ޚަބަރު

ވަޒީރުންގެ "އަހާ" ފޯރަމް އާދިއްތަ ދުވަހުގެރޭ


  • 3 ވަޒީރަކު ބައިވެރިވެވަޑައިގަންނަވާނެ

  • ސުވާލުތައް ހުށަހެޅުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައި

  • ފޯރަމް އޮންނާނީ އާދިއްދަ ދުވަހުގެރޭ 21:00ގައި

ސަރުކާރުގެ ވުޒާރާތަކުން ކުރަމުން އަންނަ މަސައްކަތްތަކާބެހޭ މަޢުލޫމާތު ހިއްސާކޮށް ރައްޔިތުން ކުރަން ބޭނުންވާ ސުވާލުތަކަށް ޖަވާބުދެއްވުމަށް ބާއްވާ ވަޒީރުންގެ ފޯރަމް އާދިއްދަ ދުވަހު ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

މިއީ ސަރުކާރުގެ އެކި ވުޒާރާތަކުގެ މަސައްކަތްތައް ވީހާވެސް ތަފްޞީލުކޮށް އާންމުންނާ ހަމައަށް ގެނެސްދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމް ގުޅިގެން ގެނެސްދޭ ފޯރަމެކެވެ.

ވަޒީރުންގެ "އަހާ" ފޯރަމުގެ މިފަހަރުގެ ފޯރަމުގައި 3 ވަޒީރަކު ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. ފޯރަމް އޮންނާނީ އާދިއްތަ ދުވަހުގެ ރޭ 21:00 ގައެވެ.

ފޯރަމުގައި ބައިވެރިވެވަޑައިގަންނަވާ ވަޒީރުން:

• ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު
• މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް
• ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން

ދެ ގަޑިއިރަށް ކުރިއަށްގެންދާ މި ފޯރަމުގައި ބައިވެރިވެ، ވަޒީރުންނާ ކުރަން ބޭނުންވާ ސުވާލުތައް ފޮނުވުމުގެ ފުރުޞަތު މިހާރު އާންމުންނަށް ވަނީ ހުޅުވާލާފައެވެ. އެގޮތުން ފޯރަމް އޮންނަ ތަނަށް ގޮސް ސުވާލުކުރުމާއި، ޕީއެސްއެމް އެއަރ އެޕް މެދުވެރިކޮށްވެސް ވަޒީރުންނާ ސުވާލުކުރެވޭނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ޕީއެސްއެމް ގުޅިގެން ކުރިއަށްގެންދާ "އަހާ" ސިލްސިލާގެ ފޯރަމްތައް ފަށާފައިވަނީ 2024 ވަނަ އަހަރުގެ ޖެނުވަރީމަހުގެ ތެރޭގައެވެ.

ވަޒީރުންގެ ފޯރަމުގެ އިތުރުން ރައްޔިތުންނަށް ސީދާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި ބައްދަލުކުރައްވާ ކަންބޮޑުވުންތައް ހިއްސާކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް "ރައްޔިތުންގެ އަޑު"ގެ ނަމުގައި ޚާއްސަ ސިލްސިލާ ޕްރޮގްރާމެއް އަންނަނީ ގެންނަމުންނެވެ. އަދި ސަރުކާރުގެ ސިޔާސަތުތަކާއި، މަސައްކަތްތަކާގުޅޭ މަޢުލޫމާތު ހިއްސާކުރުމަށް ޕީއެސްއެމްއާ ގުޅިގެން "ނޭޝަން ޗެޓް"ގެ ނަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަންނަވާ ޚާއްސަ ސިލްސިލާ ޕްރޮގްރާމެއް އަންނަނީ ގެނެސްދެމުންނެވެ.