތު އޮވެއެވެ. މީގެއިތުރުން ރާއްޖޭގެ ހޫނުމިން މައްޗަށް ދާދުވަސްވަރު އޭގެ އަސަރުވެސް ތާރުގަނޑަށް ކުރާކަން ފާހަގަކުރެވެއެވެ.