ސަރުކާރުން ފެލިވަރުގައި ތަރައްޤީކުރާ ކޯލްޑް ސްޓޯރޭޖު ފެސިލިޓީ މަސައްކަތުގެ ބޮޑު ބައެއް ނިންމާލައި އެތަނުގެ ފިނިޝިންގެ މަސައްކަތްތައް ފަށައިފިއެވެ.
ޢުމްރާނީގޮތުން މަސްވެރިކަމުގެ ދާއިރާ ތަރައްޤީކުރުމުގެ މަސައްކަތްތަކުގެ ތެރެއިން މިވަގުތު އެންމެ އިސްކަމެއްދީގެން ކުރަމުންދަނީ، މަސް ގަނޑުކޮށް ރައްކާކުރެވޭނެ ފެސިލިޓީތައް އިތުރުކުރުމުގެ މަސައްކަތްތަކެވެ.
ފެލިވަރު އައު ކޯލްޑް ސްޓޯރޭޖުގެ މަސައްކަތަކީ ފެލިވަރު އެކްސްޕެންޝަން ޕްރޮޖެކްޓުގެ ސްކޯޕުގެ ތެރޭގައި ހިމަނައިގެން ކުރިއަށްގެންދާ މަސައްކަތަކެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ އިންޑިއާގެ ކުންފުންޏަކާއެވެ. މި މަޝްރޫޢުގެ ސަބަބުން އުތުރުގެ މަސްވެރިންނަށް ފަސޭހަކަމާއެކު ސީދާ ފެލިވަރަށް މަސް ކިރޭނެއެވެ. ގާތްގަނޑަކަށް 23 މިލިޔަން ޑޮލަރުގެ މި މަޝްރޫޢަކީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނު ފައިނޭންސްގެ ދަށުން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ މަޝްރޫޢެކެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އެ މަސައްކަތް ކުރިއަށްގެންދާ ރައިނެކް އިންޑިއާ ލިމިޓެޑްގެ ޕްރޮޖެކްޓު މެނޭޖަރ އާސިފް ބުނީ ވިދާޅުވީ، މަސައްކަތުގެ 93 އިންސައްތަ މަސައްކަތް ނިމިފައިވަކަމަށެވެ. މިހާރު ކުރިއަށްދަނީ ފިނިޝިންގެ މަސައްކަތްތައްކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި ކޮމިޝަންކުރަންޖެހޭ ތަކެތި ކޮމިޝަންކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެކަމަށް އޭނާ ވިދާޅުވިއެވެ.
އާސިފް ވިދާޅުވީ، މި މަޝްރޫޢުގައި 3 އިމާރާތެއްގެ މަސައްކަތް ހިމެނޭކަމަށެވެ. މިއިން ކޮންމެ އިމާރާތެއްގައިވެސް މުހިންމު ގިނަ ޚިދުމަތްތަކެއް ޤާއިމްވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ. މި ތަނުގެ ފިނިޝިންގ މަސައްކަތްތައް ނިންމާ މިއަހަރުގެ މަސްވެރިންގެ ދުވަހު މިތަން ހުޅުވުމަށް ދަނީ ތައްޔާރުވަމުންނެވެ.
"ބިލްޑިން އޭ އަކީ 4000 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖް އިމާރާތެއް. ބިލްޑިން ބީގައި 80 ޓަނުގެ އާރްއެސްޑަބްލިއު ސިސްޓަމް، 100 ޓަނުގެ ބްރައިން ފްރީޒިންގ ފެސިލިޓީއަކާއި ބިލްޑިން ސީ އެއީ ކަރަންޓު ދިނުމަށް ޚާއްސަ އިމާރާތެއްކަމަށް. އަދި މި ޕަވަރ ހައުސް ބޭނުން ކުރަން ފެށުމުން މުޅި ރަށަށް ކަަރަންޓު ދޭނީ އެ ތަނުން" އާސިފް ވިދާޅުވިއެވެ.
މި މަޝްރޫޢުގެ ދަށުން ފެލިވަރުގައި ޤާއިމުކުރާ 4000 ޓަނުގެ ކޯލްޑް ސްޓޯރޭޖަކީ ރާއްޖޭގައި މިހާތަނަށް ޤާއިމުކުރާ އެންމެ ބޮޑު ކޯލްޑް ސްޓޯރޭޖެވެ. މި މަޝްރޫޢުގެ ތެރޭގައި ހިމެނޭ ވަސީލަތްތައް ޤާއިމްކުރަނީ ސަރުކާރުން އެކަމަށް ފެލިވަރުގެ ފަޅުން ހިއްކާފައިވާ 5.7 ހެކްޓަރުގެ ބިމުގެ ސަރަޙައްދުގައެވެ. މި މަޝްރޫއުގެ ތެރެއިން ޤާއިމްކޮށްފައިވާ އައު ބަނދަރުގެ މަސައްކަތްވެސް މިހާރު ވަނީ ނިންމާލާފައެވެ. މަސްކިރާ އުފުލުމަށް ބަނދަރުގައި 3 ކެރޭން ނުވަތަ މަސް އުފުލާ ވަސީލަތްވަނީ ޤާއިމްކޮށްފައެވެ.
ފެލިވަރުގައި ކޯލްޑް ސްޓޯރޭޖް ޤާއިމްކުރުމުގެ ސަބަބުން އުތުރުގެ މަސްވެރިން ކޫއްޑޫއަށް މަސްކިރަން ދިއުމަށް ކުރާ ދިގު ދަތުރުތައް ނިމުމަކަށް އަންނާނެކަމަށް މިފްކޯއިން ވިދާޅުވެއެވެ. އަދި އުތުރުގެ މަސްވެރިން ތެލަށްކުރާ ޚަރަދު ވަރަށް ބޮޑަށް ކުޑަވެގެންދާނެކަންވެސް އެކުންފުނިން ފާހަގަކުރެއެވެ.