އައްޑޫ ލިންކް ރޯޑު އަލުން ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ޗައިނާގެ ހޮންގްކޮންގްގެ ކުންފުނި ރޯޓައިމް އިންޖިނިއަރިން އެންޑް ޓެކްނޮލަޖީ ކޯ ލިމިޓެޑްއާ ހަވާލުކޮށްފިއެވެ.
މިކަމުގެ އެއްބަސްވުމުގައި ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ސޮއިކުރެއްވީ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. އަދި ރޯޓައިމް އިންޖިނިއަރިންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ޒޫ ވެއިޑޮންގްއެވެ.
މި މަޝްރޫޢުގެ ދަށުން ޑީޓުއަރ ބުރިޖުން ފެށިގެން ހިތަދޫ ސްޓޭޑިއަމްއާ ހަމައަށް ލިންކް ރޯޑް 4 ލޭނަށް ފުޅާކޮށް 12.3 ކިލޯމީޓަރުގެ މަގު ތަރައްޤީކުރުމަށް ހަވާލުކޮށްފައިވެއެވެ.
ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު މީގެ ކުރިން ވިދާޅުވެފައިވަނީ އެ މަގު ތަރައްޤީ ކުރާނީ މަގު އެއްކޮށް ބަންދުނުކޮށްކަމަށެވެ.
މި މަސައްކަތް ކުރުމަށް ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފައިވާއިރު މީގެ ކުރިން އެ މަގުގެ ބައެއް މަސައްކަތްތައް ކުރުމަަށް އާރްޑީސީއާވެސް ހަވާލުކުުރިއެވެ. އެ މަސައްކަތް ކުރުމަށް ބޭނުންވާ ބޮޑެތި އުޅަނދުތައް އެ ސީޓީއަށް ގެންގޮސް ސާފުކުރުމުގެ މަސައްކަތް މިއަހަރުގެ ކުރީކޮޅު ފެށިއެވެ.
އައްޑޫ ލިންކް ރޯޑުގެ މަސައްކަތް އެހެން ފަރާތަކާ ހަވާލުކުރީ އާރްޑީސީ ސްކޯޕުން ލިންކް ރޯޑުގެ މަސައްކަތް އުނިކުރުމަށްފަހުކަމަށް ބިނާރާބެހޭ ވުޒާރާއިން ވިދާޅުވިއެވެ.
2003ވަނަ އަހަރު އައްޑޫ ލިންކް ރޯޑު ބޭނުންކުރަން ފެށިފަހުން އެކި ދުވަސްވަރު މަތިން މިމަގު މަރާމާތު ކުރި ނަމަވެސް މަގުގެ ހާލަތު އޮތީ، ވަރަށް ދަށްކޮށް ކަމަށް އެ ސިޓީގެ ރައްޔިތުން ފާހަގަކުރެއެވެ. އަދި މި މަގުގެ ފެންވަރު ދަށްވުމުގެ ސަބަބުން ވޭތުވެދިޔަ އަހަރުތަކުގައި މިމަގުގައި ނުރައްކާތެރި އެތައް ހާދިސާތަކެއް ވަނީ ހިނގާފައެވެ. އަދި ބައެއް ހާދިސާތަކުގައި އެތައް ބައެއްގެ ފުރާނަ ގެއްލި ފޫނުބެއްދޭ ވަރުގެ ހިތާމަވެރި އެތައް ހާދިސާއެއް ހިނގާފައިވެއެވެ.