ޚަބަރު

އެމްޓީސީސީގެ މަޝްރޫޢުތަކަށް އިންވެސްޓްކުރުމަށް ޔޫއޭއީގެ ކުންފުންޏަކާއެކު މަޝްވަރާތަކެއް!


  • މި މަޝްވަރާތައް ކުރިއަށްދިޔައީ ޔޫއޭއީގެ ނެޝެނަލް މެރިން ޑްރެޖިން ކޮމްޕެނީއާއެކު

  • ގުޅުން ބަދަހި ކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވި

  • ދެފަރާތުގެ ދެމެދުގައި އެއްބަސްވުމެއް އެކުލަވާލުމަށް ހަމަޖެހިފައިވޭ

އެމްޓީސީސީން ކުރިއަށްގެންދާ މަޝްރޫޢުތަކަށް އިންވެސްޓްކޮށް އެހެނިހެން އާލާތްތައް ފޯރުކޮށްދިނުމާ ގުޅޭގޮތުން ޔޫއޭއީގެ ނެޝެނަލް މެރިން ޑްރެޖިންގ ކޮމްޕެނީއާއެކު މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާތައް ކުރިއަށްގެންގޮސްފައިވަނީ އެންއެމްޑީސީގެ އަބޫދާބީ ހެޑް އޮފީހުގައެވެ. މި މަޝްވަރާ ބައްދަލުވުމުގައި ރާއްޖެއިން އެކުވެރި އަރަބި އިމާރާތް، ޔޫއޭއީއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޠާރިޤް އިބްރާހިމް ބައިވެރިވެވަޑައިގެންނެވިއެވެ.

އެމްޓީސީސީގެ ޗެއަރ ޕާރސަން ސާދާ އިބްރާހިމާއި މެނޭޖިންގ ޑިރެކްޓަރ އަޙުމަދު ސަޢުދީ އަދި އެމްޓީސީސީގެ އިސްވެރިންވެސް މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ. އެންއެމްޑީސީ ގްރޫޕްގެ ފަރާތުން ބައިވެރިވެވަޑައިގަތީ އެ ކުންފުނީގެ ސީއީއޯ ނީލްސް ޑި ބްރާއެން އަދި ކުންފުނީގެ އިސްވެރިންނެވެ.

މި މަޝްވަރާ ބައްދަލުވުމުގައި އެމްޓީސީސީއާއި އެންއެމްޑީސީއާ ދެމެދު ގުޅުން ބަދަހި ކުރެވިދާނެ ތަފާތު ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. އަދި ދެ ކުންފުނީގެ މެދުގައި ސްޓްރެޓީޖިކް ގުޅުން ބަދަހިކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުންވެސް މަޝްވަރާ ކޮށްފައިވާކަމަށް އެމްޓީސީސީން ވިދާޅުވިއެވެ.

ދެކުންފުނި ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި، އެމްޓީސީސީގެ މަޝްރޫޢުތަކަށް އެންއެމްޑީސީން އިންވެސްޓް ކުރުމާ ގުޅޭގޮތުން މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރެއްވިއެވެ. އަދި ޑްރެޖިން ސަޕޯޓް އަދި އެހެނިހެން އާލާތްތައް ފޯރުކޮށްދިނުމާއި، މުވައްޒިފުންނަށް ތަމްރީނު ހޯދުމަށް ޓްރޭނިންގެ އިތުރުން އެކްސްޗޭންޖް ޕްރޮގްރާމްތައް ހިންގުމާއި ގުޅޭގޮތުންވެސް ވަނީ މަޝްވަރާކޮށްފައެވެ. އެމްޓީސީސީން ވިދާޅުވީ މި މަޝްވަރާތަކަށް ރިޢާޔަތްކޮށް ދެފަރާތުގެ ދެމެދުގައި އެއްބަސްވުމެއްގައި ސޮއިކުރުމަށް ހަމަޖެހިފައިވާކަމަށެވެ.

އެންއެމްޑީސީ ގްރޫޕަކީ މެދުއިރުމަތި އަދި ދެކުނު އޭޝިއާގެ ޤައުމުތަކުގައި މެރިން ޑްރެޖިންގ މަޝްރޫޢުތައް ކާމިޔާބުކަމާއެކު ހިންގުމުގެ 50 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ކުންފުންޏެކެވެ.

އެމްޓީސީސީއަކީ ރާއްޖޭގައި ކުރިއަށްގެންދާ ތަރައްޤީގެ މަޝްރޫޢުތަކުގައި މުހިއްމު ބައިވެރިއެކެވެ. ޚާއްސަކޮށް އެ ކުންފުނިން އަންނަނީ ރާއްޖޭގެ އެކި ސަރަޙާއްދުގައި ބިން ހިއްކުމުގެ ބޮޑެތި މަޝްރޫޢުތައް ކުރިއަށްގެންދަމުންނެވެ.