ކުޅިވަރު

"ސްޕޭން ކުޅޭގޮތަށް އިނގިރޭސިންނަކަށް ނުކުޅެވޭނެ، ކުޅޭނީ ފިޒިކަލް ފުޓްބޯޅަ"


ސްޕޭން ކުޅޭ ފުޓްބޯޅަ އިނގިރޭސިންނަށް ނުކުޅެވޭނެ ކަމަށާއި މިހެންވެ ސްޓައިލް ބަދަލު ކުރަން ނުޖެހޭ ކަމަށް އިނގިރޭސި އެޓޭކިން މިޑްފީލްޑަރު އެންތަނީ ގޯޑަން ބުނެފި އެވެ.

އޭނާ މިހެން ބުނީ ނޭޝަންސް ލީގުގައި ސްޕޭނާއި އިނގިރޭސިން ކުޅެން ޖެހޭ މެޗުގެ ކުރިން ވާހަކަ ދައްކަމުންނެވެ. ވޯލްޑް ކަޕަށް ފަހު ގޯޑަން މިހާރު ކުޅެމުންދަނީ ސްޕޭނުގެ ބާސެލޯނާ އަށެވެ.

"ރަނގަޅު ބާސެލޯނާގެ ސްޓައިލަކީ ވަރަށް ތަފާތު ސްޓައިލެއް. ސްޕޭން ކުޅެނީ ބާސެލޯނާގެ ސްޓައިލަށް. އެކަމަކު އަހަރެން ދެކޭ ގޮތުގައި ސްޕޭނުގެ ސްޓައިލަށް އަހަރުމެންނަކަށް (އިނގިރޭސިންނަށް) ނުކުޅެވޭނެ. މިހެންވެ ސްޕޭނުގެ ސްޓައިލް ކޮޕީ ކުރަން އަހަރުމެންގެ ސްޓައިލް ބަދަލު ކުރާކަށް ނުޖެހޭ،" ގޯޑަން ބުންޏެވެ.

އޭނާ ބުނީ އެއްވެސް އިރެއްގައި އިނގިރޭސިންނަކީ ސްޕޭން ފަދައިން ބޯލަ ހިފަހައްޓައިން ކުޅޭ ބައެއް ނޫން ކަމަށެވެ.

"މި ދެ ގައުމަކީ ސްޓައިލްގެ ގޮތުން ވަރަށް ތަފާތު ދެ ގައުމު. އަހަރެން މިހާރު މި ދެ ގައުމުގެ ފުޓްބޯޅަ ވެސް ތަޖުރިބާ ކޮށްފިން. އަހަރުމެންނަށް އަދި (ސްޓައިލް ބަދަލު ކޮށްގެން) ހިފަހައްޓާލެވޭނެ ޓީމެއް ނޫން ސްޕޭނަކީ. އަހަރުމެންގެ ސަގާފަތުގައި އޮތް ކަމެއް ނޫން އެއީކީ. އަހަރުމެން ފިޒިކަލްކޮށް ކުޅެނީ. މިހެންވީމާ އަހަރެން ދެކޭ ގޮތުގައި އަހަރުމެން ވިސްނަންވާނީ ކައުންޓަ އެޓޭކްގައި ފިޒިކަލް ފުޓްބޯޅަ ކުޅެން. ޑައިރެކްޓް ފުޓްބޯޅައިން އަހަރުމެންނަށް މާރަނގަޅަށް ކުޅެވޭނެ. އަހަރުމެން އެ ގޮތަށް ކުޅެގެން ވެސް އަހަރުމެން ޓީމުގައި އެބަހުރި ކޮންމެ ގައުމެއް ވެސް ބަލި ކުރެވޭނެ ކޮލިޓީ،" ވޯލްޑް ކަޕަށް ފަހު އިނގިރޭސިވިލާތުގެ ނިއުކާސަލް ދޫކޮށް ބާސެލޯނާ އަށް ބަދަލުވި ގޯޑަން ބުންޏެވެ.

ގޯޑަންގެ އިތުރުން ސްޕޭނުގައި ކުޅޭ އިނގިރޭސި އެންމެ ފާހަގަ ކޮށްލެވޭ ކުޅުންތެރިއަކީ ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ޖޫޑް ބެލިންހަމެވެ.

ވެމްބަލީގައި ސްޕޭނާ ދެކޮޅަށް ކުޅުމަށް ފަހު ޗެކްރިޕަބްލިކާ ދެކޮޅަށް އެ ދަނޑުގައި ނުކުތުމުގެ ކުރިން އިނގިރޭސިން ދާނީ ޗެކްރިޕަބްލިކާއި ކްރޮއޭޝިޔާ އަށެވެ.