ޚަބަރު

ވިމެންސް ޗެމްޕިއަންސް ލީގުގައި ސިޓީ އާއި ބަޔާންގެ މެޗު އެއްވަރު


  • މިމެޗު ނިމުނީ ދެ ލަނޑު ދެ ލަނޑުން 2 ޓީމު އެއްވަރު ވެގެން

ޔުއޭފާ ވިމެންސް ޗެމްޕިއަންސް ލީގުގައި މެންޗެސްޓަރ ސިޓީ އާއި ބަޔާން މިޔުނިކް ބައްދަލުކުރި މެޗު އެއްވަރުވެއްޖެއެވެ.

ބަޔާންގެ ދަނޑުގައި ކުޅުނު މިމެޗު ނިމުނީ 2 ލަނޑު 2 ލަނޑުން ދެޓީމު އެއްވަރު ވެގެންނެވެ. މިމެޗުގައި ބަޔާންއިން 2 ލަނޑުގެ ލީޑެއް ނަގާފައިވަނިކޮށް ސިޓީން ވަނީ ފަހަތުން އަރާ ބަޔާން އާއި އެއްވަރު ކޮށްފައެވެ. ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ގިނައިރު ސިޓީން ބޯޅަ ގެންގުޅުނު އިރު ގިނަ ހަމަލާ އުފައްދާފައިވަނީ ބަޔާންއިންނެވެ. އަދި މިމެޗުގެ ފެށުން ރަނގަޅުވެފައިވަނީވެސް ބަޔާންގެއެވެ.

މެޗުގެ 11 ވަނަ މިނެޓުގައި ބަޔާން އިން ވަނީ މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައެވެ. ލިންޑާ ޑާލްމަން ތަނަވަސްކޮށްދިން ފުރުސަތެއްގައި މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ޖޫލިއާ ގުވިންއެވެ. އަދި މިލަނޑު ޖެހިތާ 16 މިނެޓް ފަހުން ފެނިގެންދިޔައީ ބަޔާންގެ ލީޑު ފުޅާވެގެންދިޔަ ތަނެވެ. ނަމަވެސް މިލަނޑަކީ ސިޓީގެ ޑިފެންޑަރ ކަރސްޓިން ކެސްޕަރީ އެއްވެސް ޕްރެޝަރެއް ނެތި ބޯޅައެއް ދިފާއު ކުރަން އުޅުމުގެ ތެރޭގައި އޭނާ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

މިމެޗުގައި ސިޓީން މެޗުގެ ތެރެއަށް ވަދެވޭވަރުވީ ފުރަތަމަ ހާފު ނިމެން ގާތް ވެފައިވަނިކޮށެވެ. މިގޮތުން ފުރަތަމަ ހާފުގެ ފަހު މިނެޓްގައި ސިޓީން ވަނީ ލަނޑެއް ޖަހާ ދެޓީމުގެ ދެމެދުގައިވާ ފަރަގު ކުޑަކޮށް އުންމީދު އާކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ބެތު މީޑްއެވެ. މިމެޗުގެ ދެވަނަ ހާފުގައި ސިޓީއަށް މެޗުގެ ނަތީޖާ ހަމަހަމަ ކުރުމަށް ލިބިގެންދިޔަ އެންމެ ރަނގަޅު ފުރުސަތުގެ ބޭނުން ހިފޭގޮތެއް ނުވިއެވެ. ބަޔާންގެ ކީޕަރ އެނާ މަހުމުޓޯވިޗް ކުރި ފައުލަކާއި ގުޅިގެން ސިޓީއަށް ލިބުނު ޕެނަލްޓީ ހަދީޖާ ޝޯ ޖެހުމުން މަހުމުޓޯވިޗްވަނީ ދިފާއުކޮށްފައެވެ. ނަމަވެސް މެޗު ނިމެން 4 މިނެޓަށް ވެފައިވަނިކޮށް ސިޓީއަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނީ އެޓީމަށް ކުޅޭ ޖަރުމަނުގެ ކުޅުންތެރިޔާ ކާލޮޓާ ވެމްސަރ ޖަހައިދިން ލަނޑުންނެވެ. މިއީ ވެމްސަރ ސިޓީއަށް ކާމިޔާބު ކޮށްދިން ފުރަތަމަ ލަނޑެވެ.

މިމެޗުގެ ފަހު ވަގުތު ކޮޅުގެ ތެރޭގައި ބަޔާންއަށް މެޗުގެ ލީޑު އަލުން ނަގާނެ ރަނގަޅު ދެ ފުރުސަތެއް ލިބުނު ނަމަވެސް އެދެފުރުސަތުގެ ބޭނުން އެޓީމަށް ހިފޭގޮތެއް ނުވިއެވެ. މީގެއިތުރުންވެސް މިމެޗުގައި ބަޔާންއަށް އެޓީމުގެ ލަނޑުގެ އަދަދު އިތުރު ކުރާނެ ރަނގަޅު ފުރުސަތު ތަކެއް ލިބި ބޭކާރު ވެގެންދިޔަތަން ފެނިގެންދިޔައެވެ. މިމުބާރާތުގައި ބަޔާން ދެން ކުޅޭ މެޗުގައި ބައްދަލުކުރާނީ ޕޯޗުގަލްގެ ބެންފީކާ އާއެވެ. އަދި ސިޓީ ބައްދަލުކުރާނީ ރެއާލް މެޑްރިޑްގެ ޓީމާއެވެ.

މިމުބާރާތުގައި ކުޅުނު އެހެން ބައެއް މެޗުތަކަށް ބަލާއިރު އިންޓަރ މިލާން އާއި ހަކެން ބައްދަލުކުރި މެޗު އަމިއްލަ ދަނޑުގައި އެއް ލަނޑު ސުން ލަނޑުން ކާމިޔާބު ކޮށްފައިވަނީ އިންޓަރއެވެ. އަދި ޔުވެންޓަސް އާއި ބެންފީކާ ބައްދަލުކުރި މެޗު ރަށުން ބޭރުގައި 2 ލަނޑު އެއް ލަނޑުން ކާމިޔާބު ކޮށްފައިވަނީ ބެންފީކާއެވެ.